ދޯހާ، ގަތަރު (ނޮވެމްބަރު 26) - ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ އިންގްލެންޑު ކުޅުނު މެޗު 0-0 އިން އެއްވަރުވެ، އެ ޓީމަށް އެމެރިކާ އަތުން މޮޅު ނުވެވި މުބާރާތުގެ ދެ ވަނަ ބުރުން ޖާގައެއް ހޯދުމަށް ކުރާ އިންތިޒާރު ދިގުލައިފި އެވެ.
އިންގްލެންޑުން މިހާތަނަށް ވޯލްޑް ކަޕްގައި އެމެރިކާއާ ދެކޮޅަށް ކުޅުނު އެއްވެސް މެޗަކުން މޮޅެއް ނުހޯދެ އެވެ. އެ ގޮތުން 1950 ވަނަ އަހަރުގެ ވޯލްޑް ކަަޕްގައި އެމެރިކާ ވަނީ އިންގްލެންޑް ބަލިކޮށްފަ އެވެ. އަދި 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އެމެރިކާ އާއި އިންގްލެންޑްގެ މެޗު ނިމުނީ އެއްވަރުވެގެންނެވެ.
ގްރޫޕް ބީގެ ކޮންމެ ޓީމެއް ދެ މެޗު ކުޅެފައިވާއިރު، މި ގްރޫޕްގެ ކޮންމެ ޓީމަކަށް ވެސް އަމިއްލަ ބާރުގައި ދެ ވަނަ ބުރަށް ދިއުމުގެ ފުރުސަތު އެބައޮތެވެ. މި ވަގުތު ހަތަރު ޕޮއިންޓާ އެކު އިންގްލެންޑު އެއް ވަނައިގައި އޮތްއިރު، ދެ ވަނައިގައި އީރާން އޮތީ، މިއަދު ވޭލްސް ބަލިކޮށްގެން ހޯދި ތިން ޕޮއިންޓާ އެކުގަ އެވެ. ތިން ވަނައިގައި އެމެރިކާ އޮތީ ދެ މެޗު އެއްވަރުކޮށްގެން ލިބުނު ދެ ޕޮއިންޓާ އެކު އެވެ. ފުލުގައި އޮތް ވޭލްސް އަށްވަނީ ޕޮއިންޓެއް ލިބިފަ އެވެ.
ގްރޫޕުގެ ފަހު މެޗުގައި އެމެރިކާ އިން ނުކުންނާނީ އިރާންއާ ދެކޮޅަށެވެ. އަދި އިންގްލެންޑު ނުކުންނާނީ ވޭލްސްއާ ދެކޮޅަށެވެ.
ގަތަރުގެ އަލްބައިތު ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގައި އިންގްލެންޑު ޓީމުން ފުރަތަމަ 11 އަށް ބަދަލެއް ގެނެސްފައި ނުވާއިރު، އެމެރިކާ އިން ފެށީ ފޯވާޑަށް ކުރިން މެޗުގައި ކުޅުނު ޖޯޝުއާ ސާޖަންޓުގެ ބަދަލުގައި ހާޖީ ރައިޓަށް ފުރުސަތު ދީގެންނެވެ.
މެޗުގެ ފުރަތަމަ ހަމަލާ ފޮނުވާލީ އިންގްލެންޑުންނެވެ. ބުކާޔޯ ސަކާ ތަނަވަސްކޮށްދިން ފުރުސަތަކުން ކެޕްޓަން ހެރީ ކޭން ފޮނުވާލި ބޯޅަ އަރިމަތީ ދަނޑި ކައިރިން ބޭރަށް ދިޔައީ ޑިފެންޑަރު ވޯލްކާ ޒިމާމަން ފައިގައި ޖެހިފަ އެވެ. އޭގެ ފަހުން އޭރިއާ ތެރެއިން ކޭން އަށް ލިބެން ދިޔަ ބޯޅަ އޭނާ ފޮނުވާލުމުގެ ކުރިން ޓައިލާ އެޑަމްސް އެ ބޯޅަ ދިފާއުކުރި އެވެ.

އިންގްލެންޑްގެ ބެލިންހަމް (ކ) ކައިރިން އެމެރިކާގެ ޕުލިސިޗް ބޯޅަ ހިފައިގެންދަނީ.
ފުރަތަމަ ހާފުގައި އެމެރިކާގެ ފުރަތަމަ ހަމަލާ ފޮނުވާލީ ރައިޓެވެ. މިޑްފިލްޑަރު ވެސްޓަން މެކެނީ ނަގައިދިން ހުރަސް އޭނާ ބޮލުން ފޮނުވާލުމުން ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.
މުޅި މެޗަށް ބަލާއިރު ގޯލެއް ޖަހަން އެންމެ ހުސް ފުރުސަތެއް ލިބުނީ މެކެނީ އަށެވެ. އަރިމަތިން ޓިމޮތީ ވެއާ ނަގައިދިން ހުރަސް ހުސްކޮށް ހުރެ މެކެނީ ފޮނުވާލުމުން ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ. އޭގެ ފަހުން އޭރިއާ ބޭރުން ޔޫނުސް މޫސާ ފޮނުވާލި ބޯޅަ ދިޔައީ ކީޕަރު ޖޯޑަން ޕިކްފޯޑު އަތަށެވެ.
މެޗުގެ 32 ވަނަ މިނިޓުގައި އެމެރިކާ އިން އަނެއްކާވެސް ނުރައްކާތެރި ހަމަލާއެއް ފޮނުވާލި އެވެ. މި ފަހަރު އޭރިއާ ކަނާ ދިމާލު ހުރެފައި، ކްރިސްޓިއަން ޕުލިސިޗް ފޮނުވާލި ބޯޅަ ބޭރަށް ދިޔައީ ހުރަސް ދަނޑީގައި ޖެހިފަ އެވެ. އޭގެ ފަހުން ހާފުގެ ފަހުކޮޅު ސާޖީނިއޯ ޑެސްޓް ނަގައިދިން ހުރަހުން ޕުލިސިޗް ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެ އަރިމަތިން ބޭރަށެވެ.
ފުރަތަމަ ހާފާ ހިލާފަށް ދެ ވަނަ ހާފު ފާހަގަވީ ގޯލާ އަމާޒުކޮށް ފޮނުވާލި ހަމަލާތައް މަދު ހާފެއްގެ ގޮތުގަ އެވެ. އެ ގޮތުން މިހާފުގައި ދެ ޓީމުން ވެސް ފެނުނީ ވަރުގަދައަށް ޑިފެންސް ކުރި ތަނެވެ.
ދެ ވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި މާކަސް ރެޝްފޯޑު ގޯލަށް ފޮނުވާލި ބޯޅަ ފިޔަވައި ދެ ޓީމަށްވެސް ގޯލާ އަމާޒުކޮށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލެވިފަ އެއް ނުވެ އެވެ.
މެޗުގެ އެންމެ ފަހު މިނެޓުގައި އިންގްލެންޑް މެޗުން މޮޅުވާނެ ރަނގަޅު ފުރުސަތެއް ކެޕްޓަން، ކޭން އަށް ލިބުނެވެ. ހިލޭ ޖެހުމަކުން ލޫކް ޝޯ ނަގައިދިން ހުރަހުން ހުސްކޮށް ހުރެ ކޭން ފޮނުވާލި ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެ އެވެ.
ވޯލްޑް ކަޕްގައި މާދަމާ ވެސް ހަތަރު މެޗެއް ކުޅޭނެ އެވެ. މާދަމާގެ ފުރަތަމަ މެޗުގައި ޓިއުނީޝިއާ އާއި އޮސްޓްރޭލިއާ ވާދަކުރާއިރު، ދެ ވަނަ މެޗުގައި ޕޮލަންޑު ނުކުންނާނީ ސައުދީ އަރަބިއްޔާއާ ދެކޮޅަށެވެ. މާދަމާ ރޭ 9 ޖަހާއިރު ފަށާ މެޗުގައި ފްރާންސާއި ޑެންމާކު ވާދަކުރާއިރު، މާދަމާގެ ފަހު މެޗުގައި ދަންވަރު 12 ޖަހާއިރު ވާދަކުރާނީ މެކްސިކޯ އާއި އާޖެންޓީނާ އެވެ.












