ލުސައިލް، ގަތަރު (ނޮވެމްބަރު 27) - ލިއޮނެލް މެސީގެ ޖާދުލާ އެކު މެކްސިކޯގެ މައްޗަށް 2-0 އިން ކުރި ހޯދައި ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ބުރުގެ އުންމީދު އާޖެންޓީނާ އިން ދަމަހައްޓައިފި އެވެ.
މެކްސިކޯ އަތުން އާޖެންޓީނާ މޮޅުވުމާ އެކު ގްރޫޕް ސީގެ ފޯރިވަނީ ގަދަވެފަ އެވެ. ހަތަރު ޕޮއިންޓާ އެކު މިވަގުތު އެއް ވަނައިގައި އޮތީ ޕޮލެންޑެވެ. ދެ ވަނަގައި އޮތީ ތިން ޕޮއިންޓާ އެކު އާޖެންޓީނާ އެވެ. ތިން ވަނައިގައި އޮތް ސައުދީ އަރަބިއްޔާ އަށް ވެސް ތިން ޕޮއިންޓް ލިބިފައިވާއިރު، އާޖެންޓީނާ އަށް ކުރި ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ. ގްރޫޕުގެ ފުލުގައި އޮތީ އެއް ޕޮއިންޓާ އެކު މެކްސިކޯ އެވެ. އެ ޓީމަށް ވެސް އަދި ދެ ވަނަ ބުރުގެ ފުރުސަތު އެބައޮތެވެ.
މިރޭ ކުޅުނު މެޗުން އާޖެންޓީނާ އަށް މޮޅުވާން މަޖުބޫރުވެފައިވާއިރު، އެ ޓީމުން މެޗަށް ނުކުތީ ބަދަލުތަކަކާ އެކުގަ އެވެ. އެ ގޮތުން ޓީމުގެ ފުރަތަމަ އެގާރަ އަށް ފަސް ބަދަލެއް ގެނައިއިރު، މެކްސިކޯ އިންވެސް ނިކުތީ ކެޕްޓަން އަންދްރޭސް ގުއަޑާޑޯ ފުރަތަމަ އެގާރާގައި ހިމަނައިގެންނެވެ. މިރޭގެ މެޗުގައި ކުޅުމާ އެކު ގުއަޑާޑޯ ވެފައިވަނީ ފަސް ވޯލްޑް ކަޕެއްގައި ކުޅުނު ފަސް ވަނަ ކުޅުންތެރިޔާ އަށެވެ. އެ ފަސް ކުޅުންތެރިންގެ ތެރޭގައި މެކްސިކޯ ކުޅުންތެރިން ގިނަ އެވެ.
ގިނަ ފައުލުތަކެއް ފެނުނު މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުން ވެސް ފެނުނީ ވަރުގަދަ އެގްރެސިވް ގޭމެކެވެ. ނަތީޖާއެއްގެ ގޮތުން ގޯލު ޖަހާނެ މާގިނަ ފުރުސަތުތަކެއް ވެސް ދެ ޓީމަށް ނުލިބެ އެވެ.
ފުރަތަމަ ހާފުގައި އާޖެންޓީނާ އިން ގޯލާ އަމާޒުކޮށް ފޮނުވާލި ހަމައެކަނި ހަމަލާ އަކީ ލިބުނު ހިލޭ ޖެހުމަކުން ކެޕްޓަން ލިއޮނެލް މެސީ ފޮނުވާލި ހަމަލާ އެވެ. އެ ބޯޅަ ގޯލްކީޕަރު ގުއިލާމޯ އޮޗޯއާ ވަނީ އުނދަގޫކަމެއް ނެތި ދިފާއުކޮށްފަ އެވެ. އޭގެ ފަހުން އެންހެލް ޑިމާރިއާ ނަގައިދިން ހުރަހަކުން ލައުޓާރޯ މާޓިނޭޒް ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.
ފުރަތަމަ ހާފު ނިމުގެ ކުރިން މެކްސިކޯ އިން ފޮނުވާލި ނުރައްކާތެރި ހަމަލާއަކީ އެޓީމަށް ލިބުނު ހިލޭ ޖެހުމަކުން ފޮނުވާލި ބޯޅަ އެކެވެ. އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމުން އެލެކްސް ވާގަސް ފޮނުވާލި ބޯޅަ ގޯލުގެ ކަނަށް ވަންނަން ދަނިކޮށް ސަލާމަތްކުރީ އެމިލިއާނޯ މާޓިނޭޒް އެވެ.
ދެވަނަ ހާފު ފަށައިގެންވެސް މާ ގިނަ ހަމަލާތަކެއް އުފައްދަން ދެ ޓީމަށް ފުރުސަތެއް ނުލިބެ އެވެ. އޭރިއާ ބޭރުން މެސީ ފޮނުވާލި ހިލޭ ޖެހުމެއް ގޯލާ އަމާޒުނުވެ ހުރަސް ދަނޑިމަތިން ބޭރަށް ދިޔައިރު، ޑީމާރިއާ ފޮނުވާލި ބޯޅައެއް މެކްސިކޯގެ ކުޅުންތެރިން ބްލޮކް ކުރި އެވެ.
މެޗުގެ ފުރަތަމަ ގޯލު ޖަހައި އާޖެންޓީނާ އަށް މެސީ ލީޑު ނަގައިދިނީ މެޗުގެ 64 ވަނަ މިނެޓުގަ އެވެ. ޑިމާރިއާ ދިން ޕާސް ކޮންޓްރޯލްކޮށްލުމަށްފަހު އޭރިއާ ބޭރުގައި ހުރެފައި މެސީ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ. މިއީ ވޯލްޑް ކަޕްގައި ކުޅުނު 21 މެޗުން މެސީ ޖެހި އަށްވަނަ ގޯލެވެ.
އާޖެންޓީނާގެ ގޯލާއިއެކު މެކްސިކޯ އިން ބަދަލުތަކެއް ގެނެސް ކުރިއަށް ޖެހިލައިގެން ކުޅުނެވެ. ނަަމަވެސް ނުރައްކާތެރި ހަމަލާއެއް އުފެއްދޭ ގޮތެއް ނުވި އެވެ.
މެކްސިކޯ ކުރިއަށް ޖެހުނު ދަނޑިވަޅުގައި ލިބުނު ބޯޅައަކުން އާޖެންޓީނާ އިން ދެވަނަ ގޯލު ޖަހައި މެޗު ޔަގީންކުރި އެވެ. މެސީ ދިން ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ މި ގޯލު ޖެހީ އެންޒޯ ފެނާންޑޭޒް އެވެ. އޭރިއާގެ ކަނާ ދިމާލުގައި ހުރެފައި އެންޒޯ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.
މި މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު ދެވަނަ ބުރަށް ދިޔުމުގެ އަމިއްލަ ބާރު އާޖެންޓީނާ އަށް އޮންނާނެ އެވެ. ފަހު މެޗުގައި ޕޮލަންޑު އަތުން އެޓީމް ކޮންމެ ނަތީޖާއަކުން މޮޅުވިޔަސް ދެވަނަ ބުރުން ފުރުސަތު ލިބޭނެ އެވެ. މެކްސިކޯ އަށް އޮތް ފުރުސަތަކީ ސައުދީ އަތުން މޮޅުވެ ޕޮލަންޑާއި އާޖެންޓީނާގެ މެޗުގެ ނަތީޖާ އަށް ބަރޯސާވުމެވެ.
މި މުބާރާތުގައި މާދަމާވެސް ހަތަރު މެޗެއް ކުޅޭނެ އެވެ. ހަވީރު ތިނެއް ޖަހާއިރު ފަށާ މެޗުގައި ޖަޕާން ނުކުންނާނީ ކޮސްޓަ ރިކާއާ ދެކޮޅަށެވެ. އިރުއޮއްސި ހައެއް ޖަހާއިރު ބެލްޖިއަމް އާއި މޮރޮކޯ ވާދަކުރާއިރު، ރޭގަނޑު ނުވައެއް ޖަހާއިރު ކުޅޭ މެޗުގައި ކްރޮއޭޝިއާ ނުކުންނާނީ ކެނެޑާއާ ދެކޮޅަށެވެ. މާދަމާގެ ފަހު މެޗުގައި ދަންވަރު 12 ޖަހާއިރު ވާދަކުރާނީ ސްޕެއިން އާއި ޖަރުމަނެވެ.












