ދޯހާ، ގަތަރު (ނޮވެމްބަރު 26) - ކީލިއަން އެމްބާޕޭގެ ދެ ގޯލާ އެކު 2-1 އިން ޑެންމާކް ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން ފްރާންސުން މި ފަހަރުގެ ވޯލްޑް ކަޕްގެ ދެ ވަނަ ބުރުން ޖާގަ ހޯދި ފުރަތަމަ ޓީމުގެ ޝަރަފް ހޯދައިފި އެވެ.
ފްރާންސް ދެ ވަނަ ބުރުގެ ޖާގަ ޔަގީންކުުރުމާ އެކު، ވޯލްޑް ކަޕްގައި ޗެމްޕިއަންކަން ހޯދާ ޔޫރަޕްގެ ޓީމުތަކުން ޖެހިގެން އައި މުބާާރާތުގައި ނެރޭ ދަށް ރެކޯޑްގެ ސިލްސިލާ އަށް ނިމުން އައީ އެވެ.
އެ ގޮތުން 1998 ވަނަ އަހަރު ފްރާންސުން ޗެމްޕިއަންކަން ހޯދައި، 2002 ވަނަ އަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުން ކެޓިއިރު، 2006 ވަނަ އަހަރު ތަށި ހޯދި އިޓަލީ ވަނީ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ކަޓައިފަ އެވެ. އޭގެ ފަހުން 2010 ވަަނަ އަހަރު، ޗެމްޕިއަންކަން ހޯދި ސްޕެއިން ވަނީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ކަޓައިފަ އެވެ. އެކަމަކު، އޭގެ ފަހުން ފްރާންސް އިން މި ވަނީ 2018 ވަަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށް، އެންމެ ފަހުގެ ޗެމްޕިއަންގެ ގޮތުގައި އައިސް ގްރޫޕް ސްޓޭޖު ފަަހަނައަޅައި ގޮސް ދަށް ރެކޯޑަށް ނިމުން ގެނެސްފަ އެވެ.
ޑެންމާކު އަތުން ފްރާންސް މޮޅުވުމާ އެކު އެ ޓީމަށް ވަނީ ދެ މެޗުން ހަ ޕޮއިންޓް ލިބިފަ އެވެ. ދެ ވަނަައިގައި އޮތް އޮސްޓްރޭލިއާ އަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. ގްރޫޕުން ދެ ވަނަ ބުރުގެ ޖާގަ ލިބޭ ދެ ވަނަ ޓީމް އެނގޭނީ ގްރޫޕްގެ ފަހު މެޗުގައި އޮސްޓްރޭލިއާާ ޑެންމާކު ވާދަކުރާ މެޗުންނެވެ.
މިރޭހެ މެޗު ފެށުނުއިރު ވެސް ހީކުރެވުނު ގޮތަށް ފްރާންސުން ފުރަތަމަ ހާފުގައި ވެސް ނުރައްކާތެރި ހަމަލާތަކެއް އުފެއްދި އެވެ. އެ ޓީމުގެ އެޓޭކިން ލައިނުގައި ހިމެނޭ ހަތަރު ކުޅުންތެރިންގެ ނުރައްކާ ފެނުނީ ބޮޑުކޮށެވެ.
ގޯލާ އަމާޒުކޮށް އެންމެ ނުރައްކާތެރި ހަމަލާއެއް ފުރަތަމަ ހާފުގައި ފޮނުވާލީ އަޑްރިއަން ރަބިއޯ އެވެ. އަރިމަތިން އޮސްމާން ޑެމްބެލޭ ނަގައިދިން ހުރަހުން ރަބިއޯ ބޮލުން ފޮނުވާލި ހަމަލާ ގޯލުގެ ކަނަށް ދަނިކޮށް ޑެންމާކްގެ ކީޕަރު ކެސްޕާ ޝްމައިކަލް ވަނީ އެބޯޅަ ދިއާއުކޮށްފަ އެވެ.
މި ހާފުގައި ފްރާންސުން ދިޔައީ ފުލުފުލުގައި ހަމަލާތައް އުފެއްދަމުންނެވެ. އެ ގޮތުން، މެޗުގެ 30 ވަނަ މިނިޓްގައި އަރިމަތިން ބޯޅައާ އެކު އަރައި ހަނި އޭންގަލަކުން އެންޓޮއިން ގްރީޒްމަން ފޮނުވާލި ބޯޅަވެސް ޝްމައިކަލް ދިފާއުކުރިއިރު، އޭގެ ފަހުން ފްރާންސްގެ މިޑްފީލްޑަރު، އައުރެލިން ޗުއަމެނީ ފޮނުވާލި ބޯޅަ ކުރިމަތީގައި ހުރި ޑެންޑަރުވަނީ ބްލޮކްކޮށްފަ އެވެ.
މި ހާފަށް ބަލާއިރު ފްރާންސްގެ އަރިމަތިން ޑެމްބެލޭ ރަނގަޅު ކުޅުމެއް ދެއްކި މި މެޗުގައި އޭނާ ނަގައިދިން ހުރަހަކުން އޮލިވިއޭ ޖިރޫ ފޮނުވާލި ބޯޅަ ގޯލާ އަމާޒެއް ނުވި އެވެ. އޭގެ ފަހުން އެމްބާޕޭ އޭރިއާ ބޭރުން ފޮނުވާލި ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.
ފުރަތަމަ ހާފެކޭ އެއްގޮތަށް ދެ ވަނަ ހާފުގައި ވެސް ފެނުނީ ގިނައިން ފްރާންސްގެ އެޓޭކުތަކެވެ. މިގޮތުން އެމްބާޕޭ އާއި ގްރީޒްމަން ވަނީ ނުރައްކާތެރި ދެ ބޯޅައެއް މި ހާފުގެ ކުރީކޮޅު ފޮނުވާލައިފަ އެވެ. ޑެންމާކް، ހާފުގެ މެޗުތެރެއިން ލިބުނު ބޯޅައާ އެކު ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށް ފަހު ފޮނުވާލި ހަމަލާ ކީޕަރު ޝްމައިކަލް ދިފާއުކުރިއިރު، ފްރާންސްގެ ފަހަތުން ކޫންޑޭ ކުރިއަށްދިން ބޯޅަ މެއިން ކޮންޓްރޯލް ކޮށްލުމަށް ފަހު ގްރީޒްމަން ފޮނުވާލި ބޯޅަ ދިޔާއި ގޯލާ އަމާޒުނުވެ ބޭރަށެވެ.
ފްރާންސުން ގޯލު ޖެހީ މެޗުގެ 61 ވަނަ މިނެޓުގަ އެވެ. ފަހަތުން ތެއޯ ހެނާންޑޭޒް ބޯޅައާ އެކު ކުރިއަށް ގޮސް އެމްބާޕޭ އަށް ޕާސްކުރި ބޯޅަ އޭނާ ފޮނުވާލުމުން ގޯލަށް ވަނީ ކުރިމަތީގައި ހުރި ޑިފެންޑަރު ގައިގައި ޖެހިފަ އެވެ.
ފްރާންސުން ގޯލު ޖެހިތާ މާ ގިނައިރުތަކެއް ނުވެ ޑެންމާކުން ނަތީޖާ ހަމަހަމަކުރި އެވެ. އެ ޓީމަށް ލިބުނު ކޯނަރަކުން އޭރިއާ ތެރެއަށް ހުރަސްވި ބޯޅަ ގޯލުގެ ތެރެއަށް އަންދްރޭސް ކްރިސްޓެންސަން ފޮނުވާލީ ގޯލް ކީޕަރު ލޮރިސް އަށް ފުރުސަތެއް ނުދީ އެވެ.
ލީޑު ނަގަން ޑެންމާކަށް ހާފުގެ ފަހުކޮޅު ފުރުސަތެއް ލިބުނެވެ. ކެސްޕާ ޑޮލްބާގް ނަގައިދިން ހުރަހުން މާޓިން ބްރައިޓްވެއިތު ފޮނުވާލި ހަމަލާ ބޭރަށް ދިޔައީ އަރިމަތީ ދަނޑި ކައިިރިންނެވެ.
މެޗުގައި ފްރާންސަށް ދެ ވަނަ ފަހަރަށް ވެސް ލީޑު ނަގައިދިނީ އެމްބާޕޭ އެވެ. މި ފަހަރު ގްރީޒްމަން ނަގައިދިން ހުރަސް އެމްބާޕޭ ގޯލަށް ވައްދާލީ ޑެންމާކުގެ ދެ ޑިފެންޑަރުންގެ ފަހަތުން ގޮހެވެ. މިއީ އެމްބާޕޭ ގައުމީ ޓީމަށް އެންމެ ފަހުން ކުޅުނު 12 މެޗުގައި ޖެހި 14 ވަނަ ގޯލެވެ.
ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޑެންމާކު ނުކުންނާނީ އޮސްޓްރޭލިއާއާ ދެކޮޅަށެވެ. ފްރާންސް ނުކުންނާނީ ޓިއުނީޝިއާ އާ ދެކޮޅަށެވެ.












