ދޯހާ (4 ޑިސެމްބަރު) - ފީފާ ވޯލްޑް ކަޕްގެ ގަދަ 16ގެ ބުރުގައި މިރޭ ސެނެގާލްއާ ދެކޮޅަށް އިންގްލެންޑް ނުކުންނައިރު، އިންގްލެންޑް އޮތީ ޕެނަލްޓީ ޝޫޓްއައުޓަކަށް ވެސް "ނަފްސާނީ އަދި ޖިސްމާނީ" ގޮތުން ތައްޔާރަށް ކަމަށް އެ ޓީމުގެ ކޯޗު ގެރެތު ސައުުތުގޭޓް ބުނެފިއެވެ.
އިންގްލެންޑްގެ ކޯޗުކަމާ 2016 ވަނަ އަހަރު ސައުތުގޭޓް ހަވާލުވި ފަހުން އިންގްލްނެޑް ވަނީ ބައިނަލްއަގުވާމީ ތިން މުބާރާތުގައި ޕެނަލްޓީ ޝޫޓްއައުޓެއްގައި ވާދަކޮށްފަ އެެވެ. ޕެނަލްޓީ ޖަހައިގެން 2018 ވަނަ އަހަރު ވޯލްޑް ކަޕްގައި ކޮލަމްބިއާ އަތުން އިންގްލެންޑް ވަނީ މޮޅުވެފަ އެވެ. އަދި 2019 ވަނަ އަހަރު ނޭޝަންސް ލީގުގައި ސްވިޓްޒަލޭންޑް އަތުން ވެސް ޕެނަލްޓީ ޖަހައިގެން އިންގްލެންޑް މޮޅުވިއެވެ.
އެކަމަކު، އެންމެ ފަހުން ޕެނަލްޓީ ޝޫޓްއައުޓެއްގައި އިންގްލެންޑް ވާދަކުރި ފަހަރު ކުރިމަތިވީ ނާކާމިޔާބާއެވެ. ޔޫރޯ 2020ގެ ފައިނަލްގައި އިންގްލެންޑް ވަނީ ޕެނަލްޓީ ޖަހައިގެން އިޓަލީ އަތުން ބަލިވެފައެވެ.
ސެނެގާލްއާ ދެކޮޅަށް މިރޭ ނުކުތުމުގެ ކުރިން މީޑިއާއާ ވާހަކަ ދައްކަމުން ސައުުތުގޭޓް ބުނީ މިރޭގެ މެޗު ޕެނަލްޓީ ޝޫޓްއައުޓަކާ ހަމައަށް ދިޔަޔަސް، އިންގްލެންޑްގެ ކުޅުންތެރިން ތިބީ ތައްޔާރަށް ކަމަށެވެ.
"އަހަރަމެން މިިތިބީ ތައްޔާރަށް. އަހަރަމެންގެ އަމާޒަކީ 90 މިނިޓުގެ ތެރޭގައި މެޗުން މޮޅުވުން. އެކަމަކު އެކަން ނުވެއްޖެނަމަ ދެން އޮތް މަރުހަލާ (އެކްސްޓްރާ ޓައިމް އަދި ޕެނަލްޓީ) އަށް ވެސް ކުޅުންތެރިން ތިބީ ޖިސްމާނީ އަދި ނަފްސާނީ ގޮތުން ތައްޔާރަށް،" ސައުތުގޭޓް ބުންޏެވެ.
ސެނެގާލް އިތުބާރާއި ހިތްވަރާއެކު
މި އަހަރުގެ ވޯލްޑް ކަޕްގައި ވާދަކުރާ އެފްރިކާގެ ޓީމުގެ ތެރެއިން، ސެނެގާލް އަކީ ފީފާ ރޭންކިންގައި އެންމެ މަތީގައި އޮތް ޓީމެވެ. އަދި އެފްރިކަން ކަޕް އޮފް ނޭޝަންސްގެ އެންމެ ފަހުގެ ޗެމްޕިއަނެވެ.
ސެނެގާާލް އަކީ މީގެ ކުރިން ވެސް ވޯލްޑް ކަޕްގައި މުޅި ދުނިޔެ ސިއްސުވާލާފައިވާ ނަތީޖާތަކެއް ނެރިފައިވާ ގައުމެކެވެ. އެންމެ ފާހަގަކޮށްލެވެނީ 2002 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި، އެންމެ ފަހުގެ ޗެމްޕިއަނުންގެ ގޮތުގައި އޮތް ފްރާންސް އަތުން ހޯދި މޮޅެވެ. އެއީ ސެނެގާލް ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ މެޗެވެ. މިހާރު ސެނެގާލްްގެ ކޯޗަކަށްހުރި އަލިއޫ ސީސޭ އަކީ 2002 ވަނަ އަަހަރުގެ ޓީމުގެ ކެޕްޓަނެވެ.
މި މެޗުގެ ކުރިން އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސެނެގާލްގެ ކޯޗު ސީސޭ ބައިވެރިއެއްނުވެއެވެ. ސީސޭ ބަލިވެ އުޅޭތީ އިއްޔެ އޮތް ސެނެގާލްގެ މެޗު ވޯމަޕްގައި ވެސް އޭނާ ބައިވެރިނުވެއެވެ. އެކަމަކު އެ ޓީމުގެ އެސިސްޓަންޓް ކޯޗު ރެޖިސް ބޮގައޭ ބުނީ މިރޭގެ މެޗުގައި ސީސޭ ބެންޗުން ފެންނާނެކަމުގެ އުންމީދު ބޮޑު ކަމަށެވެ.
ސީސޭގެ ބަދަލުގައި މެޗުގެ ކުރިން މީޑިއާއާ ވާހަކަދައްކަމުން ބޮގައޭ ބުނީ މެޗުގެ ކުރިން އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅޭ ސެނެގާލްގެ ކުޅުންތެރިންނާ ވާހަކަދައްކައި، އިންގްލެންޑްގެ ކުޅުންތެރިންގެ މައުލޫމާތުތައް ހޯދާފައިވާ ކަމަށެވެ. އަދި މި މުބާރާތުގައި ކުރިމަތިލާންޖެހޭ ކޮންމެ ޓީމެއް ވެސް ބަލިކުރެވޭނެކަމުގެ އިތުބާރު ސެނެގާލް އަށް އެބައޮތްކަމަށެވެ.
"ސެނެގާލް ދަނީ ކުރިއެރުންތައް ހޯދަމުން. ސެނެގާލް އަކީ ކޮންމެ ޓީމެއް ވެސް ބަލިކުރެވޭ ފެންވަރުގެ ޓީމެއް. އެއީ އަހަރަމެން ގަބޫލްކުރަންޖެހޭ ގޮތަކީ،" ބޮގައޭ ބުންޏެވެ.
ސެނެގާލް އާއި އިންގްލެންޑް ބައްދަލުކުރާ މެޗު ފަށާނީ މިރޭ 00:00ގަ އެވެ.
މެޗު ފެކްޓްސް
- ވޯލްޑް ކަޕްގައި އިންގްލެންޑް އެފްރިކާގެ ގައުމުތަކާ ދެކޮޅަށް ޖުމްލަ ހަތް މެޗު ކުޅެފައިވާއިރު، އެއްވެސް މެޗަކުން ބައްޔެއްނުވޭ. ވޯލްޑް ކަޕްގެ ނޮކްއައުޓް ސްޓޭޖުގައި އެންމެ ފަހުން އެފްރިކާގެ ޓީމަކާ ދެކޮޅަށް އިންގްލެންޑް ކުޅުނީ 1990 ވަނަ އަހަރު ކެމަރޫނާ ދެކޮޅަށް. އެކްސްޓްރާ ޓައިމް އަށް ފަހު އެ މެޗު އިންގްލެންޑް އިން ކާމިޔާބުކުރީ 3-2 އިން.
- އެފްރިކާގެ ޓީމެއް އަތުން އިންގްލެންޑް އަދި ބައްޔެއްނުވޭ.
- ޔޫރަޕްގެ ޓީމުތަކާ ދެކޮޅަށް ވޯލްޑް ކަޕްގެ ނޮކްއައުޓް ބުރުގައި އެފްރިކާގެ ޓީމުތައް އެންމެ ފަހުން ކުޅެފައިވާ ނުވަ މެޗުގެ ތެރެއިން އަށް މެޗުން އެފްރިކާގެ ޓީމުތައް ވަނީ ބަލިވެފަ. ޔޫރަޕްގެ ޓީމެއް ވޯލްޑް ކަޕްގެ ނޮކްއައުޓް ބުރަކުން ބަލިކުރި ޓީމަކީ ސެނެގާލް. އެއީ 2002 ވަނަ އަހަރު ވޯލްޑް ކަޕްގެ ގަދަ 16ގެ ބުރުގައި ސްވިޑަން އަތުން ސެނެގާލް މޮޅުވި މެޗު.
- މިއީ ވޯލްޑް ގަދަ16ގައި ސެނެގާލް ވާދަކުރާ ދެވަނަ ފަހަރު












