އަލް ރައްޔާން، ގަތަރު (ނޮވެމްބަރު 25) - ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭގައި ނެދަލެންޑްސް އާއި އިކުއެޑޯ ވާދަކުރި މެޗު އެއްވަރުވުމުގެ ސަބަބުން، މި އަހަރުގެ މުބާރާތުން ކެޓި ފުރަތަމަ ޓީމަކަށް ގަތަރު ވެއްޖެ އެވެ.
އަލް ރައްޔާންގެ ޚަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމްގައި ކުޅުނު މެޗުން ނެދަލޭންޑްސް އާއި އިކުއެޑޯ 1-1 އިން އެއްވަރުވުމާއިއެކު މި ދެ ޓީމް އޮތީ ގްރޫޕުގެ ކުރީގަ އެވެ. ތިން ވަނައިގައި އޮތީ 3 ޕޮއިންޓާއިއެކު ސެނެގާލް އެވެ. ކުޅުނު ދެ މެޗުންވެސް ބަލިވެ އަމިއްލަ ގައުމުގައި ބޭއްވި މުބާރާތުން ކެޓި ފުރަތަމަ ޓީމަކަށްވީ ގަތަރެވެ.
މި ގްރޫޕުން ދެވަނަ ބުރުގެ ޖާގަ ލިބޭނެ ދެ ޓީމް އިނގޭނީ ފަހު މެޗުތަކާއިއެކުގަ އެވެ. މިގޮތުން ސެނެގާލް އާއި އިކުއެޑޯ ވާދަކުރާ މެޗުން މޮޅުވާ ޓީމަކަށް ދެވަނަ ބުރުގެ ޖާގަ ލިބޭއިރު، ބަލިވާ ޓީމެއް ކަޓާނެ އެވެ. މި މެޗު އެއްވަރުވެއްޖެ ނަމަ ދެވަނަ ބުރުގެ ޖާގަ ލިބޭނީ އިކުއެޑޯ އެވެ. އަނެއްކޮޅުން ނެދަލޭންޑްސް ފަހު މެޗުގައި ގަތަރު އަތުން ޕޮއިންޓެއް ހޯދިޔަސް އެޓީމަށް ދެވަނަ ބުރުން ފުރުސަތު ލިބޭނެ އެވެ.
އިކުއެޑޯ އާއި ނެދަލޭންޑްސް މިރޭ ކުޅުނު މެޗު 1-1 އިން އެއްވަރުވިއިރު، ފުރަތަމަ ގޯލު ޖަހައި ލީޑް ނެގީ ނެދަލެންޑްސް އިންނެވެ. މެޗުގެ ހަވަނަ މިނެޓުގައި ކޯޑީ ގަކްޕޯއަށް އޭރިއާ ތެރެއިން ލިބުނު ބޯޅަ ކޮންޓްރޯލްކޮށްލުމަށްފަހު ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. މިއީ ގަކްޕޯ މި މުބާރާތުގައި ޖެހި ދެވަނަ ލަނޑެވެ.
ފުރަތަމަ ހާފުގައި ދެ ޓީމަށް ގޯލް ޖަހާނެ މާ ގިނަ ފުރުސަތުތަކެއް ނުލިބުނު ނަމަވެސް އިކުއެޑޯ އިން ކުރިއަށް ޖެހި އެޓޭކެއް އުފެއްދޭތޯ މަސައްކަތްކުރި އެވެ. މިގޮތުން ފުރަތަމަ ހާފު ނިމުމުގެ ކުރިން ގޯލެއްވެސް ޖެހި އެވެ. ނަމަވެސް ޑިފެންޑަރު ޕާވިސް އެސްޓުޕިނާން ޖެހި މި ގޯލު ރެފްރީ ވަނީ ވީއޭއާރު ބެލުމަށްފަހު އޮފްސައިޑް ލަނޑެއްކަމަށް ނިންމާފަ އެވެ.
އޭރިއާ ބޭރުން އެސްޓުޕިނާން ފޮނުވާލި ބޯޅަ ދިފާއުކުރަން ކީޕަރު ނޯޕާޓް ކުރި މަސައްކަތަށް ހުރަސް އެޅޭގޮތަށް ކުރިމަތީގައި އިކުއެޑޯގެ ކުޅުންތެރިއަކު ހުރުމުން އޭނާ ހުރުމާއިއެކު، އޭނާ އޮފްސައިޑު މަގާމެއްގައި ހުރުމުން ރެފްރީ ނިންމީ އެއީ ސައްހަ ގޯލެއް ނޫންކަމަށެވެ.
ފުރަތަމަ ހާފުގައި އިކުއެޑޯއިން ޖެހި ގޯލު ރެފްރީ ބަލައި ނުގަތަސް އެޓީމުން ވަނީ ދެވަނަ ހާފް ފެށިތާ ގިނައިރުތަކެއް ނުވެ އަނެއްކާ ގޯލެއް ޖަހާފަ އެވެ. މިފަހަރު އެސްޓުޕިނާން ފޮނުވާލި ހަމަލާ ކީޕަރު ނޮޕާޓް އަތުގައި ޖެހިފައި ނުކުތްވަގުތު އެ ބޯޅަ ގޯލަށް ވައްދާލީ އެނާ ވެލެންސިއާ އެވެ. މިއީ އިކުއެޑޯގެ ކެޕްޓަން އެނާ ވެލެންސިޔާ މިއަހަރުގެ ވޯލްޑް ކަޕްގައި ޖެހި ތިން ވަނަ ގޯލެވެ.
މެޗުގެ 59 ވަނަ މިނެޓުގައި ލީޑު ނެގުމާ ގާތަށް އިކުއެޑޯ ޖެހިލި އެވެ. ގޮންޒާލޯ ޕްލާޓާ ފޮނުވާލި ބާރު ހަމަލާ ކުޅުމުގެ ތެރެއަށް އައީ ހުރަސް ދަނޑީގައި ޖެހިފަ އެވެ.
ދެވަނަ ހާފުގައި ދެ ޓީމުން އިތުރު ނުރައްކާތެރި ހަމަލާއެއް އުފައްދާފައި ނުވާއިރު، މި މެޗުގެ ފަހުކޮޅު އިކުއެޑޯގެ ކެޕްޓަން ވެލެންސިޔާ ވަނީ އަނިޔާގެ ސަބަބުން ބަދަލުކޮށްފަ އެވެ. ކުޑަކަޅުުވާއަށް ލިބުނު އަނިޔާގެ ސަބަބުން ވެލެންސިޔާ ބަދަލުކުރަން ޖެހުމަކީ ސެނެގާލްއާ ދެކޮޅަށް ދެން ކުޅެން ޖެހޭ މުހިންމު މެޗު ކުރިއަށް އޮތްއިރު އެޓީމްގެ ކޯޗަށް ކުރިމަތިވާނެ ކަންބޮޑުވުމެކެވެ.
ގްރޫޕް އޭގެ ފަހު މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އަންގާރަ ދުވަހުގަ އެވެ.












