ދޯހާ، ގަތަރު (ނޮވެމްބަރު 23) - ގަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ސްޕެއިން ކުޅުނު ފުރަތަމަ މެޗުގައި މިރޭ 7-0 އިން ކޮސްޓަ ރިކާ ކައިރިން ރެކޯޑް މޮޅެއް ހޯދައިފި އެވެ.
މިއީ ވޯލްޑް ކަޕްގައި ސްޕެއިން ހޯދި އެންމެ ތަފާތު ބޮޑު ނަތީޖާ އެވެ. މި މެޗުގެ ކުރިން ވޯލްޑް ކަޕްގައި ހަތް ގޯލުން ޓީމެއް މޮޅުވީ 2010 ވަނަ އަހަރުގެ މުބާރާތުގައި އުތުރު ކޮރެއާ އަތުން ޕޯޗުގަލް އެވެ.
އަލް ތުމާމާ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު ފަށައިގެން ސްޕެއިން ފެނުނީ ވަރަށް ބޮޑަށް މެޗުގެ ކޮންޓްރޯލް ނަގައިގެން ކުޅެން ފެށިތަނެވެ. މެޗުގެ 11 ވަނަ މިނިޓްގައި ސްޕެއިނަށް ލީޑުނަގައިިދިނީ ޑެނީ އޮލްމޯ އެވެ. މިއީ ސްޕެއިންގެ ޒުވާން މިޑްފީލްޑަރު ގަވީ ޖައްސާލި ބޯޅައެއް ކޮސްޓަ ރިކާ ކުޅުންތެރިއަކު ފައިގައި ޖެހިފައި އޮލްމޯ އަށް ލިބުމުން އޭނާ ވަނީ ކޮންޓްރޯލް ކޮށްލާފައި ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ. މިއީ ވޯލްޑް ކަޕްގެ ތާރީހުގައި ސްޕެއިނުން ޖެހި 100 ވަނަ ގޯލެވެެ. ސްޕެއިނަކީ ވޯލްޑް ކަޕްގައި 100 ގޯލު ހަމަކުރި ހަ ވަނަ ގައުމެވެ. މީގެ ކުރިން އެކަން ހާސިލްކުރީ ބްރެޒިލް، އާޖެންޓީނާ، އިޓަލީ އަދި ފްރާންސް އެވެ.

ސްޕެއިންގެ އަސެންސިިއޯ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.
ލީޑުނެގިތާ 10 މިނިޓް ފަހުން ސްޕެއިން ދެ ވަނަ ގޯލު ޖެހި އެވެ. މެޗުގެ 21 ވަނަ މިނިޓްގައި މި ލަނޑު ޖެހީ އޭރިއާތެރެއިން މާކޯ އަސެންސިއޯ އެވެ. މިއީ ސްޕެއިނުގެ ވާތުބެކް، ޖޯޑީ އަލްބާ ނެގި ހުރަހަކަށް އަރައި އަސެންސިއޯ އެއް ފަހަރުން ފޮނުވާލި ބޯޅައަކުން ޖެހި ގޯލެކެވެ. އެ ބޯޅަ ގޯލަށް ވަނީ ކޮސްޓަ ރިކާގެ ކީޕަރު ކޭލޯ ނަވާސް އަތުގައި ޖެހިފަ އެވެ.
މެޗުގެ 31 ވަނަ މިނިޓްގައި ސްޕެއިންގެ ތިން ވަނަ ގޯލު ޖެހީ ޕެނަލްޓީ އަކުން ފެރާން ޓޮރޭޒް އެވެ. މިއީ އޭރިއާތެރެއިން ސްޕެއިންގެ އަލްބާ އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.
ސްޕެއިނުން ވަނީ ދެ ވަނަ ހާފް ފެށިގެން ނުވަ ވަނަ މިނިޓްގައި އޭރިއާތެރެއިން ލިބުނު ފުރުސަތަކުން ހަތަރު ވަނަ ގޯލު ޖަހައިފަ އެވެ. މި ލަނޑު ޖެހީ މެޗުގެ 54 ވަނަ މިނިޓްގައި ފެރާން ޓޮރޭޒް އެވެ. އޭރިއާ ތެރެއިން ލިބުނު ބޯޅަ ޓޮރޭޒް ވަނީ ތިރިތިރިން ގޯލަށް ވައްދާލައިފަ އެވެ.

ސްޕެއިންގެ އޮލްމޯ (ކ) ކޮސްޓަ ރިކާގެ މެނުއަލް މާޓިނޭޒް ކައިރިން ބޯޅަ ހިފައިގެންދަނީ
މެޗުގެ 74 ވަނަ މިނިޓްގައި ސްޕެއިންގެ ފަސް ވަަނަ ގޯލު ޖެހީ ގަވީ އެވެ. ބަދަލަކަށް ކުޅެން އެރި އަލްވާރޯ މޮރާޓާ ނެގި ހުރަހަކުން ގަވީ އޭރިއާ ރޮނގުކައިރިން ވަނީ އެއް ފަހަރުން ވޮލީ އަކުން ދަނޑީގައި ޖައްސާފައި ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ.
މި ލަނޑާ އެކު އުމުރުން 18 އަހަރުގެ ގަވީ ވެފައިވަނީ ސްޕެއިނަށް ވޯލްޑް ކަޕެއްގައި ގޯލު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާ އަށެވެ. އެންމެ ފަހުން ވޯލްޑް ކަޕެއްގައި ލަނޑު ޖެހި އެންމެ ޒުވާން ކުޅުންތެރިޔަކީ 1958 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ބްރެޒިލަށް ގޯލު ޖަހައިދިން އޭރު އުމުރުން 17 އަހަރުގެ ޕެލޭ އެވެ.
ކޮސްޓަ ރިކާގެ ކީޕަރު ކޭލޯ ނަވާސް އަތުގައި ޖެހިފައި ނުކުތް ބޯޅައެއް ގޯލަށް ވައްދާލައި ކާލޮސް ސޮލެއާ ވަނީ މެޗުގެ 90 ވަނަ މިނިޓްގައި ސްޕެއިންގެ ހަ ވަނަ ލަނޑު ޖަހައިފަ އެވެ. އަދި މޮރާޓާ، މެޗުގެ އިތުރު ވަގުތުގައި ސްޕެއިންގެ ހަތް ވަނަ ލަނޑު ޖެހީ އޮލްމޯ ދިން ބޯޅައެއް ކޮންޓްރޯލް ކުރުމަށް ފަހު ގޯލުގެ ކައިރީ ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ.
މި މެޗުގައި ކޮސްޓަ ރިކާ އިން ސްޕެއިންގެ ކީޕަރު އުނާއި ސިމޮން ހުރި ގޯލާ އަމާޒުކޮށް ބޯޅައެއް ފޮނުވާލާފައިނުވެ އެވެ.












