ޓޮރިނޯ، އިޓަލީ (ނޮވެންބަރު 29) - ޔުވެންޓަސްގެ ރައީސް އަންދްރެއާ އަގްނެލީ އާއި ނައިބު ރައީސް ޕަވެލް ނެޑްވެޑް ވެސް ހިމެނޭ ގޮތަށް، އެ ކްލަބުގެ ޑިރެކްޓަރުންގެ ބޯޑުގެ ހުރިހާ މެމްބަރުން މަގާމުން އިސްތިއުފާދީފިފައިވާ ކަމަށް އެ ކްލަބުން ބުނެފިއެވެ.
ޔުވެންޓަސްގެ ބޯޑުގެ ހުރިހާ މެމްބަރުން އިސްތިއުފާ ދިނީ އެ ކްލަބުން 2019 އާއި 2021އާ ދެމެދު ހަދާފައިވާ ބައެއް ޓްރާންސްފާތަކާ ގުޅޭ މާލީ ހިސާބުތައް އޮޅުވާލާފައިވާ ކަމަށް ތުހުމަތުކުރެވި، އިޓަލީގެ ފުލުހުން އެ މައްސަލަ ތަހުގީގުކުރަމުން ދަނިކޮށެވެ.
މި މައްސަލައިގައި އޮޅުވާލާފައިވާ ކަމަށް ބެލެވެނީ ކުޅުންތެރިން ރަޖިސްޓްރީކުރުމުގެ ރައިޓްސް އިން ލިބޭ އާމްދަނީ އެވެ.
އިޓަލީގެ ސްޓޮކް އެކްްސްޗޭންގްގައި ލިސްޓްކޮށްފައިވާ ޔުވެންޓަސް އިން އިންވެސްޓަަރުންނަށް މާލީ ހިސާބުތައް އޮޅުވާފައި، ނުހިނގާ ޓްރާންސެކްޝަންތަކެއްގެ އިންވޮއިސްތަކެއް ވެސް ހަދާފައިވާ ކަމަށް ތަހުގީގަށް ސާބިތުވެފައިވެ އެވެ.
ޔުވެންޓަސް އިން ނެރުނު ބަޔާނެއްގައި ބުނީ އެ ކްލަބުގެ ބޯޑުގެ ހުރިހާ މެމްބަރުން އިސްތިއުފާ ދިނީ މިހާރު ފެންމަތިވެފައިވާ އެކައުންޓިން އަދި ގާނޫނީ މައްސަލަތަކާ ގުޅިގެން، މި ވަގުތު ކްލަބަށް އެންމެ ރަނގަޅު ގޮތަކީ އާ ޑިރެކްޓަރުންގެ ބޯޑެއް އެކުލަވާލުކަމަށް ދެކޭތީ ކަމަށެވެ.
ޔުވެންޓަސްގެ އާ ޑިރެކްޓަރުންގެ ބޯޑެއް އެކުލަވާލެވެންދެން އެ ކްލަބުގެ މެނޭޖިން ޑިރެކްޓަރު މައުރިއްޒިއޯ އަރުަބޭނީ ވަގުތީ ގޮތުން އެ މަގާމުގައި ދެމިހުންނާނެއެވެ.
މިިދިޔަ ސީޒަންގެ އިޓާލިއަން ލީގު ޔުވެންޓަސް ނިންމާލީ ހަތަރު ވަނައިގަ އެވެ. އަދި އެ ކްލަބަށް މިދިޔަ އަހަރު ވަނީ 254.3 މިލިއަން ޔޫރޯގެ ގެއްލުމެއްވެފަ އެވެ.












