ޓީޓޭގެ ވިސްނުން: ބޭރުން އިވޭ އަޑުތައް ބްރެޒިލަށް މުހިންމެއް ނޫން

Nov 24, 2022, 7:46 AM
ޓީޓޭގެ ވިސްނުން: ބޭރުން އިވޭ އަޑުތައް ބްރެޒިލަށް މުހިންމެއް ނޫން

ކޮންމެ ހަތަރު އަހަރަކުން އެއް ފަހަރު ބާއްވާ ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު މުބާރާތް، ފީފާ ވޯލްޑް ކަޕްގެ ކޮންމެ މުބާރާތަކާ ދިމާކޮށް ވެސް އެންމެ ގިނަ ވާހަކަތަކެއް ދެކެވެނީ ބްރެޒިލާ ބެހޭގޮތުންނެވެ. ސަބަބަކީ އެ ޓީމަކީ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ފަސް ފަހަރު ހޯދި ހަމައެކަނި ޓީމު ކަމަށްވުމާއި މުބާރާތުގެ ތަށި ޖެހިޖެހިގެން ދެ ފަހަރު ހޯދި ދެ ގައުމުގެ ތެރެއިން އެއް ގައުމަށްވުން ކަމަށް ފުޓްބޯޅައިގެ ތަޖުރިބާކާރުން ބުނެ އެވެ.

ގަތަރުގައި ބާއްވާ މި ފަހަރުގެ ވޯލްޑް ކަޕް ކައިރިވަމުން އަންނަ ވަރަކަށް ގިނަ ބަޔަކު ބްރެޒިލްގެ ވާހަކަ ދައްކަމުން އައީ އެކި ގޮތަށެވެ. ބްރެޒިލަކީ ކޮންމެ ވޯލްޑް ކަޕެއްގެ ވެސް "ފޭވަރިޓުން"ގެ ގޮތުގައި އޮންނަ ވާހަކަ އާއި އެކިއެކި މައްސަލަތަކުގެ ސަބަބުން ފާއިތުވި 20 އަހަރު ތެރޭ ބްރެޒިލަށް ވޯލްޑް ކަޕްގެ ތަށްޓެއްގައި އަތްލުމުގެ ނަސީބު ލިބިފައިނުވާ ކަމުގެ ވާހަކަތެކެވެ.

ބްރެޒިލްގެ ކޯޗުކަމާ މިހާރު ހަވާލުވެ ހުރި، އެ ގައުމުގެ ފުޓްބޯޅަ އަށް ފަރިތަ ކޯޗެއް ކަމަށްވާ ޓީޓޭ މި އަހަރުގެ ފެބްރުއަރީ މަހުގައި އިއުލާނުކުރީ ވޯލްޑް ކަޕަށް ފަހު ބްރެޒިލަށް އިރުޝާދުދޭން އޭނާ ނުހުންނާނެ ކަމަށް ބުނެ އެވެ.

ބްރެޒިލް ކޯޗުކަމުން 2016 ވަނަ އަހަރު ކުރީގެ ކުޅުންތެރިޔާ ވަކިކޮށް ޓީޓޭއާ ހަވާލުކުރަން ނިންމީ އެ ގައުމުގެ ފުޓްބޯޅައިގައި ޓީޓޭގެ ހިދުމަތް ރަން އަކުރުން ފެންނަން އޮތުމުންނެވެ.

ޓީޓޭގެ އިރުޝާދުގެ ދަށުން ބްރެޒިލް ވަނީ 2019 ވަނަ އަހަަރުގެ ކޮޮޕަ އެމެރިކާގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. އެކަމަކު، ބްރެޒިލްގެ ސަޕޯޓަރުން އެކަން ހަނދާން ނެތުނީ މިދިޔަ އަހަރުގެ ކޮޕަ އެމެރިކާ ފައިނަލުގައި ވާދަވެރި އާޖެންޓީނާ އަތުން ބަލިވުމުންނެވެ.

މި ފަހަރުގެ ވޯލްޑް ކަޕްގެ ތެރެއިން ބްރެޒިލްގެ ކޯޗު ޓީޓޭ: އޭނާ ހުރީ ޓީމާ މެދު ބޮޑު އުންމީދެއްގައި.

ބްރެޒިލްގެ ފުޓްބޯޅަ ތާރީހުގައި ވޯލްޑް ކަޕް ކޮލިފައިންއެއްގެ އެންމެ ރަނގަޅު ނަތީޖާ އަށް ފަހު މި ފަހަރުގެ ވޯލްޑް ކަޕާ ޓީޓޭ ކުރިމަތިލާއިރު ވެސް، ބްރެޒިލްގެ ބައެއް ސަޕޯޓަރުން އަންނަނީ ފާޑުކިޔަމުންނެވެ. އެއީ މިދިޔަ އަހަރުގެ ކޮޕަ އެމެރިކާ ފައިނަލުން ބަލިވުމާއި، 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ނާކާމިޔާބީގެ ފާޑުކިޔުންތަކުގެ ޒިންމާ ޓީޓޭ ބޮލުގައި އަޅުވައިގެންނެވެ. އެ ފަހަރު ބްރެޒިލް ކެޓީ ކުއާޓާ ފައިނަލުންނެވެ.

"ބޭރުން އިވޭ އަޑުތަކަކީ ކޮންމެ މުބާރާތެއްގެ ކުރިން ވެސް ބްރެޒިލަށް އޮންނާނެ ގޮންޖެހުމެއް. އެ ޕްރެޝަރު އަލެއް ނޫން. އަހަރެން އަބަދުވެސް ވިސްނަނީ، ނޫނީ ކުޅުންތެރިންނަށް ވިސްނައިދެނީ ބޭރުން އެ އަންނަ އަޑުތަކަށް ސަމާލުކަން ނުދޭން،" ބްރެޒިލްގެ ރޭޑިއޯ އަކަށް މިދިޔަ މަހު ދިން އިންޓަވިއުއެއްގައި ޓީޓޭ ބުންޏެވެ.

ޓީޓޭ ބުނީ ޔަގީންކަމާ އެކު މި ފަހަރުގެ ވޯލްޑް ކަޕަށް ފަހު ބްރެޒިލް ދޫކޮށްލާނެ ކަަމަށް ބުނީ "ޕްރެޝަރު ކަނޑުވާލަން" ނޫން ކަމަށާއި ކުރަން ހުރި މަސައްކަތަށް ފޯކަސް ކުރުމުގެ ބޭނުމުގައި ކަމަށެވެ.

ނޭމާގެ މައްޗަށް ޓީމު ބަރޯސާވެފައި އޮންނަ ކަމުގެ ވާހަކަތަކެއް

އެންމެ ފަހުން ބޭއްވި ދެ ވޯލްޑް ކަޕްގައި ވެސް ބްރެޒިލަށް ނާކާމިޔާބުވި އެއް ސަބަބެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރީ އެ ގައުމުގެ ފުޓްބޯޅަ ތަރި ނޭމާ އަށް މާ ބޮޑަށް ޓީމު ބަރޯސާވެފައި އޮންނަ އޮތުމަށެވެ.

އެ ގޮތުން 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި ވޯލްޑް ކަޕްގެެ ކުއާޓާ ފައިނަލުގައި ކޮލަމްބިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ނޭމާ އަށް އަނިޔާވި ހިސާބުން ޓީމަށް އަސަރު ކުރި ކަމަށް ބްރެޒިލްގެ ކުރީގެ ތަރި ކަފޫ އާއި އެޑްމިލްސަން ވަނީ ބުނެފަ އެވެ.

ކަފޫ ބުނީ 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވި ވޯލްޑް ކަޕްގައި ވެސް ބްރެޒިލުން ނުކުތީ ވަރަށް ބޮޑަށް އިންޑިވިޖުއަލް ކުޅުންތެރިންގެ ލެވަލަށް ބަލައިގެން އެއީ ފައިދާނަގަން ކަމަށެވެ. އަދި ނޭމާ އަށް އެކަށީގެންވާ ވަރަށް 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ނުކުޅެވުމަކީ ބްރެޒިލް ބޭނުންވާ މިސްރާބަށް ނުދެވުނު ސަބަބެއްގެ ގޮތުގައި ކަފޫ ގަބޫލުކުރެ އެވެ.

ބްރެޒިލުން ގަތަރުގައި ބޭއްވި ޕްރެކްޓިހަކަށް ފަހު ނޭމާ ކުޑަކުދިންތަކަކާ އެކު ވަގުތު ހޭދަކުރަނީ.

ބްރެޒިލުން މި ފަހަރުގެ ވޯލްޑް ކަޕަށް ނެގި ސްކޮޑުގައި ކްލަބް ލެވަލްގައި ތަފާތު ދައްކަމުން އަންނަ ގިނަ ކުޅުންތެރިންތަކެއް ތިބުމަކީ ވަކި ކުޅުންތެރިންތަކެއްގެ މައްޗަށް އޮތް ބަރޯސާވުން ކުޑަވާނެ ކަމެއް ކަމަށް ބްރެޒިލް ފުޓްބޯޅަ ތަޖުރިބާކާރުން ގަބޫލުކުރެ އެވެ.

ޓީޓޭ ބުނީ ޓީމު ނެގިއިރު، ސްކޮޑުގައި ހިމެނި 26 ކުޅުންތެރިން ވެސް މުހިންމު ކަމަށެވެ. އެ ކުޅުންތެރިން ނެގީ ފެންވަރު ދަނެގެން، ކާމިޔާބީ ހޯދަން ކުރާ ދަތުރުގައި މުހިންމު ރޯލެއް އަދާކުރެވޭނެ ކަމުގެ އިތުބާރު އެއިން ކޮންމެ ކުޅުންތެރިއަކަށް ވެސް އޮންނާތީ ކަމަށް ޓީޓޭ ވަނީ ބުނެފަ އެވެ.

ރިޔާސީ އިންތިހާބުގެ "ހޫނުކަން" ވޯލްޑް ކަޕް ފޯރިއަށް

ބްރެޒިލްގެ ވޯލްޑް ކަޕް ޖޯޒީ ލޯންޗްކުރި ވަގުތަކީ މި އަހަރު ކުރިއަށްދިޔަ ބްރެޒިލްގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިން އެންމެ ބޮޑަށް ފޯރިގަދަވެފައި އޮތް ދުވަސްވަރެވެ.

ބްރެޒިލްގެ ރިޔާސީ އިންތިހާބުން ނާކާމިޔާބުވެވަޑައިގަތް، މިހާރުގެ ރައީސް ޖައީރް ބޮލްސޮނާރޯގެ ކެމްޕެއިންގައި ބްރެޒިލްގެ ފުޓްބޯޅަ ޓީމު ބޭނުންކުރާ ޑިޒައިންތަކާއި ކުލަތަށް ބޭނުންކޮށްފައިވާތީ، ސަޕޯޓަރުންގެ މެދުގައި ހިޔާލުތަފާތުވުން ބޮޑުވި އެވެ.

ބޮލްސޮނާރޯ ސަރުކާރާ އިދިކޮޅަށް މަސައްކަތް ކުރާ ފަރާތްތަކުން ހާމަކުރާގޮތުގައި ބްރެޒިލަކީ ފުޓްބޯޅަ ގައުމަކަށްވާއިރު، ޓީމުގެ ރަސްމީ ކުލަ ސިޔާސީ މަގުސަދެއްގައި ބޭނުންކުރުމަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އަދި ވޯލްޑް ކަޕް ކަހަލަ ބޮޑު މުބާރާތެއް ކުރިމަތީގައި އޮއްވައި، ބްރެޒިލް ސަރުކާރުގައި މި ވަގުތު ތިބި ބަޔަކު، ޓީމާ މެދު ސަޕޯޓަރުންގެ ހިތްތަކުގައި ނަފްތަރު އުފެދޭނެ ގޮތަކަށް އަމަލުކުރާތީ ހިތާމަކުރާ ކަމަށް އިދިކޮޅު ފަރާތްތަކުން ދިޔައީ ބުނަމުންނެވެ.

ބްރެޒިލްގެ ތާރީހު ދިރާސާކުރާ ޕްރޮފެސަރު، މަޓެއުސް ގަމްބާ ޓޯރޭސް ވިދާޅުވީ ބްރެޒިލް ގައުމީ ފުޓްބޯޅަ ޓީމުގެ ކުލަތައް ސިޔާސީ ބޭނުމަށް ބޭނުންކުރަން ފަށާފައިވަނީ 2014 ވަނަ އަހަރު ކަމަށެވެ. އެ ގޮތުން، މީގެ އަށް އަހަރު ކުރިން ބްރެޒިލްގެ ރައީސަކަށް ހުންނެވި، ޑިލްމާ ރޫސެފްއާ ދެކޮޅަށް މުޒާހަރާކުރިއިރު، ވެސް އޭރުގެ އިދިކޮޅުން ބޭނުންކުރީ ބްރެޒިލް ގައުމީ ޓީމުގެ ކުލަތައް ކަމަށް ޓޯރޭސް ވިދާޅުވި އެވެ.

އޭގެ ފަހުން، ބްރެޒިލްގެ މިހާރުގެ ރައީސް ބޮލްސޮނާރޯ، 2018 ވަނަ އަހަރުގެ ސިޔާސީ ހަރަކާތްތަކުގައި ވަނީ ބްރެޒިލްގެ ގައުމީ ޓީމުގެ ކުލަތަށް ބޭނުންކޮށްފަ އެވެ. ސިޔާސީ ގޮތުން އެކި ފަހަރު މަތިން، ބޮލްސޮނާރޯ އަންނަނީ ބްރެޒިލްގެ ފުޓްބޯޅަ ޓީމުގެ ކުލަތަށް ބޭނުންކުރަމުންނެވެ. ބްރެޒިލްގެ ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ރިޕޯޓްކުރާގޮތުގައި ބޮލްސޮނާރޯ، ބްރެޒިލް ޓީމުގެ ކުލަތަށް ބޭނުންކުރަނީ މީހުންގެ ނަޒަރުގައި އޭނާ އަކީ ތާއީދު އޮތް ފަރާތެއްގެ ގޮތުގައި ދެއްކުމުގެ ބޭނުމުގަ އެވެ.

އެކަމަކު، މި ފަހަރުގެ އިންތިހާބުގައި ބޮލްސޮނާރޯގެ މައްޗަށް ކުރިހޯއްދަވައި، އަންނަ ޖެނުއަރީ މަހުން ފެށިގެން ވެރިކަމާ ހަވާލުވާން ތައްޔާރުވެވަޑައިގެން ހުންނެވި ލުއިސް އިނާޝިއޯ ލޫލާ ދަ ސިލްވް، ވަނީ ބްރެޒިލް ފުޓްބޯޅަ އަށް އޮތް "އިހުތިރާމް" އަލުން ހޯދައިދޭނެ ކަމަށް ވިދާޅުވެފަ އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ޓީޓޭ: ބްރެޒިލަކީ ފޭވަރިޓުންގެ ގޮތުގައި ދެކޭތީ ހިތްހަމަޖެހޭ ކަމަށް ވަނީ ބުނެފައި.

ބޮލްސޮނާރޯގެ ލީޑަޝިޕަށް ތާއީދުކުރާ މީހެއް ކަމަށް ބުނެ، ގިނަ ބަޔަކު ޓީޓޭ އަށް ފާޑުކިޔަ އެވެ. އެކަމާ ބެހޭގޮތުން ޓީޓޭ ބުނީ، "މީހުންގެ ވިސްނުމުގައި ހުންނަ ކޮންމެ ކަމަކަށް ރައްދުދޭނަމަ، ބްރެޒިލްގެ ކޯޗެއްގެ ގޮތުގައި އޭނާ އަށް ރަނގަޅު މަސައްކަތެއް ކުރަން ވަގުތު ނޯންނާނެ" ކަމަށެވެ.

ސަޕޯޓަރުންނަށް ހާއްސަ ފަހަރަކަށް ހަދައިދޭން ޓީޓޭ ބޭނުން

ބްރެޒިލްގެ ކޯޗު ޓީޓޭ ބުނީ އޭނާ ބްރެޒިލް ގޮވައިގެން ވަދާއީ މުބާރާތަކަށް ކުރިމަތިލާއިރު، މިއީ ހުރިހާ ކަމެއް އޭނާ އަށް ހާއްސަކުރާ ފަހަރަކަށް ހަދަން ބޭނުންނުވާ ކަމަށެވެ. ބްރެޒިލް ފަދަ ފުޓްބޯޅަ ގައުމެއްގައި ސިޔާސީ ބައިބައިވުމުގެ ތެރެއިން ފުޓްބޯޅަ ފަހަތަށް ދާން ޓީޓޭ ބޭނުމެއް ނުވެ އެވެ.

މި ފަހަރުގެ ވޯލްޑް ކަޕަށް ޓީމު ނެގުމަށް ފަހު، ނޫސްވެރިންގެ ބައްދަލުވުމުގައި ޓީޓޭ ބުނީ ސަޕޯޓަރުން ގަޔާވާނެ ސްޓައިލަށް ކުޅެގެން ބްރެޒިލަށް ތަށި ހޯދައިދޭން ބޭނުންވާ ކަމަށެވެ.

"ބްރެޒިލް ފުޓްބޯޅައިގެ ހާއްސަ ބަޔަކީ ސަޕޯޓަރުން. ބްރެޒިލް ކޮންމެ މީހަކީ މި ޓީމުގެ ސަޕޯޓަރެއް. ވިސްނުމުގައި ފިކުރުގައި ހުރި ކަމެއްގެ ސަބަބުން ބްރެޒިލް ޓީމަށް ސަޕޯޓަރުންގެ މެދުގައި އޮންނަ ލޯތްބަށް ބަދަލެއް ނާދޭ، މިއީ އަހަރެން މި ވޯލްޑް ކަޕްގައި ބޭނުންކުރާނެ ގައުމީ ޖޯޝަކީ،" ބްރެޒިލްގެ ވަރުގަދަ ކްލަބްތަކަށް ކާމިޔާބު ހޯދައިދީފައިވާ ޓީޓޭ ބުންޏެވެ.

ބްރެޒިލުން މިހާތަނަށް ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވަނީ 1958، 1962، 1970، 1994 އަދި 2002 އެވެ.

ބްރެޒިލުން 2002 ވަނަ އަހަރު ވޯލްޑް ކަޕްގެ ތަށި އުފުލާލީ، ދެކުނު ކޮރެއާ އާއި ޖަޕާންގައި ބޭއްވި މުބާރާތުގަ އެވެ. އެއީ އޭޝިއާގައި ބޭއްވި ފުރަތަމަ ވޯލްޑް ކަޕް އެވެ. އޭގެ ފަހުން އޭޝިއާގައި ބާއްވާ ވޯލްޑް ކަޕް މި ފަަހަރު ކުރިއަށް މިދަނީ ގަތަރުގަ އެވެ.

އޭޝިއާގައި ބާއްވާ ދެ ވަނަ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދައި، ބްރެޒިލްގެ އަމާޒަކީ ވޯލްޑް ކަޕްގެ ކާމިޔާބީގައި އެ ޓީމުން ލީޑެއް ނެގުމެވެ. މި ވަގުތު، ބްރެޒިލުން ފަސް ވޯލްޑް ކަޕް ކާމިޔާބުކޮށްގެން އެއް ވަނައިގައި އޮތްއިރު، ދެ ވަނައިގައި އޮތީ ހަތަރު ތަށި ހޯދި ޖަރުމަނާއި އިޓަލީ އެވެ. ޖަރުމަނު މި ފަހަރުގެ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުން ޖަޕާން އަތުން ބަލިވިއިރު، އިޓަލީ މި ފަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވެސް ނުވެ އެވެ.

މި ފަހަރުގެ ވޯލްޑް ކަޕްގައި ބްރެޒިލް ކުޅޭ ފުރަތަމަ މެޗުގައި މިރޭ ނުކުންނާނީ ސާބިއާއާ ދެކޮޅަށެވެ. މެޗު ފަށާނީ ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ.

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox