ދޯހާ، ގަތަރު (ނޮވެމްބަރު 30) - ފީފާ ވޯލްޑް ކަޕްގެ ގުރޫޕް ސީގައި ކުޅެންޖެހޭ ފަހު މެޗުގައި މިރޭ ޕޯލެންޑާ ދެކޮޅަށް އާޖެންޓީނާ ނުކުންނައިރު، އާޖެންޓީނާގެ ޓީމު މިހާރު އޮތީ ރަނގަޅު މަގުގައި ކަމަށް އެ ޓީމުގެ ކޯޗު ލިއޮނަލް ސްކަލޯނީ ބުނެފި އެވެ.
ގުރޫޕް ސީގައި ކުޅުނު ފުރަތަމަ މެޗުގައި ސައުދީ އަރަބިއްޔާ އަތުން ހައިރާންކުރަނިވި ގޮތަކަށް އާޖެންޓީނާ ބަލިވި ނަމަވެސް، ދެވަނަ މެޗުގައި މެކްސިކޯ އަތުން މޮޅުވެ، އާޖެންޓީނާ ވަނީ މުބާރާތުގައި ކުރިއަށް ދިއުމުގެ އުންމީދު ދަމަހައްޓައިފަ އެވެ.
އާޖެންޓީނާ މިރޭގެ މެޗުން މޮޅުވެއްޖެނަމަ، މި ގުރޫޕްގައި ދެން މިރޭ މެކްސިކޯ އާއި ސައުދީ އަރަބިއްޔާ ކުޅޭ މެޗުން ކޮންމެ ނަތީޖާއެއް ނުކުތަސް އާޖެންޓީނާ އަށް ގަދަ 16ގެ ޖާގައެއް ލިބޭނެ އެވެ.
މިރޭގެ މެޗު އެއްވަރުވިޔަސް، ޕޮލެންޑަށް ދެ ވަނަ ބުރުގެ ޖާގައެއް ލިބޭނެ އެވެ. މި މެޗު އެއްވަރުވެ، މިރޭ މެކްސިކޯ އަތުން ސައުދީ އަރަބިއްޔާ މޮޅުވެއްޖެނަމަ، އާޖެންޓީނާ މުބާރާތުން ކަޓާނެ އެވެ. އާޖެންޓީނާގެ ކޯޗު ސްކަލޯނީ ބުނީ މުހިންމު މެޗަކަށް މިރޭ އާޖެންޓީނާ ނުކުންނައިރު، އެ ޓީމު އޮތީ ރަނގަޅު މަގުގުގައި ކަމަށެވެ.
"މެކްސިކޯ އަތުން މޮޅުވުމުން އަހަރަމެންގެ ކުޅުންތެރިންނަށް ހިތްހަމަޖެހުމެއް ލިބިއްޖެ. މިހާރު ޓީމު އޮތީ ރަނގަޅު މަގުގައި،" މިރޭގެ މެޗުގެ ކުރިން ސްކަލޯނީ ބުންޏެވެ.
މުހިންމު މެޗެއްގައި އާޖެންޓީނާއާ ދެކޮޅަށް ނުކުންނައިރު، ޕޮލެންޑަށް ލިބޭ އެންމެ ބޮޑު އެއް ހިތްހަމަޖެހުމަކީ އެ ޓީމު އެންމެ ފަހުން ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅުނު މެޗުގައި ކެޕްޓަން ރޮބަޓް ލެވަންޑޯސްކީ ލަނޑެއް ޖެހުމެވެ. މިއީ ވޯލްޑް ކަޕެއްގައި ލެވަންޑޯސްކީ ޖެހި ފުރަތަމަ ލަނޑެވެ. އަދި މިރޭގެ މުހިންމު މެޗަށް ނުކުންނައިރު ލެވަންޑޮވްސްކީގެ "ކޮންފިޑަންސް" އަށް ލިބޭ ކުރިއެރުމެކެވެ.
ސްކަލޯނީ ބުނީ ޕޮލެންޑް އަތުން މޮޅުވުމަކީ ފަސޭހަކަމަކަށް ނުވާނެ ކަމަށެވެ. އަދި ޕޮލެންޑްގެ ފޯވަޑްލައިންގައި ލެވަންޑޯސްކީ އަށް ދޭ ސަމާލުކަން ކުޑަނުކުރެވޭނެ ކަމަަށެވެ.
"ޕޮލެންޑްއާ ކުޅެން ފަސޭހައެއް ނުވާނެ. މިއީ އަހަރަމެން މޮޅުވާންޖެހޭ މެޗެއް. އަހަރަމެންގެ އަމާޒަކީ މޮޅުވުން،" ސްކަލޯނީ ބުންޏެވެ.
"ލެވަންޑޯސްކީ އަކީ ވަރަށް މޮޅު ކުޅުންތެރިއެއް. ފުޓްބޯޅަ އަށް ލޯބިކުރާ މީހެއްގެ ހައިސިއްޔަތުން ބުނެވޭނީ ލެވަންޑޮވްސްކީ ފަދަ ކުޅުންތެރިން ކުޅޭތަން ފެނުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެކޭ."
އާޖެންޓީނާ އާއި ޕޯލެންޑް ބައްދަލުކުރާ މެޗު ފަށާނީ މިރޭ 12:00ގަ އެވެ. މެކްސިކޯ އާއި ސައުދީ އަރަބިއްޔާ ބައްދަލުކުރާ މެޗު ވެސް ފަށާނީ އެ ގަޑީގަ އެވެ.












