ދޯހާ (ނޮވެމްބަރު 28) - ގަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގައި ތިން ގައުމެއް ކުޅޭ މެޗު ނުދައްކަން އުތުރު ކޮރެއާގައި އަންގާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުންގެ ސަރުކާރުން އެ ގައުމުގައި ވޯލްޑް ކަޕް ދެއްކުމުގެ މަސައްކަތުގައި އުޅޭ ޗެނަލްތަކަށް ފޮނުވާފައިވާ އީމެއިލެއްގައި އަންގާފައިވަނީ، މި ފަހަރުގެ ވޯލްޑް ކަޕްގައި ދެކުނު ކޮރެއާ، ޖަޕާން އަދި އެމެރިކާގެ މެޗު ދައްކައިގެންނުވާނެ ކަމަށެވެ.
ކިމްގެ ސަރުކާރުން މި ގޮތަށް އަންގާފައިވަނީ އުތުރު ކޮރެއާއާ ސިޔާސީ ގޮތުން ހިޔާލުތަފާތުވުންތަކެއް ހުރި ގައުމުތަކުގެ މެޗުތައް ނުދެއްކުމުގެ ގޮތުންނެވެ.
އުތުރު ކޮރެއާގެ ސަރުކާރުގެ އޮފިޝަލަކާ ހަވާލާދީ އެ ގައުމުގެ ސަރުކާރުން ހިންގާ ޓީވީން ރިޕޯޓްކޮށްފައިވަނީ ވަކި ގައުމެއްގެ މެޗުތައް ބަލަން އެ ގައުމުގެ ފުޓްބޯޅަ ސަޕޯޓަރުންނަށް އިރުޝާދުދޭނެ ވިސްނުމެއް ނެތް ކަމަށެވެ. ދެކުނު ކޮރެއާ އާއި ޖަޕާން އަދި އެމެރިކާގެ މެޗުތައް ނުދައްކަން އެންގި އެންގުމާ ބެހޭގޮތުން ވާހަކައެއް ދައްކަން ސަރުކާރުގެ އޮފިޝަލް ބޭނުމެއް ނުވި އެވެ.
ގަތަރުގައި މި ފަހަރުގެ ވޯލްޑް ކަޕް ބާއްވާއިރު، އެ ގައުމުގެ އުސޫލުތައް ހުރި ގޮތުން ހުޅަނގުގެ ގައުމުތަކުން ހިތްހަމަނުޖެހުންތައް ފާޅުކުރަމުންދާއިރު، އެ ކަމަށް އިޝާރާތްކޮށް، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ދެއްކި ވާހަކައިގައި ވަނީ ފީފާގެ މުބާރާތެއް އުތުރު ކޮރެއާގައި ބާއްވަން ޝައުގުވެރިކަން އެބަހުރި ކަަމަށެވެ. ސަބަބަކީ ވޯލްޑް ކަޕަކީ ގައުމުތަކުގެ ގުޅުން ބަދަހި ކުރުމަށް މުހިންމު ރޯލެއް ކުޅެދޭ ކަމެއް ކަމަށްވާތީ އެވެ.
މީގެ ކުރިން އުތުރު ކޮރެއާގެ ފުޓްބޯޅަ ޓީމު ވަނީ ދެ ފަހަރެއްގެ މަތިން ވޯލްޑް ކަޕްގައި ކުޅެފަ އެވެ. އެއީ 1966 ވަނަ އަހަރާއި 2010 ވަނަ އަހަރު އެވެ. އެ ގޮތުން 1966 ވަނަ އަހަރު، އިންގްލެންޑްގައި ބޭއްވި ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި ކުޅެފަ އެވެ. އެ ފަހަރު، ކުއާޓާ ފައިނަލްގައި ޕޯޗުގަލް އަތުން އުތުރު ކޮރެއާ ވީ ބައްޔެވެ.
އޭގެ ފަހުން، 2010 ވަނަ އަހަރު ދެކުނު އެފްރިކާގައި ބޭއްވި ވޯލްޑް ކަޕްގައި ކުޅުނު އުތުރު ކޮރެއާ ޓީމު ނިންމާލީ ޕޮއިންޓެއް ވެސް ނުލިބި އެވެ. އެ ފަހަރު ބްރެޒިލް އަތުން އުތުރު ކޮރެއާ ބަލިވީ 2-1 އިންނެވެ. އެކަމަކު، ޕޯޗުގަލް އަތުން 7-0 އިން ބަލިވިއިރު، އައިވަރީ ކޯސްޓް އަތުން ބަލިވީ 3-0 އިންނެވެ.












