ދޯހާ (ނޮވެމްބަރު 25) - ފީފާ ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ މެޗުގައި ދެއްކި ކުޅުމާ އެކު، ސެނެގާލްގެ ގޯލްކީޕަރު އެޑޮއާޑް މެންޑީ އަށް ފާޑުކިއުންތައް އަމާޒުވިޔަސް، އޭނާ އަށް އިތުބާރު އެބައޮތް ކަމަށް ސެނެގާލްގެ ކޯޗު އަލިއޫ ސީސޭ ބުނެފި އެވެ.
މުބާރާތުގެ ގުރޫޕް އޭގައި ސެނެގާލް ކުޅުނު ފުރަތަމަ މެޗުގައި 2-0 އިން ނެދަލޭންޑްސް އެ ޓީމު ބަލިވިއިރު، ނެދަލޭންޑަސް އިން ޖެހި ދެ ލަނޑުގައި ވެސް މެންޑީ އަށް ގޯސްތަކެއް ހެދުނެވެ. އެހެންވެ، ގިނަ ފާޑުކިއުންތަކެއް އޭނާ އަށް ވަނީ އަމާޒުވެފަ އެވެ.
ވޯލްޑް ބާއްވާ ގައުމު ކަމަށްވާ ގަތަރާ ދެކޮޅަށް ސެނެގާލް މިއަދު ނުކުންނައިރު، ސީސޭ ބުނީ މެންޑީގެ ފެންވަރާ މެދު ސުވާލު އުފެއްދޭނެ ޖާގައެއް ނެތް ކަމަށާއި މެންޑީ އަށް ފުރިހަމަ އިތުބާރު އެބައޮތް ކަަމަށެވެ.
"އަހަންނަށް ހިޔެއް ނުވޭ މެންޑީގެ ފެންވަރާ މެދު އެއްވެސް މީހަކު ސުވާލު އުފައްދާނެ ހެނެއް. ބައެއް ދުވަސްތަކުގައި މޮޅަށް ކުޅެވޭނެ. އަނެއްބައި ދުވަސްތަކުގައި ދަށްކޮށް ވެސް ކުޅެވޭނެ. އަހަރެންގެ ފުރިހަމަ އިތުބާރު މެންޑީ އަށް އެބައޮތް. މެންޑީ މެޗުން ފެންނާނެ،" ސީސޭ ބުންޏެވެ.
ވޯލްޑް ކަޕް ކައިރިވެފައި ވަނިކޮށް، ސެނެގާލްގެ އެންމެ މުހިންމު ފޯވަޑް ސަޑިއޯ މާނޭ އަށް އަނިޔާވެ، އޭނާ އަށް ވަނީ މުބާރާތުގައި ކުޅުމުގެ ފުރުސަތު ގެއްލިފަ އެވެ.
މާނޭ ނެތްތަން ފޫބެއްދުމަށް ސެނެގާލް އަށް އުނދަގޫވެފައިވާކަން އެ ޓީމުގެ ކުޅުނު ފުރަތަމަ މެޗުން ފެނުނެވެ. ނެދަލޭންޑްސްއާ ދެކޮޅަށް ރަނގަޅު ކުޅުމެއް ދެއްކުނު ނަމަވެސް، ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުނެވެ.
ސީސޭ ބުނީ ޓީމުގެ މާނޭ ނެތްތަން ޓީމުން ފެނުނަސް، ފޯވަޑުންގެ ކުޅުން ރަނގަޅު ކުރަންޖެހޭ ކަމަށެވެ. ހާއްސަކޮށް، އިސްމާއިލް ސާ އަދި ކްރެޕިން ޑިއާޓާގެ ފަރާތުން އުންމީދުކުރި ވަރުގެ ކުޅުމެއް ފުރަތަމަ މެޗުގައި ނުފެނުނު ކަމަށް، މީގެ ކުރިން ސެނެގާލް ޓީމަށް ކުޅެ، މިހާރު ކޯޗަކަށް ހުރި އަލިއޫ ސީސޭ ވަނީ ބުނެފަ އެވެ.
"އަހަރަމެންނަށް އެ މެޗު (ނެދަލޭންޑްސްއާ ދެކޮޅަށް ކުޅުނު މެޗު)ގައި ފުރުސަތުތައް ލިބި ބޭކާރުވެގެންދިޔައީ. ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފަންޖެހޭ މިއަށްވުރެ ރަނގަޅަށް،" 2002 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ސެނެގާލްގެ ކެޕްޓަންކަންކުރި ސީސޭ ބުންޏެވެ.
މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ގަތަރު ވަނީ އިކުއެޑޯ އަތުން 2-0 އިން ބަލިވެފައެވެ. އެހެންކަމުން، މުބާޜާތުގައި ކުރިއަށް ދިއުމަށް ދެ ޓީމަށް ވެސް މިއަދުގެ މެޗު މުހިންމެވެ.
ގަތަރުގެ ކޯޗު ފީލިކްސް ސަންޗޭޒް ބުނީ ފުރަތަމަ މެޗުގައި އިކުއެޑޯ އަތުން ބަލިވީ އަމިއްލަ އަށް ވެސް ގިނަ ގޯސްތަކެއް ހެދިގެން ކަމަށެވެ. އަދި އެކަންކަން ރަނގަޅުކުރެވޭނެ ގޮތްތަކާ މެދު ޓީމުގެ މެދުގައި ވަރަށް ރަނގަޅަށް ވާހަކަދެކެވި މަސައްކަތް ކުރެވިފައިވާ ކަމަށް ފީލިކްސް ވަނީ ބުނެފަ އެވެ.
ގަތަރުން ސެނެގާލްގެ މައްޗަށް ކުރިހޯދަން ވިސްނާއިރު، އެންމެ ބޮޑު ހިތްވަރަކަށް ވެފައި އޮތީ މި ފަހަރުގެ ވޯލްޑް ކަޕްގައި އޭޝިއާގެ ޓީމުތަކުން ހޯދަމުން އަންނަ ރަނގަޅު ނަތީޖާތަކެވެ.
ސައުދީ އަރަބިއްޔާ އިން އާޖެންޓީނާ ބަލިކުރުމާއި ޖަޕާނުން ޖަރުމަނުގެ މައްޗަށް ކުރިހޯދުމުގެ އިތުރުން އުރުގުއޭއާ ދެކޮޅަށް ދެކުނު ކޮރެއާ އިން ޕޮއިންޓެއް ހޯދުމަކީ ގަތަރުން ހިތްވަރެއް ހޯދަން ބަލާއިރު، ރަނގަޅު މެޗުތަކެއް ކަމަށް ފީލިކްސް ވަނީ ބުނެފަ އެވެ.
ގަތަރާއި ސެނެގާލް ބައްދަލުކުރާ މެޗު ފަށާނީ މިއަދު 18:00ގަ އެވެ.












