ދޯހާ، ގަތަރު (ނޮވެމްބަރު 25) - ގަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ރޭ ސާބިއާއާ ދެކޮޅަށް ބްރެޒިލުން ކުޅުނު މެޗުގައި އެ ޓީމުގެ ތަރި ނޭމާގެ ކަނާތު ފައިގެ ކުޑަހުޅަށް ލިބުނު އަނިޔާ ސީރިއަސް ނުވާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ދޭހަވާ ގޮތަށް، ބްރެޒިލްގެ ކޯޗު ޓީޓޭ ވާހަކަ ދައްކައިފި އެވެ.
ރިޗާލިސަންގެ ދެ ގޯލާ އެކު ބްރެޒިލުން ސާބިއާ އަތުން 2-0 އިން މޮޅުވި މެޗުގައި ނޭމާ އަށް އަމާޒުކޮށް ގިނަ ފައުލުތަކެއް ކުރި އެވެ. ނޭމާ، 30، ގެ ކަނާތު ކުޑަހުޅަށް ލިބުނު އަނިޔާގެ ސަބަބުން މެޗު ނިމެން 12 މިނިޓަށް ވެފައި ވަނިކޮށް އޭނާ ބަދަލުކުރި އެވެ.
މެޗަށް ފަހު ނޭމާ ކުޅުންތެރިންނާ އެކު އުޅުނު ވަގުތުގައި އޭނާގެ ކަނާތު ފައިގެ ކުޑަހުޅު ދުޅަވެފައި އޮތް މަންޒަރު ފެންނަ ފޮޓޯތަކެއް ވަނީ މީޑިއާގައި އާންމުވެފަ އެވެ. އެ ފޮޓޯތަކަށް އިޝާރާތްކޮށް ނޫސްވެރިންގެ ބައްދަލުވުމުގައި ބްރެެޒިލްގެ ކޯޗު ޓީޓޭއާ އަމާޒުވި ސުވާލަކީ އަނިޔާއާ ހެދި ނޭމާ އަށް މި ފަހަރުގެ ވޯލްޑް ކަޕްގެ މެޗުތަކެއް ގެއްލިދާނެތޯ އެވެ.
"ތި މީހުން ޔަގީންކުރަންވީ ކަމަކީ ނޭމާ މި ފަހަރުގެ ވޯލްޑް ކަޕްގައި އަދިވެސް ކުޅޭނެކަން،" ޓީޓޭ ބުންޏެވެ.
މީގެ ކުރިން ވެސް ނޭމާގެ ކުޑަހުޅަށް ލިބިފައިވާ އަނިޔާތަކުގެ ސަބަބުން އޭނާ އަށް މުބާރާތްތަކުގެ މެޗުތަކެއް ގެއްލިފައި އެބަހުއްޓެވެ. ޓީޓޭ، ނޫސްވެރިންނަށް ނޭމާގެ އިންޖަރީގެ ތަފްސީލެއް ނުދިން ނަމަވެސް ބްރެޒިލްގެ ޓީމު ޑޮކްޓަރު، ރޮޑްރީގޯ ލަސްމާ، ބްރެޒިލްގެ މީޑިއާ އަކަށް ދިން އިންޓަވިއުގައި ބުނެފައިވަނީ ނޭމާގެ އަނިޔާގެ ތަފްސީލް ވާހަކަތަކަށް ދާން އަދި އަވަސް ކަމަށެވެ.

ކަނާތު ފައިގެ ކުޑަހުޅަށް އަނިޔާވެގެން ނޭމާ ދަނޑުމަތީގައި އިށީނދެގެން.
"އަނިޔާގެ ތަފްސީލް ދެނެގަންނަން ރަނގަޅު ޓެސްޓްތަކެއް ހަދަން 24-48 ގަޑިއިރުގެ ދެމެދުގެ ވަގުތެއް ނަގާނެ. މި ކަހަލަ އަނިޔާގެ ކަންކަމުގައި އަވަސް އަރުވާލައިގެން ގޮތެއް ނިންމައި، ވާހަކަ ދެއްކުން ރަނގަޅެއް ނޫން،" ލަސްމާ ބުންޏެވެ.
މީގެ ކުރިން ނޭމާ ކުޅުނު ދެ ވޯލްޑް ކަޕްގައި ވެސް އޭނާ އަށް އަނިޔާގެ މައްސަލަ ދިމާވި އެވެ. އެ ގޮތުން 2014 ވަނަ އަހަރު ބްރެޒިލްގައި ހޯސްޓްކުރި ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި ނޭމާގެ ބުރަކަށްޓަށް އަނިޔާވެގެން އޭނާ އަށް މުބާރާތް ނިމުނީ އެވެ. އޭގެ ފަހުން، 2018 ވަނަ އަހަރު ރަޝިއާގައި ކުޅުނު ވޯލްޑް ކަޕަށް ބްރެޒިލް އައިއިރު، ނޭމާ ހުރީ ފިޓްނަސް އެންމެ ރަނގަޅު ހާލަތެއްގައި ނޫން ކަމަށް އޭރު ބްރެޒިލް ޓީމުން ވެސް ބުނެފައިވެ އެވެ.
މި ފަހަރުގެ ވޯލްޑް ކަޕްގައި ބްރެޒިލް ކުޅޭ ދެ ވަނަ މެޗުގައި ނުކުންނާނީ ސްވިޒަލެންޑާ ދެކޮޅަށެވެ. އެ މެޗު ކުޅޭނީ އަންނަ ހޯމަ ދުވަހު އެވެ.












