ދޯހާ (ޑިސެމްބަރު 1) - ފީފާ ވޯލްޑް ކަޕްގެ ގުރޫޕް އީގައި މިރޭ ޖަޕާންއާ ދެކޮޅަށް ސްޕެއިން ނުކުންނައިރު، މި މެޗުން ޕޮއިންޓެއް ހޯދައިގެން ސްޕެއިންް އަށް ގަދަ 16ގެ ޖާގައެއް ކަށަވަރުކުރެވެން އޮތަސް، މޮޅުވުން ނޫން ނަތީޖާއަކަށް ސްޕެއިން އިން ނުވިސްނާނެ ކަމަށް އެ ޓީމުގެ ކޯޗު ލުއިސް އެންރީކޭ ބުނެފި އެވެ.
ގުރޫޕް އީގެ ފަހު މެޗުތަކަށް މި ގުރޫޕްގެ ޓީމުތައް ކުރިމަތިލާއިރު، ތާވަލްގެ އެއް ވަނައިގައި ސްޕެއިން އޮތީ ހަތަރު ޕޮއިންޓާ އެކު އެވެ. ޖަޕާން ދެ ވަނައިގައި ތިން ޕޮއިންޓާ އެކު އޮތްއިރު، ކޮސްޓަ ރީކާ އޮތީ ތިން ޕޮއިންޓާ އެކު ތިން ވަނައިގަ އެވެ. ތާވަލްގެ ފުލުގައި އެއް ޕޮއިންޓާ އެކު އޮތީ ޖަރުމަނެވެ.
މިރޭގެ މެޗުން ޕޮއިންޓެއް ލިބުނަސް، 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ސްޕެއިން އަށް ގަދަ 16ގެ ޖާގައެއް ލިބޭނެ އެވެ. އަދި މޮޅުވެއްޖެނަމަ، ގުރޫޕް އެއް ވަނަ ކަށަވަރުވާނެ އެވެ. މިރޭ ކޮސްޓަ ރީކާ އާއި ޖަރުމަން ބައްދަލުކުރާ މެޗުން ކޮސްޓަ ރީކާ ބަލިވެއްޖެނަމަ، ޕޮއިންޓަކާ އެކު ވެސް ސްޕެއިން އަށް ގުރޫޕްގެ އެއް ވަނަ ލިބޭނެ އެވެ.
އެކަމަކު، މިރޭގެ މެޗަށް ނުކުންނައިރު، ސްޕެއިންގެ ކޯޗު ލުއިސް އެންރީކޭ ވިސްނުމެއް "ވެދާނެ ގޮތްތަކަކަށް" ނެތެވެ. އެންރީކޭގެ ހުރިހާ ވިސްނުމެއް ވެސް ހުރީ މިރޭގެ މެޗުން މޮޅުވެ، ސްޕެއިންގެ އަމިއްލަ ބާރުގައި ގުރޫޕްގެ އެއް ވަނަ ހޯދުމެވެ.
"އަމިއްލަ ޓީމަކީ ވަރަށް މޮޅު ޓީމެއްކަން އަމިއްލަ އަށް ބަލައިގަނެ، އަދި ހަތް މެޗު (ވޯލްޑް ކަޕްގައި) ކުޅެން ބޭނުންވާއިރު، ބޭނުމެއް ނުވޭ ދެ ވަނަ އަށް ފުއްދާލާކަށް. ބޭނުންވާނީ އެއް ވަނަ ހޯދަން،" މެޗުގެ ކުރިން އެންރީކޭ ބުންޏެވެ. "އެންމެ މަތީ ފަންތީގެ ކުޅިވަރަކީ ވާނެ ގޮތަކާއި ވެދާނެ ގޮތެއް ބަލައި، ހިސާބު ޖެހުމެއް ނޫން. އަހަރަމެންގެ ހޯމްވޯކް ހަދައި، ގުރޫޕްގެ އެއް ވަނަ ހޯދަންޖެހޭނީ."
ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ސްޕެއިން ދެ ވަނަ އަށް ދިއުމަކީ އެ ޓީމަށް ލިބޭނެ އެޑްވާންޓޭޖެކެވެ. އެއީ އޭރުން ކުއާޓާ ފައިނަލްގައި ބްރެޒިލްއާ ކުރިމަތިލާން ނުޖެހުމުގެ ފުރުސަތު އޮތުމާ އެކު އެވެ.
އެކަމަކު، އެންރީކޭ ބުނީ ކުއާޓާ ފައިނަލާ ހަމައަށް އަދި ވިސްނަންނުޖެހޭ ކަމާށާއި ވިސްނަންވީ ކުރިއަށް އޮތް މެޗަށް ކަމަށެވެ.
"ފުރަތަމަ އަހަރަމެން މި ޖެހެނީ ޖަޕާން ބަލިކުރަން. ގުރޫޕްގެ އެއް ވަނަ އަހަރަމެން ބޭނުންވަނީ. ދެން ކުރިއަށް އޮތް މެޗުތަކުގައި ކުޅެންޖެހޭ ބަޔަކާ ކުޅޭނީ،" އެންރީކޭ ބުންޏެވެ.
ސްޕެއިނާއި ޖަޕާން ބައްދަލުކުރާ މެޗާއި ޖަރުމަނާއި ކޮސްޓަ ރީކާ ބައްދަލުކުރާ މެޗު ފަށާނީ މިރޭ 12:00ގަ އެވެ.












