ދޯހާ، ގަތަރު (ޑިސެމްބަރު 1) - ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ކުޅޭ މެޗުގައި ބެލްޖިއަމާ ދެކޮޅަށް ނުުކުންނައިރު، އެ ޓީމުގެ ތެރޭގައި ހުރި މައްސަލަތަކެއް ކަމަށް ބުނެ، މީޑިއާގައި ދެކެވޭ ވާހަކަތަކަށް ކްރޮއޭޝިއާ އިން ނުވިސްނާނެ ކަމަށް އެ ޓީމުގެ ކޯޗު ޒްލަޓްކޯ ޑާލިޗް ބުނެފި އެވެ.
ގްރޫޕް އެފްގެ އެއް ވަނައިގައި މި ވަގުތު އޮތް ކްރޮއޭޝިއާ އާއި ދެ ވަނައިގައި އޮތް މޮރޮކޯ އަށް ވަނީ ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފަ އެވެ. ދެ މެޗު ކުޅުނުއިރު، ބެލްޖިއަމް ތިން ވަނައިގައި އޮތީ ތިން ޕޮއިންޓް ހޯދައިގެންނެވެ. އަދި ފުލުގައި އޮތް ކެނަޑާ، 36 އަހަރު ފަހުން ވޯލްޑް ކަޕަށް އައިސް ކުޅުނު ފަހަރު މި ވަނީ ފުރަތަމަ ދެ މެޗުން ބަލިވެ، މުބާރާތުން ކަޓައިފަ އެވެ.
މި ފަހަރުގެ ވޯލްޑް ކަޕާ ދިމާކޮށް އަދި މެޗުތަކަށް ފަހު ބެލްޖިއަމް ޓީމު ތެރޭގައި ގިނަ މައްސަލަތަކެއް ހިނގާފައިވާ ވާހަކަތައް އެ ޓީމުގެ ކުޅުންތެރިން ދޮގު ކުރި ނަމަވެސް ގިނަ މީޑިއާތަކުން އަދިވެސް އަންނަނީ އެ ވާހަކަތައް ރިޕޯޓްކުރަމުންނެވެ. މިރޭ ބެލްޖިއަމާ ދެކޮޅަށް ކުޅޭ ކްރޮއޭޝިއާ ޓީމުގެ ކޯޗު ޑާލިޗް ބުނީ އޭނާ ވިސްނާނީ އެންމެ ވަރުގަދަ ބެލްޖިއަމް ޓީމާ ކުޅެން ޖެހޭ މެޗަށް ތައްޔާރުވާން ކަމަށެވެ.
"އަހަރެމެންނަށް ހަމަޖެހިލެވޭކަށް ނެތް، ބެލްޖިއަމް ކޯޗު (މާޓީނޭޒް) އަށް އެނގޭނެ، އަހަރެމެންނަށް ދެރައެއް ދެވޭނެ ގޮތްތައް، ސަމާލުވާން ޖެހޭ މެޗެއް މިއީ،" ޑާލިޗް ބުންޏެވެ. "އަހަރެމެން ނުވިސްނާނަން ބެލްޖިއަމަކީ މައްސަލަ ގަނޑެއްގެ ތެރޭގައި އޮތް ޓީމެއްގެ ގޮތުގައި، އަހަރެމެން ކުޅެން މި ނުކުންނަނީ އެންމެ ވަރުގަދަ ބެލްޖިއަމް ޓީމާ، ވަރަށް ހުނަރުވެރި މޮޅު ކުޅުންތެރިން ތިބި ވަރުގަދަ ޓީމެއް އެއީ،"
ކްރޮއޭޝިއާ އިން އެންމެ ފަހުން ކުޅުނު 18 މެޗުގެ ތެރެއިން ބަލިވީ ނޭޝަންސް ލީގުގައި އޮސްޓްރިއާ އަތުންނެވެ. އެއީ މިދިިޔަ ޖުލައި މަހު އޮސްޓްރިއާ އަތުން 3-0 އިންނެވެ.
މިރޭގެ މެޗަށް ނުކުންނައިރު ބެލްޖިއަމަށް އޮތް ހިތްހަމަޖެހުމަކީ އެންމެ ފަހުން ކްރޮއޭޝިއާއާ ދެކޮޅަށް ކުޅުނު ދެ މެޗުން ވެސް މޮޅުވެފައިވުމެވެ. އެ ދެ މެޗުގައި ވެސް ގޯލު ޖެހި ބެލްޖިއަމްގެ ފޯވާޑް ރޮމެލޫ ލުކާކޫ ހުރީ ފިޓްކޮށް ކަމަށް، ބެލްޖިއަމްގެ ކޯޗު މާޓީނޭޒް ވަނީ ބުނެފަ އެވެ.
ލުކާކޫ ވަނީ އެންމެ ފަހުން ބެލްޖިއަމް އިން މޮރޮކޯ އަތުން ބަލިވި މެޗުގައި ބަދަލަކަށް އަރައި ކުޅެފަ އެވެ.
ބެލްޖިއަމާ ބެހޭގޮތުން ގިނަ "ފޭކް ނިއުސް" ތަކެއް ދައުރުވޭ
ބެލްޖިއަމް ޓީމުގެ ތެރޭގައި ހިމެނޭ ބައެއް ކުޅުންތެރިން، އެއް ކުޅުންތެރިއަކު އަނެއް ކުޅުންތެރިއަކާ ވާހަކަ ނުދައްކާ ކަމަށާއި އެންމެ ފަހުން މޮރޮކޯ އަތުން ބަލިވި މެޗަށް ފަހު ޓީމުގެ ޗޭންޖިން ރޫމުގައި ގިނަ ކަންތައްތަކެއް ހިނގި ކަމަށް މީޑިއާތަކުން ރިޕޯޓްކުރި އެވެ. އަދި މި ފަހަރުގެ ވޯލްޑް ކަޕްގެ ތެރޭގައި ބެލްޖިއަމްގެ ތަރި، ކެވިން ޑި ބްރޭނާ ދިން އިންޓަވިއުއެއްގެ މައްސަލައިގައި ވެސް ބެލްޖިއަމް ޓީމުގައި ބައިބައިވުން އުފެދިފައިވާ ކަމަށް މީޑިއާގައި އަޑުފެތުރިފައިވެ އެވެ.
އެ ވާހަކަތަކާ ބެހޭގޮތުން ބެލްޖިއަމްގެ ކޯޗު މާޓީނޭޒް ބުނީ ނެގެޓިވް ހަބަރުތައް ފަތުރަން ގިނަ ބަަޔެއްގެ ހާއްސަ ޝައުގުވެރިކަމެއް ހުންނަ ކަމަށާއި ބެލްޖިއަމް ޓީމާ ގުޅުވައިގެން ދައުރުވާ ގިނަ ހަބަރުތަކަކީ "ފޭކް ނިއުސް" ތަކެއް ކަމަށެވެ.
"ގިނަ ބަޔަކު ފޭކް ނިއުސް އަޑުއަހަނީ ވަރަށް އުފަލާ އެކު، ވަރަށް ހިތްހަމަޖެހިފައި ތިބެގެން، ބެލްޖިއަމް ޓީމު މި އޮތީ ވަރުގަދަކޮށް، ރަނގަޅު މެޗެއް ކުޅެލަން ތައްޔާރަށް،" މާޓީނޭޒް ބުންޏެވެ.
އެންމެ ފަހުން ބޭއްވި ބޮޑު ހަތަރު މުބާރާތުގެ ކުއާޓާ ފައިނަލުގައި ބެލްޖިއަމުން ވަނީ ކުޅެފަ އެވެ. އަދި އެ ޓީމަކީ 2018 ވަަނަ އަހަރު ރަޝިއާގައި ބޭއްވި ވޯލްޑް ކަޕްގެ ތިން ވަނަ ޓީމެވެ. މި ފަހަރުގެ ވޯލްޑް ކަޕްގައި ބެލްޖިއަމަށް އެންމެ ކުޑަމިނުން ކުއާޓާއާ ހަމައަށް ނުދެވިއްޖެނަމަ އެއީ ފެއިލްވުމެއްގެ ގޮތުގައި ބެލެވޭނެ ކަމަށް މާޓީނޭޒް ވެސް އެއްބަސްވެ އެވެ.
ބެލްޖިއަމާއި ކްރޮއޭޝިއާ ކުޅޭ މެޗާއި މޮރޮކޯ އާއި ކެނަޑާ ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 8 ޖަހާއިރު އެވެ.












