"ބޭބޭ، ﷲ އަށްޓަކައި ދިހަ ރުފިޔާ ދީފާނަންތަ؟ މިއަދު ހަތަރުދަމު އެއްވެސް އެއްޗެއް ނުކައި މިއުޅެނީ."
ދަތުރުވަރިއެއްގައި މާލެ އައިސް ހުރިހުރުމެއްގައި އެއްދުވަހަކު ހޮޓަލަކުން ސައިބޮއިގެން ނުކުތްތަނާ ދިމާވި ޒުވާނަކު ދުލުން ބޭރުކޮށްލި މި ބަސްކޮޅުން އަޅުގަނޑަށް ކުރުވީ ވަރަށް އެހެންކަހަލަ އިހުސާސެކެވެ. ސިއްހަތު ސަލާމަތުން ހުރި ޅަބާޅަ އެސޮރަށް ބަލައިލިއިރު އޭނާގެ ލޮލުން ފެނުނީ ވަރުބަލި ކަމެވެ. މޫނުމަތީގައި ތާޒާކަމެއް ނެތެވެ. މުޅި މީހާ ހުރީ މިލައި މޯޅިވެފަ އެވެ. ﷲ އަށްޓަކައި އޭ ބުނުމުންނާއި، އެ އެދުނު އަދަދަކީ ވެސް ބޮޑު އަދަދަކަށް ނުވާތީ އާއި، ހާންތިވެފައި ހުރި ކަމަށް ބުނުމުން އެ ހުރިހާ ކަމަކަށް ވިސްނައި ދިހަ ރުފިޔާ ދިއްކޮށްލީމެވެ. އެ ފައިސާގައި ހިފީމާ، އާމްދަނީއެއް ލިބޭނޭ މަސައްކަތެއް ކޮށްނޫޅެންތޯ އަހާލީމެވެ. ވަޒީފާއެއް ނުލިބެނީއޭ ބުނެފައި އޭނާ ހޮޓާ ތެރެއަށް ވަދެއްޖެ އެވެ.
ނޫކަށިފުރައިގެ އެ ޒުވާނާ ފައިސާއަށް ސަލާންޖެހީ ހަމަ ހަގީގަތުގައި ބަނޑުހައިހޫނުކަން ފިލުވުމަށެވެ. މާލޭގެ މާހައުލަށް ފަރިތަ ބޭފުޅުންނަށް މި މަންޒަރު ފެނި ބައުވެ މިއީ މިހާރު ކަމެކޭ ހީނުވިޔަސް އެއީ އަޅުގަނޑުގެ ހިތަށް ވަރަށް އުނދަގޫވި ކަމަކަށްވި އެވެ. ރާއްޖޭގެ އާބާދީއާއި، މަސައްކަތުގެ މާހައުލު ހުރި ގޮތަށް ބަލާއިރު، އެއްވެސް މީހަކު ބަނޑުފުރާނަ މުއްތިކުރުމަށް ސަލާންޖަހަން ޖެހޭ ހިސާބަށް މަޖުބޫރުވެ، އެއީ އާންމުކަމަކަށް ވެގެން ނުދާނޭކަން ގައިމެވެ. މާ ފުދުންތެރި ނޫނަސް، އެއަށްވުރެ ރާއްޖެ ފުދުންތެރިވެފައި އާމްދަނީއެއް ހޯދޭނޭ ގޮތްގޮތް އެބަހުރިކަމަށް އަޅުގަނޑު ހިތަމެވެ.
އެންމެ އިހުއްސުރެ ދުނިޔެ ހިނގަމުން އައި އާދަޔަށް ބަލާއިރު، ކޮންމެ ޒަމާނެއްގައި ކޮންމެ ތަނެއްގައި އުޅުނު ކޮންމެ މުޖުތަމައެއްގައިވެސް މުދާވެރިކަމާއި މާލީ ތަނަވަސްކަން ހުރި ނެތް ގޮތަށް ބެލީމާ އެންމެން އެއް ހަމަވެފައި އޮތް ޒަމާނެއް، ތަނެއް ފެންނާކަށް ނެތެވެ. ހައްތާވެސް މުއްސަނދީންނާއި ފަގީރުން އެކުލެވިފައި އޮންނަ މުޖުތަމައުތަކެވެ. ބައެއް ތަންތަނުގައި މުއްސަނދީން އިންތިހާއަށް މުއްސަނދިވެ ފަގީރުން ގޮތެއް ނެތްވަރަށް ބިކާރީވާ ހާލަތެވެ.
އެއް ދުވަހަކު ފަގީރަކު މާތް ނަބިއްޔާގެ އަރިހަށް ސަލާންޖެހުމަށް އައިކަމުގައި އަނަސްގެފާނު ރިވާކުރައްވައި ކިޔައިދެއްވާފައި ވެ އެވެ. އެމީހާއަށް މާތް ނަބިއްޔާ ހަދީސްކުރެއްވި އެވެ. ތިބާގެ ގޭގައި އެއްވެސް އެއްޗެއް ނެތީހެއްޔެވެ؟ އެމީހާ ދެންނެވި އެވެ. އަހަރެންގެ ގޭގައި އޮތީ، ރަޖާގަނޑަކާއި، ބޯފެންއަޅާ ޖަގެކެވެ. އެހިނދު އެތަކެތި ހިފައިގެން އައުމަށް މާތް ނަބިއްޔާ އެމީހާއަށް އަމުރުކުރެއްވުމުން އެމީހާ އެތަކެތި ގެނައުމުން އެތަނުގައި ތިބި މީހުންނަށް ހަދީސްކުރެއްވި އެވެ. މިތަކެތި ގަންނާނީ ކާކު ހެއްޔެވެ. އެއް ދިރުހަމަށް އެތަކެތި ގަނެފާނެކަމުގައި އެތަނުން މީހަކު ދެންނެވުމުން، އެޔަށްވުރެ ބޮޑުކޮށް ގަންނާނީ ކާކުތޯ ދެތިން ފަހަރަކު ހަދީސް ކުރެއްވި އެވެ. ދެން އެތަނުގައި ހުރި މީހަކު އެތަކެތި ދެ ދިރުހަމަށް ގަތުމުން، އެ ދެ ދިރުހަމު ނެންގެވުމަށްފަހު ފަގީރު މީހާގެ އަތަށް ދެއްވި އެވެ. އަދި ހަދީސް ކުރެއްވި އެވެ. މިތަނުން އެއް ދިރުހަމަށް ކާބޯތަކެތި ގަނެގެން ގެންގޮސް އަނބިދަރީންނަށް ދޭށެވެ! އަނެއް ދިރުހަމަށް ފުރޯއެއްގެ ތިލަ ގަނެގެން އަންނާށެވެ. އެމީހާ ފުރޯތިލައެއް ގަނެގެން އައީމާ މާތް ނަބިއްޔާގެ ބަރަކާތްތެރި އަތްޕުޅުން އެތިލައިގައި ދަނޑިޖައްސަވައި ފުރޯ ހައްދަވައި އޭނާގެ އަތަށް ދެއްވާ ހަދީސްކުރެއްވި އެވެ. ގޮސް ދަރުކޮށައިގެން ދަރު ވިއްކުމުގައި އުޅޭށެވެ. ފަނަރަ ދުވަސްވީމާ ނޫނީ ފެނިގެންނުވާނެ އެވެ. އެމީހާ ފަނަރަ ދުވަސް ފަހުން އައިއިރު، އެމީހާގެ އަތުގައި، ދިހަ ދިރުހަމު އޮތެވެ. އެމީހާ އެޔަށް އަންނައުނާއި ކާތަކެތި ގަތެވެ. މާތް ނަބިއްޔާ ހަދީސް ކުރެއްވި އެވެ. ގިޔާމަތް ދުވަހުގައި އެކަމަކީ ތިބާގެ މޫނުގައި ލައްތައް ޖެހޭ ކަމެއްކަމުގައިވެދާނެ ސަލާންޖެހުމަށްވުރެ ތިޔަ ގޮތް ތިބާއަށް މާ ހެޔޮކަންބޮޑެވެ. ދަންނާށެވެ. ތިން މީހަކަށް މެނުވީ ސަލާންޖެހުން ހުއްދަވެގެން ނުވެ އެވެ. އެއީ ފަގީރުކަމުގެ ބޮޑުކަމުން ސަލާންޖެހުން ނޫން ގޮތެއް ނެތް މީހާއާއި، މާސިންގާ ބޮޑު ދަރަންޏެއް ބޮލުއެޅިފައިވާ މީހާއާއި މަރެއްގެ ދިޔައެއް ދައްކަންޖެހި އެ ދަރަނި ނުދެއްކިފައިވާ މީހާ އެވެ.
މިވާހަކައަކީ އިޖުތިމާއީ އަދި އިގުތިސާދީ މައްސަލަތައް ހައްލުކުރުމުގައި ވަރަށް ބޮޑެތި ފިލާވަޅުތަކަކާއި އިރުޝާދުތަކެއް ލިއްބައިދޭ ވާހަކައެކެވެ. އިޖުތިމާއީގޮތުން ބަލާއިރު، ސަލާންޖަހާ މީހުންނާ މުއާމަލާތުކުރުމުގެ މިސާލެއް މިވާހަކައިގައި ދައްކައިދެ އެވެ. އަދި ސަލާންޖެހޭނެ ހާލަތްތަކާއި ސަލާންޖެހުމަށްވުރެ ފުދުންތެރިކަން އިތުރުކުރުމަށް ބާރުއެޅުމުގެ ވައްޓަފާޅި މި ރިވާޔަތުން ގެނެސްދެ އެވެ. އާދައިގެ ސާދާ ގޮތަކަށް ވިޔަފާރިއެއް ފަށައި ތަނަވަސް ދިރިއުޅުމަކަށް ދާނެ މަގު މާތް ނަބިއްޔާ އޭނާއަށް ދެއްކެވި ގޮތުގެ ފަސޭހަކަމާ އެވެ.
މިރިވާޔަތުން ދަލީލު ލިބޭ އިތުރު ކަންކަމުގެ ތެރޭގައި ފުދުންތެރިކަން ނުވަތަ މާލީ ދަތިކަން ނުވަތަ އިގުތިސާދީ މައްސަލަތައް ހައްލުކުރުމުގައި އެންމެ ބޮޑަށް އިސްކަންދޭންޖެހޭ ކަމަކީ ފުދުންތެރިކަން އިތުރުކުރުމެވެ. ފުދުންތެރިކަން އިތުރުކުރުން ފިޔަވައި، އެހެނެހިން ޒަރޫރީ ހާލަތްތަކުގައި ހިފަންޖެހޭ މަގުތައް ނުވަތަ އިހުތިޔާރުތައް ބޭނުންކުރަންވާނީ އެނޫން ހަމަ އެއްވެސް ގޮތެއް ނެތިގެންނެވެ.
މިހާރަކަށް އައިސް މާލޭގެ އެކި ސަރަހައްދުތަކާއި ރާއްޖޭގެ އެކި ރަށްރަށުގައި ވެސް ސަލާންޖަހާ މީހުން ދަނީ ގިނަވަމުންނެވެ. އަދި މީގެ ތެރޭގައި ނުހަނު ސިއްހަތު ސަލާމަތުން ތިބި ޒުވާނުން ގިނަކަންވެސް ފާހަގަކުރެވެ އެވެ. އަދި ތަފާތު އެކި ނަންނަމުގައި ވެސް ސަލާންޖެހުމުގެ އާދަތައް ދަނީ ދިވެހިންގެ ތެރޭގައި އަށަގަންނަމުންނެވެ. ސައިތަށްޓެއް ބޯލަން ދިހަ ރުފިޔާ ދެވިދާނެހޭ އަހާލުމަކީ މާ އައިބު ކަމެއް ނޫންކަމުގެ އާދައެއް ޒުވާނުންގެ ތެރޭގައި ފެތުރެމުން އެބަ ދެ އެވެ.
މިކަމުގެ ކަންބޮޑުވުން ދައުލަތުގެ އިދާރާއެއްގެ ސަމާލުކަމަށް އައިސްފައި ނުވާނަމަ އެއީ ހިތާމަ ހުރި ކަމެކެވެ. ސަމާލުކަމަށް އައިސް، އެކަމަކު ފިޔަވަޅެއް ނޭޅި އޮތްނަމަ ހިތާމައިގެ މައްޗަށް ހިތާމަ އެވެ. މި މައްސަލަ ހައްލުކުރުމަށްޓަކައި އަމަލުކުރަންވީ ގޮތުގެ ނަމޫނާ އެޔޮތީ މަތީގައި ބަޔާންކުރެވުނު ހަދީސުން ފެންނާށެވެ! އެފަދަ ޒުވާނުން ދެނެގަނެ، ފުދުންތެރިކަމުގެ މަގުތައް އެޒުވާނުންނަށް ދައްކައިދީ، އާމްދަނީއެއް ލިބޭނޭ މަސައްކަތެއް ކުރުވުމަށް ބާރުއެޅުމަކީ ކަމާބެހޭ އިދާރާއެއްގެ ބެލުމުގެ ތެރެއިން މިހާރުއްސުރެ ފެށިގެން ކުރިޔަށްދާ ކަމަކަށް ނުވާނަމަ، މުސްތަގުބަލުގައި މިކަމަކީ މިކަމުން އެކަނި ވެސް ވަރަށް ނުރަނގަޅު ނަތީޖާތަކެއް ނުކުމެގެން ހިނގައިދާނެ ކަމެކެވެ.
ވަރަށް ގިނަ މީހުން ބުނެ އެވެ. މިފަދަ ޒުވާނުންގެ ތެރޭގައި ގިނައީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނެވެ. ނަމަވެސް މިކަމަކީ އަޅުގަނޑަށް ފެނުނު މަންޒަރުތަކާއި، އަޅުގަނޑު ދަންނަ މީހުންނަށް ދިމާވެފައި ހުރި ކަންކަމުގެ ހަބަރުތަކަށް ބަލާއިރު، އެކީއެކަށް އެއްބަސްވެވެން އޮތް ކަމެއް ނޫނެވެ. ރަނގަޅު ނަތީޖާއެއް ފެންނާނީ ބޯހިމެނުމުގެ ތަފާސް ހިސާބުތަކަށް ބެލީމާ ކަމަށްވެދާނެ އެވެ.
އަޅުގަނޑު ހިތުން ވަޒީފާއަކަށް ދިއުމާއި އަމިއްލަ ފައިމައްޗަށް ތެދުވެ، މަސައްކަތްކޮށްގެން ލާރި ހޯދުމުގެ މުހިންމުކަމުން ޣާފިލުވެފައިވާކަމަށް ފާހަގަކުރެވޭ މީހުން ދެނެގަނެ ދައުލަތުން އެފަދަ މީހުންނަށް ފަރުވާގެ ޕްރޮގްރާމް ހިންގޭނެ ނިޒާމެއް ގާއިމުކުރަންޖެހެ އެވެ. ކޮންމެ ޒުވާނަކީ އެމީހެއްގެ މަސައްކަތުން ގައުމުގެ ފުދުންތެރިކަން އިތުރުކުރުމުގައި އެންމެ ރުފިޔާއެއް ވިޔަސް އިތުރުކޮށްދޭ މީހަކަށް ވެއްޖެނަމަ ގައުމުގެ މުއްސަނދިކަން ދާނީ އިތުރުވަމުންނެވެ. މިއަދުގެ ޅަ ޒުވާން ޖީލުތަކަށް މިކަން ވިސްނުވައި ދީގެން، އެވެރިން ލައްވައި މަސައްކަތްކުރުވައިގެން ނޫންގޮތަކަށް ގައުމެއްގެ ހައިސިއްޔަތުން އަޅުގަނޑުމެންނަށް ސަލާމަތެއް ނެތެވެ.








