ޕޯޗުގަލް އަތުން މޮޅުވެ ދެކުނު ކޮރެއާ ދެ ވަަނަ ބުރަށް، އުރުގުއޭ ކަޓައިފި

Dec 2, 2022, 5:32 PM
ޕޯޗުގަލް އަތުން މޮޅުވެ ދެކުނު ކޮރެއާ ދެ ވަަނަ ބުރަށް، އުރުގުއޭ ކަޓައިފި

ދޯހާ، ގަތަރު (ޑިސެމްބަރު 2) - މެޗުގެ އިތުރު ވަގުތުގައި ގޯލު ޖަހައި ފަހަތުން އަރައި ޕޯޗުގަލް 2-1 އިން ބަލިކޮށް، ފީފާ ވޯލްޑް ކަޕްގެ ދެ ވަނަ ބުރުގެ ޖާގައެއް ދެކުނު ކޮރެއާ އިން ހޯދައިފި އެވެ.

މި ގްރޫޕްގެ އަނެއް މެޗުން، މިރޭ ގާނާ އަތުން 2-0 އިން މޮޅުވި، އުރުގުއޭ ވަނީ ކަޓައިފަ އެވެ. އެއީ ޕޯޗުގަލް އަތުން ކޮރެއާ ހޯދި މޮޅާ އެކު އެވެ. ދެކުނު ކޮރެއާ އަށް ދެ ވަނަ ބުރުގެ ޖާގަ ލިބުނީ އުރުގުއޭއާ ޕޮއިންޓްގެ ގޮތުން ހަމަހަމަވެ، ގޯލުގެ ތަފާތަށް ބަލާއިރު ވެސް ދެ ޓީމު ހަމަހަމަވެ، ޖެހި ގޯލުގެ އަދަށް ބަލައި ކުރި ލިބޭތީ އެވެ. ދެކުނު ކޮރެއާ އިން ތިން މެޗުގައި ހަތަރު ގޯލު ޖެހިއިރު، އުރުގުއޭ އަށް ޖެހުނީ ދެ ގޯލެވެ. އެއީ މިރޭ ގާނާ ކޮޅަށް ޖެހި ދެ ލަނޑެވެ.

މި ގްރޫޕުގެ އެއް ވަނަ ޕޯޗުގަލް އަށް ލިބުނީ ހަ ޕޮއިންޓާ އެކު އެވެ. ގްރޫޕްގެ ފުލުގައި އޮވެ، ކެޓި ގާނާ އަށް ލިބުނީ ތިން ޕޮއިންޓެވެ. ދެކުނު ކޮރެއާ އަށް ދެ ވަނަ ބުރުގެ ޖާގަ ލިބުނުއިރު، މިއީ މިދިޔަ 10 ވޯލްޑް ކަޕްގައި އެ ޓީމުން ދެ ވަނަ ބުރުގެ ޖާގަ ހޯދި ދެ ވަނަ ފަހަރެވެ. އަނެއްކޮޅުން، މިއީ އެއް ވޯލްޑް ކަޕްގެ ދެ ވަނަ ބުރުން އޭޝިއާގެ ތިން ޓީމަކަށް ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ. ދެކުނު ކޮރެއާގެ އިތުރުން ޖަޕާން އާއި އޮސްޓްރޭލިއާ އިން ވެސް ވަނީ ދެ ވަނަ ބުރުގެ ޖާގަ ހޯދާފަ އެވެ.

މިރޭގެ މެޗަށް ނުކުތުމުގެ ކުރިން ދެ ވަނަ ބުރުގެ ޖާގައެއް ޔަގީންވެފައި، އޮތުމުން ޕޯޗުގަލް އިން މި މެޗަށް ނުކުތީ އެ ޓީމުގެ ފުރަތަމަ އެގާރަ އަށް ހަ ބަދަލެއް ގެނެސްގެންނެވެ. އެ ގޮތުން ޑިއޯގޯ ޑަލޯ، އެންޓޯނިއޯ ސިލްވާ، ޖޮއާއޯ މާރިއޯ، ވިޓިނިއާ، މެތިއުސް ނޫނޭސް އަދި ރިކާޑޯ ހޯޓާ އަށް ކޯޗު ވަނީ ފުރުސަތު ދީފަ އެވެ.

މެޗުގެ ފުރަތަމަ ގޯލު ޖަހައި ފެށުން ރަނގަޅު ކުރީ ޕޯޗުގަލް އިންނެވެ. އަރިމަތިން ޑިއޭގޯ ޑަލޯ ނަގައިދިން ހުރަހަކުން މި ގޯލު ޖަހައިދިނީ ހޯޓާ އެވެ. މިއީ 2014 ގައި ގައުމީ ޓީމަށް އަލަށް މެޗެއް ކުޅުނު ހޯޓާ ޕޯޗުގަލް ޓީމަށް ކުޅުނު ދެ ވަނަ މެޗުގައި އެ ޓީމަށް ޖެހި ފުރަތަމަ ގޯލެވެ.

ޕޯޗުގަލްގެ ގޯލަށް ފަހު ލީޑު ފުޅާކުރަން ރަނުގެ ފުރުސަތެއް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ލިބުނެވެ. ހުސްކޮށް ބޯޅައާ އެކު ގޮސް ރޮނާލްޑޯ ފޮނުވާލި ބޯޅަ ދިޔައީ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ. އޭގެ ފަހުން އޭރިއާ ބޭރުން ވިޓިނިއާ ފޮނުވާލި ހަމަލާ ކީޕަރު ކިމް އަތުގައި ޖެހިފައި ނުކުތް ވަގުތު ރޮނާލްޑޯ ބޮލުން ފޮނުވާލުމުން ވެސް ދިޔައީ ގޯލާ އަމާޒު ނުވެ އެވެ.

ޕޯޗުގަލްގެ ޖިންސޫ ކިމް (ވ) ކައިރިން ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ ބޯޅަ ފޮނުވާލަނީ.

ދެކުނު ކޮރެެއާ އިން ނަތީޖާ ހަމަހަމަކުރީ މެޗުގެ 27 ވަނަ މިނެޓުގަ އެވެ. އެ ޓީމަށް ލިބުނު ކޯނަރަކުން އޭރިއާ ތެރެއަށް ހުރަސްވި ބޯޅަ ރޮނާލްޑޯގެ ގައިގައި ޖެހިފައި ލިބުނީ ކިމް ޔޮން ގްވޮން އަށެވެ. އޭނާ ވަނީ ކީޕަރަށް އެއްވެސް ފުރުސަތެއް ނުދީ ގޯލުގެ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ.

ފުރަތަމަ ހާފުގެ ފަހު ކޮޅުގައި ޕޯޗުގަލް އިން ކުރިއަށް ޖެހިލައިގެން ގިނަ ފުރުސަތުތަކެއް ހޯދި އެވެ. ނަމަވެސް ހޯޓާ އާއި ވިޓީނިއާ ފޮނުވާލި ދެ ބޯޅައެއް ކީޕަރު ކިމް ސުއެން ގިޔޫ ދިފާއުކުރިއިރު، އެހެން ހަމަލާތައް ދިޔައީ ގޯލާ އަމާޒުނުވެ އެވެ.

ދެ ވަނަ ހާފުގައިވެސް ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ ޕޯޗުގަލް އިންނެވެ. އެ ޓީމުގެ އެޓޭކިން ލައިނަށް ގިނަ ބަދަލުތަކެއް ގެނެސް ގޯލެއް ޖެހުމަށް ގިނަ މަސައްކަތްކުރި ނަމަވެސް ދެކުނު ކޮރެއާގެ ޑިފެންސް ލައިން ފެނުނީ މާ ވަރުގަދަކޮށެވެ.

މުބާރާތުގެ ދެ ވަނަ ބުރުން ފުރުސަތު ނުލިބި ދެކުނު ކޮރެއާ ކެޓުމުގެ މަރުހަލާގައި އޮއްވައި، އެ ޓީމުގެ ހުރިހާ ސަޕޯޓަރުން އުފަލުން ރޮއްވާލި ގޯލު ޖެހީ މެޗުގެ އިތުރު ވަގުތުގަ އެވެ. ކައުންޓަ އެޓޭކުގައި ދެކުނު ކޮރެއާގެ ކެޕްޓަން ސޮން ހެއުން މިން ދިން މޮޅު ބޯޅަ އަކުން މި ލަނޑު ޖަހައިދިނީ ހުވަން ހީ ޗަން އެވެ. މި ގޯލާ އެކު ގްރޫޕުގެ ފުލުގައި އޮތް ދެކުނު ކޮރެއާ އަށް މި މެޗުން ތިން ޕޮއިންޓު ލިބި ތާވަލްގެ ދެ ވަނަ އަށް ޖެހިލައި ދެ ވަނަ ބުރުގެ ޖާގަ ލިބުނެވެ.

އުރުގުއޭގެ އަރަސްކައޭޓާ (ކ) ގާނާގެ ކުޅުންތެރިއަކު ކައިރިން ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: އޭއެފްޕީ

މި ގްރޫޕުގެ އަނެއް މެޗުގައި ގާނާ އަތުން އުރުގުއޭ 2-0 އިން މޮޅުވީ ފުރަތަމަ ހާފުގައި ޖެހި ދެ ގޯލާ އެކުގަ އެވެ. އެ ޓީމުގެ ދެ ގޯލުވެސް ޖަހައިދިނީ މި ޖިއޮޖިއާން ޑި އަރަސްކައޭޓާ އެވެ. ފުރަތަމަ ގޯލަކީ ލުއިސް ސުއަރޭޒް ފޮނުވާލި ހަމަލާއެއް، ގާނާގެ ކީޕަރު އަޓި-ޒިގީ އަތުގައި ޖެހިފައި ދިޔަ ވަގުތު އެ ބޯޅަ ގޯލަށް ވައްދަލައިގެން ޖެހި ގޯލެކެވެ. ދެ ވަނަ ގޯލު އަރަސްކައޭޓާ ޖެހީ ސުއަރޭޒް ދިން ބޯޅައަކުންނެވެ.

މި މެޗުގައި އުރުގުއޭ އިން ދެ ގޯލު ޖެހުމުގެ ކުރިން ލީޑު ނަގާނެ ރަނުގެ ފުރުސަތު ގާނާ އަށް ލިބުނެވެ. ލިބުނު ޕެނަލްޓީއަކުން ކެޕްޓަން އަންދްރޭ އަޔޫ ފޮނުވާލި ބޯޅަ ކީޕަރު ސާޖިއޯ ރޮޗޭ ވަނީ ދިފާއުކޮށްފަ އެވެ.

މެޗުގެ އިތުރު ވަގުތުގައި އުރުގުއޭގެ އެޑިންސަން ކަވާނީ އަށް އޭރިއާތެރެއިން ފައުލުކުރި ކަމަށް ބުނެ، އެ ޓީމުން އެޕީލްކުރި ނަމަވެސް މެޗުގެ ރެފްރީ ނިންމީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ އެހީގައި ބަލަން ނުޖެހޭ އެއްޗެއް ކަމަށެވެ. މެޗު ނިންމާލުމާ އެކު އުރުގުއޭ ކުޅުންތެރިން ވަނީ މެޗުގެ ރެފްރީ ވަށާލައި، ހިތްހަމަނުޖެހުން ފާޅުކުރަން ފަށައިފަ އެވެ.

ގްރޫޕްގެ ފަހު މެޗުން މޮޅިވި ނަމަވެސް އުރުގުއޭ ވަނީ ވޯލްޑްކަޕްގެ ދެވަނަ ބުރަށް ނުގޮސް ކަޓައިފަ އެވެ. އަނެއްކޮޅުން މި މެޗު އެއްވަރުކޮށްލައިގެން ދެ ވަނަ ބުރުގެ ފުރުސަތު އޮތް ގާނާ އަށް ވެސް ދެ ވަނަ ބުރުގެ ފުރުސަތު ނުލިބި ކަޓައިގެން ދިޔައީ އެވެ.

މުުބާރާތުގެ ދެ ވަނަ ބުރުގައި ޕޯޗުގަލް އާއި ދެކުނު ކޮރެއާ ކުޅޭ ދެ ޓީމް ޔަގީން ވާނީ މިރޭ ދަންވަރު 12 ޖަހާއިރު ކުޅެ ގްރޫޕް ޖީގެ ފަހު ދެ މެޗު ނިމުމުންނެވެ. މި ގްރޫޕުން ބްރެޒިލް ދެވަނަ ބުރުގެ ޖާގަ ހޯދާފައިވާއިރު، ބާކީ އޮތް ތިން ޓީމު ކަމަށްވާ ކެމަރޫން، ސްވިޒަލެންޑް އަދި ސާބިއާ އަށްވެސް ދެވަނަ ބުރަށް ދިޔުމުގެ ފުރުސަތު އެބައޮތެވެ. ފަހު މެޗުގައި ކެމަރޫން ނުކުންނާނީ ބްރެޒިލް އާ ދެކޮޅަށެވެ. ސާބިއާ ނުކުންނާނީ ސްވިޒަލެންޑާ ދެކޮޅަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox