މީގެ ދެދުވަހެއް ކުރިން މޯލްޑިވްސް ޖަރނަލިސްޓްސް އެސޯސިއޭޝަނުން ކުރި ޓްވީޓެއް އަހަރެންގެ ސަމާލުކަން އަތުލައިފިއެވެ. ވަރަށް ސާދާ، ސަރީޚަ ޢިބާރާތުން ލިޔެފައި އޮތީ "އަންހެން ނޫސްވެރިންނަށް ރައްކާތެރި މާހައުލެއް ކަށަވަރުކޮށްދީ" މިހެންނެވެ. ވަގުތުން ހަނދާނަށް އައީ އަހަރެންނާއި އަހަރެންނާއެކު އެކި ދުވަސްވަރު، އެކި ޓީވީ ސްޓޭޝަންތަކުގައި މަސައްކަތްކުރި ނޫސްވެރިންގެ ތަޖުރިބާތަކެވެ. "ގަޔަށް އަތްލާ" އެޑިޓަރުންނާއި، ބޭއަދަބީ ހުށަހެޅުންތައް ހުށަހަޅާ ވިޔަފާރިވެރިންނާއި ސިޔާސީ ލީޑަރުންގެ ވާހަކައެވެ. "ވިހަން ޗުއްޓީ ނަގާނޭތީ" ބަސްވިކޭ ފަދަ މަޤާމުތަކަށް އަންހެނުން ނުލާ ވާހަކައެވެ. ނަން ހާމަނުކޮށް، ބައެއް އަންހެން ނޫސްވެރިންގެ އެފަދަ ތަޖުރިބާތައް އަހަންނާ ހިއްސާކުރިއެވެ.
"ބްރޭކިންގް ނިއުސް، އަދި އެމަޖަންސީ ސަޅި ޚަބަރުތައް އައިމަ، އަހަރެން "ނާޒުކު" ކަމުންނޭ ކިޔާފައި، އެ ކަވަރު ކުރަން ދާނޭ ފުރުޞަތެއް ނުދޭނެ. ދެން އެކަމަކު އަހަރެން ހަދާ ގޮތަކީ ކެމެރާ ހިފައިގެން ނައްޓާލަނީ. ދެން އެހެން ދާން ފެށީމަ ފަހުން ތަފާތުކުރުން ހުއްޓާލައިފި. އެވަރުންވެސް މަގޭ ފަހުން އައި އަންހެން ނޫސްވެރިންނަށްވެސް ހަމަ އެހެން އުޅެން ޖެހުނީ."
"އަންހެނަކަށްވީތީ ތަފާތުކުރެޔޭ ބުނާތީ ކުރިން އަޑުއިވުނަސް ނޭނގޭ އަސްލު އޭގެ މާނައެއް. އެކަމަކު އޮފީހުން ފެންނަ ޢާއްމު މަންޒަރެއް. "ބޮސް" ނޫނީ "ހެޑް" ބުނާ އެއްޗަކާ ދެކޮޅަށް ފިރިހެނަކު އެއްޗެއް ބުންޏަސް ނުވޭ މާ ބޮޑުކަމަކަށް. އެކަމަކު އަންހެނަކު އެއްޗެއް ބުނިއްޔާ އަބަދުވެސް ފެންނަނީ އޭނާ ދަށްކޮށްލާ، އަޑު ހަރުކޮށް ޒުވާބުކުރަން އަބަދުވެސް ޖެހިފައި އޮންނަތަން. އޮފީސް ގަޑީގަ ފިރިހެނަކު އޮފީހުގައި ނެތުމާއި، އެކަން އަންހެނަކު ކުރީމަ ދެކޭގޮތްވެސް ތަފާތު. ފިރިހެނުން، ދާއިރާ ނޫން އެއްޗަކުން ކިޔެވިޔަސް މާބޮޑު އިޝޫއެއް ނޫން. އެކަމަކު އަންހެނަކު ކިޔަވަންޏާ އެކަން ބޮޑު މައްސަލައަކަށްވޭ"
"އަންހެނަކަށް ވީތީ މި ދާއިރާގަ ވަރަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިވޭ. ފިރިހެނުން ކުރާ މަސައްކަތަށްވުރެ ތިން ގުނަ މަސައްކަތް ކުރިޔަސް ފިރިހެން ސްޓާފުންނާ އެއްހަމައިގަ ފައިހަމަ ކޮށްލާނެ ފުރުސަތެއް ނުދޭނެ. އަންހެން ކުއްޖަކު ކަމެއް ޖެހިގެން ނުކުތަސް ފިރިމީހާއަށް ކަންތައް ކޮށްދޭން ދަރިންގެ ކަންތައް ކޮށްދޭންކަމަށް ބުނެ މަލާމާތް ކުރާނެ. ފިރިހެނެއް ދާނީ ހަމަ ދާން ޖެހިގެން އިތުރު ގޮތެއް ނެތިގެން. ފިރިހެނެއް ހިތްހަމަ ނުޖެހިގެން އެއްޗެއް ބާރަށް ބުންޏަސް އެ އޯކޭ. އެއީ ފިރިހެނުންގެ ޠަބީއަތް ނޫނީ އޭނަގެ ގޮތް. އެކަމަކު ހިތްހަމަ ނުޖެހިގެނެއް ނޫން ކަން އޮތް ގޮތަށް އަނހެނަކު އެއްޗެއް ބުނެފިއްޔާ އޭނަ ލޭބަލް ވާނެ ވަރަށް ކަމުނުދާ އަންހެނެއް ގޮތައް. ވެރިންނަށް އިޙްތިރާމް ނުކުރާކަމަށް ވާނެ."
"އަޅުގަނޑުމެންނަކީ ކޮންމެ ދުވަހަކު ޓީވީއާ ރޭޑިއޯގައި އެންމެ ގިނައިން މިކަހަލަ ކަންކަމާ ދެކޮޅަށް އަޑުއުފުލާ، މިފަދަ ކަމެއް ހިނގާ ކޮންމެ ފަހަރަކު މީހުންނާ ކުރިމަތިލާ އެކަހަލަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް މަސައްކަތް ކުރާށާ ކަމެއް ހިނގައިފިއްޔާ އަންގަން ޖެހޭ ފަރާތްތަކަށް އަންގަން އެންމެ ހަރު އަޑުން އިލްތިމާސް ކުރާ މީހުން. އެކަމަކު، އަޅުގަނޑުމެންނަކަށްވެސް ކަމެއް ވީމަ ކަމެއް ދިމާވީމަ އެހިތްވަރެއް ނުލިބޭ. އެއީ ތަނުގެ ވެރިންނަށް ތިބެނީ ފިރިހެނުން. އަންހެނެއް ހުރިއްޔާ އެމީހެއް ހުންނާނީ ސްޓާފުންގެ ދިފާޢުގަ އެއްޗެއް ބުނަން ނުކެރޭ ވަރަށް ވަޒީފާގެ ބިރު ދައްކާ މަޤާމުގެ ބިރު ދައްކާފަ. ދެރަވެސްވޭ، އުނދަގޫވެސް ވޭ އަސްލު"
"މުޒާހަރާއެއް ކަވަކުރަންވެސް އަންހެނަކު ވީމަ ފޮނުވަން ފަސްޖެހިފަ އެބަހުރި. އަންހެން ކުއްޖަކަށްވީމަ އަނިޔާއެއް ލިބިދާނެތީ ނޫނީ މުޒާހަރާއެއް ކަވަރ ނުކުރެވެދާނެތީއޭ ބުނެ. އަޅުގަނޑަށް ތަޖުރިބާ ކުރެވުނު ކަމެއް އެއީ. އެކަމަކު އެކަމާ ދެކޮޅު ހަދައި ކެމެރާ ހިފައިގެން ނިކުތީ އަމިއްލައަށް އިސްނަގައިގެން. އަޅުގަނޑު ބޭނުންކުރަން ބޭނުންވާ ބަހެއްވެސް ނޫން އެއީ. އަންހެނަކަށް ވީތީ، ފިރިހެނަކަށް ވީތީ. އަޅުގަނޑު ގަބޫލުކުރާގޮތުގައި ކަމެއްކުރަން މީހަކު ނިކުމެ އަޒުމް ކަނޑައަޅާނީ އެމީހަކަށް އެކަން ކުރެވޭނެތީ. އެހިސާބުން އެއްކަލަ ޖިންސަށް ތަފާތުކޮށް ވީތީ، ވާނެތޯ، ވެދާނެތޯ، ކެރޭނެތޯ، ކެރިދާނެތޯ، މި ސުވާލުތައް އުފައްދައިގެން ނުވާނެ. އަޅުގަނޑު ހެދި ޝޯއަކަށް ވަރަށްގިނަ މީހުން ތައުރީފު ކުރާއިރު އެބަ ބުނޭ އަންހެނަކު ކަމެއް ކުރީމަ އެކަން ފާހަގަކޮށް މާބޮޑަށް ތައުރީފު ކުރުމަކީވެސް ތަފާތުކުރުން ކަމަށޭ އަޅުގަނޑު ދެކެނީ."
"އަންހެނުންގެ މެދުގައި އެބަ ތަފާތު ކުރޭ ބުރުގާ އަޅާފައި ތިބޭތީވެސް. ދޮން ކަޅުގެ ތަފާތު ރާއްޖޭގައިވެސް އެބަ ގެންގުޅޭ. ތިމަންނަގެ މިވެނި ޝޯއަކަށް އަރުވަން ބޭނުންވަނީ ބުރުގާ ނާޅާހުރި ދޮން، ރީތި ކުއްޖެކޭވެސް އެބަހުރި ބުނެފަ. އެކަމަކު ފިރިހެނަކު ޓީވީ އަށް އަރުވަން ވީމަ އެމީހެއްގެ ސިފައަކަށް އެވަރަކަށް ނުބަލާ."
"ދާއިރާއެއްގައި އަންހެނަކަށް ކުރިއެރުމެއް ލިބިއްޖެނަމަވެސް އެބަ ސުވާލު އުފައްދާ، އެއީ ހައްގު މަޤާމެއްތޯ، ނޫނީ އޭނައަށް އެކަން އެ ލިބުނީ މިވެނި ކަމެއްވީމަ އެވެނި ކަމެއް ބޮސްއަށް ކޮށްދީގެނޭ ބުނަ ހަޑިބަދުނާމުގެ ބަސްތައް ރައްދުކުރާލެއްގިނަ. އަންހެނުންވެސް އެބަ ހަމަ އަންހެނުން ގޯސްކޮށް ޕޯޓްރޭ ކުރޭ. އެކަން އެބަޖެހޭ ހުއްޓާލަން، އަނެކާގެ ސަކްސަސް ސްޓޯރީއަށް އަތްޖަހައި އެއިން އިންސްޕަޔަރވާން އެބަޖެހޭ އަސްލު"
ޚުދު އަހަރެންވެސް މި ފަދަ ބައެއް ކަންކަން ތަޖުރިބާ ކުރީމެވެ. ޢުމުރުން އެންމެ 23 އަހަރުގައި ނޫސްވެރިކަމުގެ ސަނަދު ކިހިލިޖަހައިގެން، ދަތްޕިލާ ސޭލްއަޅުވައިގެން ހުރެ ފުރަތަމަ ސްކްރީންޓެސްޓު ހަދަން ކެމެރާ ކުރިމައްޗަށް ހުއްޓުނީ، ޓެކްސްޓުފޮތުގައި ހުނަރުގެ ކުރިމަތީ ސިފަ އެއީ އެއްޗަކަށް ނުވާނޭކަމަށް ބުނެފައި އޮންނާތީ، އެ ކަމުން ހިތްވަރު ލިބިގެންނެވެ. އިސްކޮޅުން ކުރު، ހަމުގެ ކުލަ އަނދިރި، ހިކި ދަނޑިގަނޑެއްހެން އޭރު ހުންނަ އަހަރެންގެ މިންތި ވަކިވަނީވެސް އޮޅާފައި އޮންނަ ބުރުގާއާ ހެދި އެކަންޏޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ކުރަން ފައިނެގި މަސައްކަތަށް އެންމެ މޮޅު ނޫނަސް، ޤާބިލިއްޔަތު ހުރިކަން އޭރުވެސް އަހަރެން ކަށަވަރު ކުރީމެވެ. އެހެންނަމަވެސް އެއީ ސްކްރީން ޓެސްޓު ނިމުމުން ޕެނަލުން "ސްކްރީން ކުރިމައްޗަށް ނެރެވޭނީ ލުކެއްވެސް ހުރެގެން" ކަމަށް ބުނި ހިސާބުންނެވެ.
އަހަރެންގެ އެކުވެރި އެހެން އަންހެންކުއްޖަކަށް ކުރިމަތިވި މައްސަލައަކީ ވަކި ވަރަކަށް ހިކި ނުވުމެވެ. އޭނާ އަދި އަހަރެންގެ ވެސް ސިފައިގައި ހުރި އައިބުކަމެއް ނޫން އެހެން މައްސަލައެއް ނެތެވެ. ސްކްރީންގެ ކުރިމައްޗަށް ފުރަތަމަ އެރުނީ މެނޭޖްމަންޓަށް އެ ނޫން ގޮތެއް ނެތިގެންނެވެ. ޚަބަރު ކިޔަން ޖެހޭ ކުއްޖާ ގަޑިޖެހިގެން އެހެން ކުއްޖަކު ގެނެވެން ނެތި ގޮތް ހުސްވީމައެވެ. އެ ހިސާބުން ހަރުލީއެވެ. ބޮޑުން ބޭނުންވެގެންނެއް ނޫނެވެ. އެކަމަކު ހަމަ އެއްކަލަ ދުވަހު، އެއްކަލަ ސްކްރީން ޓެސްޓު ހެދި، ސުޕަރ މޮޑެލް ބައްޓަމަށް ނާޅާ އެތައް ފިރިހެންކުދިންނަކަށް ފުރުޞަތު ލިބުނުކަން އަހަރެމެން އަންހެންވެރިން މިއަދުވެސް ހަނދާންހުރެއެވެ.
އޭގެ އަށެއްކަ އަހަރު ފަހެވެ. ހަމަ އެ އޮފީހެވެ. ވަޒީފާއެއް ލިބިއްޖެއެވެ. އެކަމަކު އެއީ އެއް މަޤާމެއް ފިރިހެން މުވައްޒަފަކާއެކު "ޝެއާ" ކުރާށެވެ. މައްސަލައެއް ނެތެވެ. އެހެންނަމަވެސް ހުރިހާ ކަމެއް ހަމަހަމަ ނަމައެވެ. ކަރުދާހުގައި އެކައްޗެކެވެ. މަޤާމާއި މުސާރައާއި އިނާޔަތްތަކާއި ޒިންމާތައްވެސް މެއެވެ. އެހެންނަމަވެސް، ކަރުދާހުގައި ނުލިޔެ އަނގަބަހުން ނިންމާފައި އޮންނަ ނިންމުންތަކުން ނަމަ އެއީ މަގޭ ބޮހެވެ. އޭނާގެ ޑިއުޓީ ގަޑިއަކީ އޭނާ ބޭނުން ގަޑިއެކެވެ. މަސައްކަތައް އައުމުގައި އޭނާ ހަދާ އުސޫލުތައް އޭނާގެ މައްޗަކަށް ތަންފީޒެއް ނުކުރެވެއެވެ.
އަހަރެމެން އުޅެން ޖެހެނީ ޢާއްމު އަޚުލާޤީ މިންގަނޑަށް ވިސްނައިގެންނެވެ. އެމީހުން ދުވާލު ދެދަޅައަށް ނަގޫއެނބުރިއަސް އެކަމާ ބަހެއް ބުނަން ކެރޭ މީހެއް ނުހުރެއެވެ. އަހަރެންގެ މަސައްކަތް ފެންނާން އޮންނަނީ އޮންއެއަރކުރެވޭ މަސައްކަތުގެ ރޭޓުންނެވެ. އޭނާއަށް އެ ޝަރުޠުތަކެއް ނޯވެއެވެ. އަހަރެންގެ ފުށުން ފެންނަ މައްސަލަ ޙައްލުކުރަނީ އެޗް.އާރުން އަނގަބަހުންނާއި އެ ނޫން ގޮތްގޮތަށް ދޭ ނަސޭޙަތާއި އިންޒާރުންނެވެ. އޭނާގެ މައްސަލަތައް، ބޮޑު މީހާއާއެކު ސިގިރޭޓެއް ބޯލުމުން ހައްލުވެއެވެ.
ޚަބަރު ކިޔަން އިންނައިރު ކެމެރާގެ ލެންސުވެސް އަހަރެމެން އަންހެނުންނަށް ތަފާތުކުރާ ކަހަލައެވެ. އަންހެނަކު ވިއްޔާ ހުންނަން މި ޖެހެނީ ދިގުހެދުމަށް ރީތި، ކޯޓު ފަޓުލޫނަށް ނަލަ، އެހެންނަމަވެސް މީހުންގެ ސަމާލުކަން ވަކި ވަކި ގުނަވަންތަކަށް ނުދާނެ ފަދަ ގޮތަކަށެވެ. ބުރުގާ ނާޅާނަމަ އިތުރު ޕޮއިންޓެކެވެ. މޫނު މަތީ އައިބެއް ހުރި ނަމަ، އެ އައިބު ފޮރުވަން އެނގޭ މިންވަރަށް މޭކަޕް ކުރަން އެނގެން ޖެހެއެވެ. އަޑު މަޚުރަޖު ސާފުވެފައި ބަހުރުވައިގެ ހިލަމެއްވެސް ހުރެގެންނުވެއެވެ.
އެހެންނަމަވެސް ފިރިހެން އެންކަރެއްނަމަ، ކޮންމެ ބައްޓަމަކަށް ހަށިގަނޑު ހުއްޓަސް ވަރިހަމައެވެ. ތުނބުޅި މަތިމަސް ހުއްޓަސް، ނެތަސް ހެވެވެ. އަޑު މަޚުރަޖު އެއީ ސެކަންޑަރީ ސިފަތަކެވެ. ބަހުރުވައެއްގެ އެކްސެންޓެއް ނުވަތަ ރާގެއް ހުރިއްޔާ އެއީ އޭނާގެ ސިގްނޭޗަރ ސްޓައިލެވެ.
ނޫސްވެރިންގެ ތެރެއިން އަންހެން މުވައްޒަފަކަށް ކުރިއެރުމެއް ލިބިއްޖެނަމަ، އެއީ އޭނާ "މޭޒުތަންދޮށުން ޑީލް ހަދައިގެން" ހޯދި ކުރިއެރުމެއް ކަމަށް ބުނާނެއެވެ. އޭނާގެ ޢަބުރު ކަތިލާނެއެވެ. އޭނާގެ ތަޢުލީމާއި ތަޖުރިބާ އާއި ހުނަރު އެއީ އެއްވެސް އަގެއް ނެތް އެއްޗެއް ކަމުގައި ހަދާނެއެވެ. އެހެންނަމަވެސް ފިރިހެނަކަށް ނުޙައްޤުން ކުރިއެރުމެއް ލިބުނަސް އެއީ އޭނާ އަށް ޚައްޤު ކަންކަން ކަމުގައި ބުނާނެއެވެ.
ގޯހީ ކާކުހެއްޔެވެ؟ މި ޘަޤާފަތްތައް މޫލާފައިވާ ރާއްޖޭގެ މީޑިޔާ އިންޑަސްޓްރީހެއްޔެވެ؟ މި ކަންކަން ބަލައިގަނެ ނޭނގި ނަމަވެސް އެ ކަންކަމަށް ތާއީދުކުރާ އޯޑިއަންސްހެއްޔެވެ؟ ނުވަތަ މި ހުރިހާ ކަމަކަށް "އާދެ- ލައްބަ" ކިޔަން ތިބޭ އަންހެން ނޫސްވެރިންހެއްޔެވެ؟
މިއީ މީޑިޔާގެ ޙާލަތުކަން އެއީ ދާއިރާގެ އެންމެން ދަންނަ ބޮޑު ސިއްރެކެވެ. އަނގައިން ނުބުނެ މި ތިބެނީ ކީއްވެގެންހެއްޔެވެ؟ ޖަވާބު ސާދާ ސީދަލެވެ. ދާއިރާގައި "ބްލެކްލިސްޓު" ވެދާނޭތީއެވެ. އުފަން ޤައުމުގައި ކުރާހިތްވާ މަސައްކަތެއް ކުރުމުގެ ފުރުޞަތު ގެއްލިދާނޭތީއެވެ. އޭރުވެސް މިހާރުވެސް މީޑިއާ ހިންގަން ތިބި ނުފޫޒުގަދަ "އެއް ބައެއްގެ" ނުފޫޒުގެ ބިރަށް، އެމީހުންނާ ދެކޮޅަށް އަޑުއުފުލާނޭ މީހުން ނުވާތީއެވެ. އެތައް ވެރިކަމެއް ބަދަލުވެދާއިރުވެސް، އެތައް ދިހަ އަހަރެއް ވޭތުވެ ދާއިރުވެސް، ކޮންމެ ކެމްޕެއިން އަހަރަކަށް "އެއް މާތަކެއް ފޮޅޭތީ" އެވެ. މިބުނާ މާތަކާ ނުލައި ދިވެހި ޕްރޮޕެގެންޑާ ނޫސްވެރިކަން ނުހިނގާނެކަން، ޖަވާބުދާރީ ކުރުވާ ހުރިހާ އިދާރާއެއްގެ އޮފިޝަލުންވެސް ދަންނާތީއެވެ. ޚުދު އެމީހުންވެސް، އެ ނުފޫޒުން ފެންވަރަން ބޭނުންވާތީއެވެ.
އަންހެން ނޫސްވެރިންނަށް ރައްކާތެރިކަން ބޭނުންވަނީ ހަމަ އެކަނި އެ މީހުން ޚަބަރު ކަވަރުކުރަން އުޅޭ އުޅުމުގައެއް ނޫނެވެ. ހަމަހަމަ މާހައުލެއްގައި ހަމަހަމަ ފުރުޞަތުތަކާއި ހަމަހަމަ މުސާރަ ލިބިގެން، އެއް ނާޅިއަކުން މިނޭނޭ ގޮތަށް ކަންކަން އިންތިޒާމުކޮށްގެންނެވެ. ފުރަތަމަ ފިޔަވަޅަކީ މި ކަންކަން ހިނގާކަން މީހުންނަށް ހާމަކޮށްދިނުމެވެ. އެމް.ޖޭ.އޭ އިން ކުރި ޓްވީޓާއެކު އެކި ދިމަދިމާލުގައި ފޮރުވާފައި ހުރި ސިއްރުތައް މަޑުމަޑުން ހާމަވާން ފަށައިފިއެވެ. އެ ވާހަކަތައް ދައްކަން ހިނގާށެވެ. އަހަރެމެންނަށް ނުލިބުނު ޙައްޤުތަކެއް ކުރިއަށް އޮތް ޖީލުތަކުގެ އަންހެން ނޫސްވެރިންނަށް ލިބިދާނެކަމުގެ އުއްމީދުގައެވެ. އަންހެންވަންތަކަމަކީ އިސްޖަހައިގެން ހައްޕުކިޔައިން އިނުން ކަމުގައި އޮތް ޒަމާން މާޒީވެ ހިނގައްޖެއެވެ.








