މެލޭޝިއާގެ ޓެއިލާސް ޔުނިވާސިޓީއާ ގުޅިގެން ވިލާ ކޮލެޖުން މުޅިން އާ ކޯސްތަކެއް ރޭ އިފްތިތާހުކޮށްފި އެވެ.
ކޯސްތައް އިފްތިތާހުކޮށްފައި ވަނީ ޓެއިލާސް ޔުނިވާސިޓީ އާއި ވިލާ ކޮލެޖާ ދެމެދު ޕާޓުނަޝިޕެއް ގާއިމުކުރުމަށް ރޭ ވިލާ ކޮލެޖުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ ޕާޓުނަޝިޕް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ޕްލޭނިން މިނިސްޓަރު، މުހައްމަދު އަސްލަމް އެވެ.
ޓެއިލާސްއާ ގުޅިގެން އަލަށް ތައާރަފުކުރި ކޯސްތަކަކީ:
- ބެޗްލާ އޮފް ކަލިނަރީ މެނޭޖުމަންޓު
- ބެޗްލާ އޮފް އިންޓަނޭޝަނަލް ހޮސްޕިޓަލިޓީ މެނޭޖުމަންޓު
- ބެޗްލާސް އޮފް މާސް ކޮމިއުނިކޭޝަންސް
- މާސްޓާސް އޮފް އިންޓަނޭޝަނަލް ހޮސްޕިޓަލިޓީ މެނޭޖުމަންޓު
- މާސްޓާސް އޮފް ކޮމިއުނިކޭޝަން
މި ރަސްމިއްޔާތު ވިލާ ކޮލެޖުގެ ވައިސް ރެކްޓާ، އަލީ ނަޖީބު ވިދާޅުވީ އަލަށް ފަށާ ކޯސްތަކުގެ ތެރެއިން ހޮސްޕިޓަލިޓީ އަދި ލެއިޝާ ކޯސްތަކަކީ މި ސަރަހައްދުގެ އެންމެ ފެންވަރު ރަނގަޅު ކޯސްތައް ކަމަށާއި އެންމެ ފަހުގެ ކިއު އެސް، ޔުނިވާސިޓީ ރޭންކިންގައި މި ކޯސްތައް ރޭންކު ކޮށްފައި ވަނީ ދުނިޔޭގެ 16 ވަނައިގައި ކަމަށެވެ.
"ވިލާ ކޮލެޖުން އަލަށް ތައާރަފު ކުރި މި ކޯސްތަކަކީ ދިވެހި ދަރިވަރުންނަށް ދުނިޔޭގެ އެންމެ މަތީ ފަންތީގެ ތައުލީމާއި ތަމްރީނު ހޯދުމަށް ލިބޭ ރަނުގެ ފުރުސަތެއް،" އޭނާ ވިދާޅުވި އެވެ.

ވިލާ ކޮލެޖާއި ޓެއިލާސް ޔުނިވާސިޓީއާ ދެމެދު ހަނދާނީ ފިލާ ބަދަލު ކުރަނީ -- ފޮޓޯ: އިޔާން/އަދަދު
ޓެއިލާސް ޔުނިވާސިޓީގެ ވައިސް ޗާންސެލާ، ޕުރޮފެސަރު، މައިކަލް ޑުރިސްކަލް ވިދާޅުވީ މި ޕާޓުނާޝިޕަކީ ރާއްޖޭގެ ކުރިމަގަށް އެޅިގެންދާ މުހިންމު ފިޔަވަޅެއް ކަމަށާއި މިއީ އަދި ފެށުމެއް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި މި ޕާޓުނަޝިޕުގެ ދަށުން މިއަށްވުރެ މާ ފުޅާ ދާއިރާއެއްގައި ތައުލީމީ ޕްރޮގުރާމުތައް ހިންގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޓެއިލާސް ޔުނިވާސިޓީން ތައުލީމު ހާސިލުކޮށްފައިވާ ބައެއް ދަރިވަރުންގެ ހިޔާލުވެސް ރޭގެ ރަސްމިއްޔާތުގައި ހިއްސާކުރި އެވެ. ކުރީގެ އެ ދަރިވަރުން ބުނީ ޓެއިލާސް ޔުނިވާސިޓީއާއި ގުޅިގެން ކޯސްތަކެއް ހިންގަން ފެށުމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ވެސް އޭގެ އެދެވޭ އަސަރު ކުރާނެ ކަމަށެވެ.
ޓެއިލާސް ޔުނިވާސިޓީ އޭޝިއާގެ އެންމެ ރަނގަޅު 50 ޔުނިވާސިޓީގެ ތެރޭގައި ހިމެނެ އެވެ.











