ލުސައިލް، ގަތަރު (ނޮވެމްބަރު 25) - ރިޗާލިސަންގެ ތަފާތު މޮޅު ގޯލާ އެކު، 2-0 އިން ސާބިއާ ބަލިކޮށް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ބްރެޒިލުން މި ފަހަރުގެ މުބާރާުތުގެ ފެށުން ރަނގަޅުކޮށްފި އެވެ.
ދުނިޔޭގެ ޗެމްޕިއަންކަން ފަސް ފަަހަރު ހޯދާފައިވާ ބްރެޒިލް ސާބިއާ އަތުން ހޯދި މޮޅާ އެކު އެ ޓީމު އޮތީ ގްރޫޕްގެ އެއް ވަނައިގަ އެވެ. ދެ ވަނަގައި އޮތް ސްވިޒަލެންޑުން ކެމަރޫން އަތުން 1-0 އިން މޮޅުވެފައިވާއިރު، ބްރެޒިލް އަށް ކުރި ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ.
މި މެޗަށް ބްރެޒިލް ނެރުނު ފުރަތަމަ އެގާރައަށް ބަލާއިރު އެޓޭކިން ލައިނުގައި ކުޅުންތެރިން ގިނައިން ހިމެނި ނަމަވެސް އެޓީމަށް މާ ގިނަ ނުރައްކާތެރި ހަމަލާތަކެއް ފުރަތަމަ ހާފުގައި ނުއުފެއްދުނެވެ. މި ހާފުގައި ސާބިއާ އިން ފެނުނީ ބޮޑަށް ޑިފެންސަށް އިސްކަން ދީގެން ކުޅުނު ތަނެވެ.
މި ހާފުގައި އެންމެ ފުރަތަމަ ހަމަލާއެއް ފޮނުވާލީ ބްރެޒިލުންނެވެ. މިޑްފިލްޑަރު ކަސެމީރޯ އޭރިއާ ބޭރުގައި ހުރެ ފޮނުވާލި ހަމަލާ ދިޔަައީ ސާބިއާގެ ކީޕަރު ވަންޔާ މިލިންކޮވިޗް ސަވިޗް އަތަށެވެ.
އޭގެ ފަހުން ޑިފެންޑަރު ތިއާގޯ ސިލްވާ ކުރިއަށް ދިން ބޯޅަ ކީޕަރު ސަވިޗް ކުރިއަށް ނިކުމެ ދިފާއުކުރީ ވިނީސިއަސް ޖޫނިއާ އަށް ލިބުމުގެ ކުރިންނެވެ. އޭގެ ފަހުން މި ހާފުގައި ވިނީސިއުސް އަށް ލިބުނު ފުރުސަތެއްގައި އޭނާ އޭރިއާ ތެރެއިން ފޮނުވާލި ބޯޅަ ކައިރިއަށް ދިޔަ ޑިފެންޑަރު ނިކޮލާ މިލެންކޮވިޗް ދިފާއުކުރިއެވެ.
ބްރެޒިލްގެ އަރިމަތިން ކުރިއަށް ކުޅުނު ރަފީނިޔާ އަށް ވެސް މި ހާފުގައި ގޯލެއް ޖަހަން ރަނގަޅު ފުރުސަތެއް ލިބުނެވެ. ކަސެމީރޯ ދިން ބޯޅަ އޭރިއާ ތެރޭގައި ހުރެފައި އޭނާ ފޮނުވާލީ ސީދާ ކީޕަރު މިލިންކޮވިޗް ސަވިޗް އަތަށެވެ.
ފުރަތަމަ ހާފުގައި ސާބިއާ އަށް އުފެއްދި އެންމެ ރަނގަޅު ފުރުސަތަކީ ކެޕްޓަން ޑޫސާން ޓަޑިކް ތަނަވަސްކުރި ފުރުސަތެކެވެ. އަރިމަތިން ލިބުނު ބޯޅަ ހޯދާފައި އޭނާ ނަގައިދިން ހުރަސް ފޯވާޑް އެލެގްސަންޑާ މިޓްރޮވިޗް ފޮނުވާލުމުގެ ކުރިން ބްރެޒިލްގެ ކީޕަރު އެލިސަން ބެކާ ވަނީ ކުރިއަށް ނުކުމެ އެ ބޯޅަ ހިފާފަ އެވެ.
ދެވަނަ ހާފު ފަށައިގެން ފުރަތަމަ މިނެޓުގައި ލީޑު ނަގަން ރަނުގެ ފުރުސަތެއް ރަފިންހާ އަށް ލިބުނެވެ. ސާބިއާގެ މިޑްފިލްޑަރު ނެމަންޖާ ގުޑޭލް އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ރަފިންހާ އަށް ހުސްކޮށް ލިބުނު ބޯޅަ އޭނާ ފޮނުވާލުމުން ދިފާއުކުރީ ކީޕަރު ސަވިޗް އެވެ.
މެޗުގެ 55 ވަނަ މިނެޓުގައި ބްރެޒިލްގެ ނޭމާ އަށް ވެސް ގޯލެއް ޖަހަން ރަނގަޅު ފުރުސަތެއް ލިބުނެވެ. އަރިމަތިން ވިނީޝިއުސް އަށް ލިބުނު ބޯޅައިން އޭނާ ނަގައިދިން ހުރަސް ހުސްކޮށް ހުރެ ނޭމާ ފޮނުވާލުމުން ދިޔައީ ގޯލާ އަމާޒުނުވެ މާ ދުރުން ބޭރަށެވެ.

ރިޗާލިސަން އޯވަހެޑްކިކަކުން ގޯލަށް ބޯޅަ ފޮނުވާލަނީ.
ގޯލު ޖެހުމުގެ ކުރިން ބްރެޒިލުން މެޗުގައި ފޮނުވާލި އެންމެ ނުރައްކާތެރި ހަމަލާ ފޮނުވާލީ ޑިފެންޑަރު އަލެކްސް ސަންޑްރޯ އެވެ. އޭރިއާ ބޭރުގައި ހުރެފައި އޭނާ ފޮނުވާލި ބާރު ހަމަލާ ކީޕަރު އަތް ދަށުން ގޮސް އަމާޒުވީ އަރިމަތީ ދަނޑިއަށެވެ.
ބްރެޒިލުން ގޯލް ޖެހީ މެޗުގެ 62 ވަނަ މިނެޓުގަ އެވެ. ސާބިއާ އޭރިއާ ތެރެއަށް ނޭމާ ހިފައިން ވަތް ބޯޅަ ގޯލަށް ފުރަތަމަ ފޮނުވާލީ ވިނީޝިއުސް އެވެ. އޭނާ ފޮނުވާލި ބާރު ހަމާލާ ކީޕަރު މިލިންކޮވިޗް ސަވިޗްގެ އަތުގައި ޖެހިފައި ލިބުނީ ހުސްކޮށް ހުރި ރިޗާލިސަން އަށެވެ. ރިޗާލިސަން ވަނީ ހުސްކޮށް އޮތް ގޯލަކަށް ބޯޅަ ވައްދާލައި ބްރެޒިލް އަށް ލީޑު ނަގައިދީފަ އެވެ. މިއީ ގައުމީ ޓީމަށް ރިޗާލިސަން ޖަހައިދިން 18 ވަނަ ގޯލެވެ. އަދި މިއީ އޭނާ ބްރެޒިލްގެ ގައުމީ ޓީމަށް އެންމެ ފަހުން ކުޅުނު ހަތް މެޗުގައި ޖެހި ނުވަ ވަނަ ގޯލެވެ.
ބްރެޒިލްގެ ގޯލަށް ފަހު ސާބިއާ އިން ކުރިއަށް ޖެހިލައިގެން ކުޅެމުން ދިޔަ ވަގުތު އިތުރު ގޯލެއް ޖަހައި ބްރެޒިލުން ލީޑު ފުޅާކުރި އެވެ. މި ގޯލުވެސް ޖަހައިދިނީ ރިޗާލިސަން އެވެ. އަރިމަތިން ވިނީޝިއުސް ނަގައިދިން ހުރަސް ކޮންޓްރޯލް ކޮށްލުމަށް ފަހު ރިޗާލިސަން ވަނީ ހިތްގައިމު ގޯލެއް ޖަހައި ސާބިއާ ސިއްސުވާލައިފަ އެވެ.
މި ގޯލާ އެކު ރިޗާލިސަން ވެފައިވަނީ ނޭމާ އަށް ފަހު ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ މެޗުގައި ބްރެޒިލްގެ ގައުމީ ޓީމަށް ދެ ގޯލު ޖަހައިދިން ފުރަތަމަ ކުޅުންތެރިޔާ އަށެވެ.
މެޗުގެ 81 ވަނަ މިނެޓުގައި ބްރެޒިލް އިން ނުރައްކާތެރި ދެ ހަމަލާއެއް ފޮނުވާލި އެވެ. އޭރިއާ ރޮނުގުމަތިން ހުރަސްވި ބޯޅަ ކަސެމީރޯ ފޮނުވާލުމުން ގޯލުގެ މަތީ ދަނީގައި ޖެހިފައި ކުޅުމުގެ ތެރެއަށް އައިއިރު، އޭގެ ފަހުން ރޮޑްރީގޯ ފޮނުވާލި ބޯޅަ ކީޕަރު ސަވިޗް ދިފާއުކުރި އެވެ. އޭރިއާ ބޭރުން ފްރެޑް ގޯލުގެ ކަނަށް އަމާޒުކޮށް ފޮނުވާލި ބޯޅަވެސް ބޭރަށް ދިޔައީ ކީޕަރު ސަވިޗް އަތުގައި ޖެހިފަ އެވެ.
މެޗުގެ ފަހު ކޮޅުގައި ލީޑު ފުޅާކުރަން ރޮޑްރީގޯއަށް އަށް ލިބުނު ފުރުސަތުގައި ފޮނުވާލި ހަމާލާ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ.












