ދޯހާ، ގަތަރު (ނޮވެމްބަރު 24) - ސްވިޒަލެންޑުގެ ފޯވާޑް ބްރީލް އެމްބޯލޯ އޭނާގެ އުފަން ގައުމުކަމަށްވާ ކެމެރޫން ކޮޅަށް ޖެހި ގޯލާ އެކު 1-0 އިން ކެމަރޫން ބަލިކޮށް ވޯލްޑް ކަޕްގެ ފެށުން ސްވިޒަލެންޑުން ރަނގަޅުކޮށްފި އެވެ.
ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ފުރަަތަމަ މެޗުގައި ސްވިޒަލެންޑުން ކެމެރޫން އަތުން ހޯދި ހަނި މޮޅަކީ ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ވޯލްޑް ކަޕްގެ ދެ ވަނަ ބުރުން ޖާގަ ހޯދަން އެ ޓީމަށް ލިބޭނެ ބޮޑު ހިތްވަރެކެވެ. އަނެއްކޮޅުން މިއީ 1990 ގެ ފަހުން ވޯލްޑްކަޕްގެ ގްރޫޕް ސްޓޭޖު ފަހަނައަޅައި ދިޔުމަށް ކެމަރޫނުން ކުރަމުން އަންނަ މަސައްކަތަށް އެޅުނު ބޮޑު ހުރަހެކެވެ.
މުޅި މެޗަށް ބަލާއިރު ހަމަހަމަ ކުޅުމެއް ފެނުނު ނަމަވެސް ފުރަތަމަ ހާފުގެ ފެށުން ރަނގަޅުކުރީ ކެމަރޫން އިންނެވެ. މިގޮތުން
ދެ ޓީމުގެ ފަރާތުން ވެސް ހަމަހަަމަ ކުޅުމެއް ފެނުނު މި މެޗުގައި ދެ ޓީމުގެ ފަރާތުން ވަނީ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. މިގޮތުން 10 ވަނަ މިނެޓުގައި ބްރައިން އެމްބުއޭމޯ ފޮނުވާލި ބޯޅަ ކީޕަރު ޔަން ސޮމާ ދިފާއުކުރިއިރު، ރިބައުންސަށް ނުކުތް ބޯޅަ ޓޮކޯ އެކަމްބީ ފޮނުވާލުމުން ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ.
މެޗުގައި ސްވިޒަލެންޑުން ފޮނުވާލި ފުރަތަމަ ބޯޅައަކީ ގްރަނިތް ޝާކާ ފޮނުވާލި ބޯޅައެކެވެ. އޭރިއާ ބޭރުގައި ހުރެ ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ މާ މަތިން ބޭރަށެވެ.
މެޗުގެ 30 ވަނަ މިނެޓުގައި ކެމަރޫން އިން ކުރިއަށް ޖެހިލައިގެން ކުޅެ ހޯދި ބޯޅައަކުން މާޓިން ހޮންގްލާ ފޮނުވާލި ބޯޅަ ގޯލުގެ ކަނަށް ދަނިކޮށް ދިފާއުކުރީވެސް ކީޕަރު ސޮމާ އެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ލިބުނު ކޯނަރެއްގައި ރުބެން ވާގަސް ނަގައިދިން ބޯޅައަށް އަރާ ނިކޯ އެލެވެދީ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ. އޭގެ ފަހުން ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ލިބުނު ކޯނަރަކުން މެނުއެލް އަކަންޖޯ ބޮލުން ފޮނުވާލި ބޯޅަވެސް ދިޔައީ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.
މެޗުގައި ފެނުނު ހަމައެކަނި ގޯލް ސްވިޒަލެންޑުން ޖެހީ ދެވަނަ ހާފު ފަށައިގެން މާ ގިނައިރުތަކެއް ނުވަނީހެވެ. އަރިމަތިން ޒަރްދާން ޝަގީރީ ނަގައިދިން ހުރަސް ބްރީލް އެމްބޯލޯ ގޯލަށް ފޮނުވާލީ އޭރިއާ ތެރޭގައި މުޅިން ހުސްކޮށް ހުރެ އެވެ.
ކެމަރޫން ކޮޅަށް ގޯލް ޖެހި އެމްބޯލޯ އަކީ ކެމަރޫނަށް އުފަން ކެމަރޫންގެ މަންމައަކާއި ބައްޕައަކަށް ލިބުނު ދަރިއެކެވެ. ނަމަވެސް އޭނާ ވަރަށް ކުޑައިރު މައިންބަފައިން ވަރިވުމުން ދިރިއުޅުން ބަދަލުކުރަން ޖެހުނީ ސްވިޒަލެންޑަށެވެ. ސްވިޒަލެންޑުގެ ގައުމީ ޓީމަށް ކުޅެން އެގައުމުގެ ޕާސްޕޯޓު އޭނާ އަށް ލިބުނީ 2014 ވަނަ އަހަރުގަ އެވެ.
މި ގޯލަށްފަހު ލީޑު ފުޅާކުރަން އިތުރު ފުރުސަތު ލިބުނީ ސްވިޒަލެންޑަށެވެ. މިގޮތުން މެޗުގެ 66 ވަނަ މިނެޓުގައި ޝަގީރީ ނަގައިިދިން ހުރަހުން ވާގަސް ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ކެމެރޫންގެ ކީޕަރު އޮނާނާ އެވެ. އޭގެ ފަހުން ޝަކާ ފޮނުވާލި ހަމަލާއެއްވެސް އޮނާނާ ދިފާއުކުރި އެވެ.
މެޗުގެ އިތުރު ވަގުތުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ހެރިސް ސެފަރޮވިޗް އަށް ލިބުނު ހުސް ފުރުސަތުގައި އޭނާ ފޮނުވާލި ހަމަލާ ދިފާއުކުރީ ފަހަތުން އަރި ޑިފެންޑަރެވެ.
މި ގްރޫޕުގައި ދެން ހިމެނޭ ދެ ޓީމްކަމަށްވާ ބްރެޒިލް އާއި ސާބިއާ ވާދަކުރާ މެޗު ކުޅޭނީ މިރޭ ރާއްޖެ ގަޑީން 12 ޖަހާއިރު އެވެ.












