ދޯހާ، ގަތަރު (ނޮވެމްބަރު 27) - ފުރަތަމަ މެޗުގައި ޖަރުމަން އަތުން ހޯދި މޮޅަކީ މުޅި ޖަޕާނަށް ލިބުނު ކާމިޔާބެއް ކަމަށާއި، ނަމަވެސް ޖަޕާންގެ ކުޅުންތެރިން ތިބީ ހަމަބިމުގައި ކަމަށް ކޯޗު ހަޖީމޭ މޮރިޔާސޫ ބުނެފި އެވެ.
ފީފާ ވޯލްޑް ކަޕްގެ ގްރޫޕް އީގައި މިއަދު މެންދުރު ފަހު ޖަޕާނާއި ކޮސްޓަރިކާ ވާދަކުރާނެ އެވެ. މި މެޗަށް ނުކުންނައިރު، ޖަޕާނުން ވަނީ މި ފަހަރުގެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި 2-1 އިން ޖަރުމަން ބަލިކޮށްފަ އެވެ. ފުރަތަމަ މެޗުގައި ކޮސްޓަ ރިކާ ވަނީ 7-0 ގެ ބޮޑު ތަފާތަކުން ސްޕެއިން އަތުން ބަލިވެފަ އެވެ.
ދެ ވަނަ ބުރުގެ ފުރުސަތު ހޯދަން ކޮސްޓަ ރިކާ މި މެޗުން މޮޅުވުން މުހިންމުއިރު، ޖަޕާން މި މެޗުން މޮޅުވެއްޖެ ނަމަ އެ ޓީމަށް ދެ ވަނަ ބުރުގެ ޖާގަ ލިބޭނެ އެވެ. މިއީ އެންމެ ފަހުން ބޭއްވި ހަތް ވޯލްޑް ކަޕްގެ ތެރެއިން ޖަޕާނުން ގްރޫޕް ސްޓޭޖު ފަހަނައަޅައިދާ ހަތަރު ވަނަ ފަހަރަށް ވާނެ އެވެ.
ޖަޕާން ޓީމުގެ ހަލާތާ ގުޅޭގޮތުން ކޯޗު މޮރިޔާސޫ ބުނީ ފުރަތަމަ މެޗުން ލިބުނު މޮޅާ އެކު ޓީމްގެ ރޫހާ، އިތުބާރަށް ބޮޑު ބަދަލެއް އައިސްފައިވާ ކަމަށެވެ. އަދި މިހާރު ޓީމުގެ ކޮންފިޑެންސް ލެވެލް ވެސް ތަފާތު ކަމަށް މޮރިޔާސޫ ވަނީ ބުނެފަ އެވެ.
ޖަރުމަން އަތުން ލިބުނު މޮޅުގެ މުހިންމުކަން ބޮޑު ނަމަވެސް އެ މެޗުން ހޯދި ނަތީޖާ އަކީ ޓީމުގެ ހުރިހާ ކުޅުންތެރިން "ހިތްތިރިކޮށް" އާ މިސްރާބަކަށް ދާން ލިބުނު ހިތްވަރެއްގެ ގޮތުގައި މޮރިޔާސޫ ސިފަކުރި އެވެ.
މޮރިޔާސޫ ބުނީ ހުރިހާ ކުޅުންތެރިންވެސް ތިބީ ހަމަބިމުގައި ކަމަށާއި، މި މެޗުގައި ވެސް ޖަޕާނުން ފަރުވާކުޑަނުކޮށް އޭނާ ބޭނުންވާ ގޭމު ކުޅޭނެކަމުގެ އިތުބާރު އެބައޮތް ކަމަށެވެ.

ޖަޕާނުގެ ކޯޗު މޮރިޔާސޫ: އޭނާ ވަނީ ކޮސްޓަ ރިކާ މެޗު ފަސޭހަނުކޮށްލާނެ ކަމަށް ބުނެފައި.
ކޮސްޓަ ރިކާ ޓީމާ ބެހޭގޮތުން މޮރިޔާސޫ ބުނީ ފުރަތަމަ މެޗުގައި ބޮޑުތަފާތަކުން ބަލިވެފައިވާތީ ކޮސްޓަ ރިކާ އިން މި މެޗުގައި ނުކުންނާނީ އާ ހިތްވަރަކާ އެކު ކަމަށާއި، އެހެންކަމުން ޖަޕާނުން އިތުރަށް ސަމާލުވާނެ ޖެހޭނެ ކަމަށެވެ.
"ފުރަތަމަ މެޗުން މޮޅުވިޔަސް އަހަރުމެން މިތިބީ ހަމަ ބިމުގައި. ކޮސްޓަ ރިކާ މެޗުން މޮޅުވާން ތައްޔާރަށް މިތިބީ. މި މެޗު ހީކުރާ ވަރަށްވުރެ އުނދަގޫވާނެ. ކޮސްޓަ ރިކާ ނުކުންނާނީ އާ ޖޯޝެއްގައިކަން އަހަންނަށް އެނގޭ، އަމާޒަކީ އަހަރުމެންގެ ގޭމް ކުޅުން" ކޯޗު މޮރިޔާސޫ ބުންޏެވެ.
ކޮސްޓަ ރިކާ ޓީމްގެ ކޯޗު ލުއިސް ފެނާންޑޯ ސުއަރޭޒް ބުނީ ފުރަތަމަ މެޗުގައި ބޮޑުތަފާތަކުން ބަލިވިޔަސް އެ ޓީމުގެ އުއްމީދަށް ބަދަލެއް ނާންނަ ކަމަށާއި، މުބާރާތަށް އައީ އެހާ ފަސޭހައިން ބަލި ގަބޫލުކޮށްގެން އަނބުރާ ދާން ނޫންކަން މި މެޗުން ދައްކަން ބޭނުންވާ ކަމަށެވެ.
ސުއަރޭޒް ބުނީ މިއީ މުޅިން އާ މެޗެއް ކަމަށާއި، މި މެޗުގައި ބޭނުންވާ ނަތީޖާ ނެރެން ޓީމު އޮތީ ވަރަށް އެއްބައިވަންތަކޮށް ކަަމަށެވެ.
އޭނާ ބުނީ ފުރަތަމަ މެޗުގައި އެހާ ބޮޑު ނަތީޖާއެއް ނުކުތީ ހެދުނު ބޮޑެތި ގޯސްތަކަކުން ކަމަށާއި، އެ ކަންކަން ރަނގަޅުކޮށް ޖަޕާން އަތުން ރަނގަޅު މޮޅެއް ހޯދޭނެކަމުގެ އިތުބާރު އެބައޮތް ކަމަށެވެ.
"އަހަރުމެން އަދި މަރެއް ނުވޭ، ބޮޑު ބައްޔެއްވިޔަސް އުއްމީދެއް ނުގެއްލޭ. އަހަރުމެން އެނބުރި ގައުމަށް ދާ ވާހަކަ އަދި އަހަރެން ދައްކަން ބޭނުމެއް ނުވޭ. ޖަޕާން މެޗަށް ހުރިހާ ފޯކަސް އެއް ހުރީ" ކޮސްޓަރިކާގެ ކޯޗު ބުންޏެވެ.
މި މެޗަކީ ވާދަވެރި މުބާރާތެއްގައި ކޮސްޓަރިކާ އާއި ޖަޕާން ވާދަކުރާ ފުރަތަމަ މެޗެވެ.












