ދޯހާ، ގަތަރު (ނޮވެމްބަރު 24) - ތިރީސް ހަ އަހަރަށް ފަހު ކެނަޑާ އިން ފީފާ ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ މެޗުގައި ބެލްޖިއަމް އަތުން 1-0 އިން ބަލިވެއްޖެ އެވެ.
ކެނަޑާ އަށް މިރޭގެ މެޗުގައި ލީޑުނަގަން ރަނުގެ ފުރުސަތެއް ލިބުނެވެ. އެ ގޮތުން މެޗުގެ 11 ވަނަ މިނިޓްގައި ކެނަޑާގެ ތަރި އަލްފަންސޯ ޑޭވިސް ފޮނުވާލި ޕެނަލްޓީ ބެލްޖިއަމްގެ ގޯލްކީޕަރު، ތިބައު ކޯޓުއާ ވަނީ މަތަކޮށްފަ އެވެ. މިއީ ކެނަޑާގެ ޓަޖޮން ބުޗާނަން ޖެހި ބޯޅައެއް ބެލްޖިއަމްގެ ޔަނިކް ކަރާސްކޯ އަތުގައި ޖެހުމުން ރެފްރީ ދިން ޕެނަލްޓީ އެކެވެ.
ޖުމްލަކޮށް ބަލާއިރު، ބެލްޖިއަމްގެ ފަރާތުން ވެސް އާދައިގެ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެ ޓީމުގެ ހަމައެކަނި ގޯލު ޖެހީ ފޯވާޑް މިޝީ ބަޓްޝުއާޔީ އެވެ.
ބަޓްޝުއާޔީ، މި މެޗުގައި ކުޅުނީ ބެލްޖިއަމްގެ އެއް ވަަނަ ފޯވާޑް، ރޮމެލޫ ލުކާކޫ އަނިޔާގައި ހުރުމުންނެވެ. މެޗުގެ 44 ވަނަ މިނިޓްގައި ބެލްޖިއަމްގެ ޑިފެންޑަރު، ޓޯބީ އަލްޑަވެއިރަލްޑް މަތިން ނެގި ހުރަހެއް، ކެނަޑާ ޑިފެންސް ފަަހަތުން ލިބުނީ އޭރިއާތެރެއަށް އެރި ބަޓްޝުއާޔީ އަށެވެ. އޭނާ ވަނީ ހަމަޖެހިލާފައި ގޯލުގެ ދުުރު ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ.

ކެނަޑާގެ ހަޗިންސަން (ކ) އާއި އިސްޓާޝިއޯ (ވ) ކައިރިން ބެލްޖިއަމްގެ ޑިބްރޭނާ ބޯޅަ ހިފައިގެންދަނީ: ޑިބްރޭނާ އަށް މެޗުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ދިން ނަމަވެސް އޭނާ ހުރީ އުފަލުންނެއް ނޫން.
މި މެޗުގައި ގޯލެއް ޖެހޭތޯ ގިނަ ގޮތްގޮތުން، ކެނަޑާ އިން މަސައްކަތްކުރި އެވެ. އެ ގޮތުން، ކެނަޑާގެ ކުރިއަށް ކުޅޭ ޖޮނަތަން ޑޭވިޑަށް ލިބުނު ގިނަ ފުރުސަތުތަކުން އޭނާ ޖެހި ބޯޅަތަކުގައި ބާރެއްނެތި، ދިޔައީ ބެލްޖިއަމް ކީޕަރު ކޯޓުއާ ރަނގަޅަށް ޓެސްޓް ނުކުރެވި އެވެ.
މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ބެލްޖިއަމްގެ ކެވިން ޑިބްރޭނާ އަށް ލިބުނުއިރު، މެޗަށް ފަހު އޭނާ ބުނީ މިއީ އޭނާ އަށް އެވޯޑެއް ހައްގުވާވަރުގެ މޮޅު ކުޅުމެއް ދެއްކުނު މެޗެއް ނޫން ކަމަށެވެ. އަދި ފަހަރުގައި މިއީ އޭނާ އަކީ މަޝްހޫރު ކުޅުންތެރިއަކަށް ވުމުން ލިބުނު އެވޯޑެއް ކަމަށް ވެދާނެ ކަމަށް ޑިބްރޭނާ ވަނީ ބުނެފަ އެވެ.
ބެލްޖިއަމްގެ ކޯޗު ރޮބާޓޯ މާޓީނޭޒް ބުނީ މިއީ އޭނާގެ އިރުޝާދުގެ ދަށުން މުބާރާތެއްގެ މެޗެއްގައި ބެލްޖިއަމުން ދެއްކި އެންމެ ދަށް ކުޅުން ކަމަށް ބުނެފިނަމަ ދެބަސްނުވާނެ ކަމަށެވެ. އަދި މި މެޗުގައި ފެނުނު ކަންތައްތަކަށް ބަލާއިރު، ބެލްޖިއަމުން ރަނގަޅުކުރަން ޖެހޭ ކަންކަމަށް ފަރުވާ ނުބަހައްޓައިފިނަަމަ މުބާރާތަށް ކަނޑައެޅި ޓާގެޓްތަކާ ހަމައަށް ވާސިލްނުވެވޭނެ ކަަމަށް މާޓީނޭޒް ވަނީ ބުނެފަ އެވެ.












