ދޯހާ، ގަތަރު (ނޮވެމްބަރު 30) - ފިރިހެނުންނަށް ބާއްވާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތެއްގައި އިންސާފުކުރުމުގެ ފުރުސަތު ލިބުނު ފުރަތަމަ އަންހެން މެޗު އޮފިޝަލް، ފްރާންސްގެ ކުޅަދާނަ އަންހެން ރެފްރީ ސްޓެފަނީ ފްރަޕާޓަށް ހާއްސަ ޝަރަފެއް ލިބިއްޖެ އެވެ.
ބާވީސް ވަނަ ފީފާ ވޯލްޑް ކަޕް މުބާރާތުގެ އެއް ހާއްސަ ކަމަކީ މެޗު ރެފްރީންގެ ގޮތުގައި ހިމެނި 36 ރެފްރީންގެ ތެރޭގައި ތިން އަންހެން ރެފްރީން ހިމެނުމެވެ. އޭގެ އިތުރުން، އެސިސްޓަންޓް ރެފްރީންގެ ގޮތުގައި ވެސް ތިން އަންހެން ރެފްރީން ހިމަނާފައިވެ އެވެ. މިއީ ފީފާ ވޯލްޑް ކަޕެއްގައި އަންހެން ރެފްރީންގެ ބައިވެރިވުން އޮންނަ ފުރަތަމަ ފަަހަރެވެ.
ވޯލްޑް ކަޕަކުން ފެންނަ ފުރަތަމަ އަންހެން ތިން ރެފްރީންނަކީ ފްރާންސްގެ ފްރަޕާޓްގެ އިތުރުން ރުވާންޑާގެ ސަލީމާ މުކަންސަންގާ އަދި ޖަޕާނުގެ ޔޮޝީމީ ޔަމަޝީޓާ އެވެ. މި ތިން ރެފްރީންނާ މިހާތަނަށް ފެނިފައިވަނީ މެޗުތަކުގެ ހަތަރު ވަނަ އޮފިޝަލުންގެ ގޮތުގަ އެވެ.
އެކަމަކު، ފީފާ އިން މިހާރު ނިންމާފައިވަނީ، މާދަމާރޭ ޖަރުމަނާއި ކޮސްޓަ ރިކާ ބައްދަލުކުރާ މެޗުގެ ރެފްރީ އަކީ ފްރަޕާޓް ކަމަށެވެ. މިއާ އެކު ފްރަޕާޓް ވެފައިވަނީ ފީފާ އިން ފިިރިހެނުންނަށް ބާއްވާ ވޯލްޑް ކަޕެއްގެ މެޗެއްގައި އިންސާފުކުރާނެ ފުރަތަމަ އަންހެން ރެފްރީ އަށެވެ.
ފްރަޕާޓަކީ ޔުއެފާ ސުޕަ ކަޕާއި ޔުއެފާ ޗެމްޕިއަންސް ލީގު އަދި ޔޫރޮޕާ ލީގުގެ މެޗެއްގައި އިންސާފުކުރި ފުރަތަމަ އަންހެން ރެފްރީ އެވެ. ފްރާންސް ފުރަތަމަ ޑިވިޝަން މެޗުތަކުގައި ވެސް ރެފްރީކަން ކުރަމުން އަންނަ ފްރަޕާޓް ފިރިހެން ގައުމީ ޓީމެއްގެ މެޗެއްގައި ފުރަތަމަ ފަހަރަށް ރެފްރީކަން ކުރީ މިދިޔަ އަހަރުގެ މާޗް މަހު ވޯލްޑް ކަޕް ކޮލިފައިންގައި ލެޓްވިއާ އަތުން 2-0 އިން ނެދަލެންޑްސް މޮޅުވި މެޗުގަ އެވެ.
ޖެހިލުންކުޑަ ރެފްރީއެއްގެ ގޮތުގައި ފާހަގަކުރެވޭ ފްރަޕާޓް ވަނީ މިދިޔަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ މެޗެއްގައި ވެސް ރެފްރީކަން ކޮށް، ތާރީހުން ހާއްސަ ޖާގައެއް ހޯދައިފަ އެވެ.
ގަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕަށް ނެގި އެސިސްޓަންޓް ރެފްރީންގެ ޕޫލުގެ ތެރޭގައި ތިން އަންހެން އެސިސްޓަންޓް ރެފްރީން ވަނީ ހިމަނައިފަ އެވެ. އެއީ ބްރެޒިލްގެ ނެއުޒާ ބެކް، މެކްސިކޯގެ ކަރެން ޑިއާޒް މެޑީނާ އަދި އެމެރިކާގެ ކެތަރިން ނެސްބިޓް އެެވެ.












