އަލް ރައްޔާން، ގަތަރު (ނޮވެމްބަރު 23) - ޖަރުމަން ގޯލެއް ޖަހާފައިވަނިކޮށް ފަހަތުން އަރައި ދެ ގޯލު ޖަހައި 2-1 ގެ ނަތީޖާ އަކުން ހަތަރު ފަހަރުގެ ވޯލްޑް ކަޕްގެ ޗެމްޕިއަން ޖަރުމަން ބަލިކޮށް، ޖަޕާނުން މުޅި ދުނިޔެ ސިއްސުވާލައިފި އެވެ.
ޖަޕާން އަތުން ވި ބައްޔަކީ 2018ގެ ގްރޫޕް ސްޓޭޖުން ކެޓި ޖަރުމަނަށް އަނެއްކާވެސް ގްރޫޕް ސްޓޭޖުން ކެޓުމުގެ ބިރު ބޮޑުވާނެ ބައްޔެކެވެ. އެ ގޮތުން، 2018 ގައި ވެސް ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުން ޖަރުމަން ވަނީ ބަލިވެފަ އެވެ. އެ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޖަރުމަން ބަލިވީ ދެކުނު ކޮރެއާ އަތުންނެވެ.
އަނެއްކޮޅުން، މިއީ ބައިކޮޅަށް ގޯލެއް ވަނުމަށް ފަހު ފަހަތުން އަރައި ޖަޕާނަށް ވޯލްޑް ކަޕްގެ ތާރީހުގައި މެޗަކުން މޮޅުވެފައެއް ނުވެ އެވެ. އަދި މިއީ 1994 ގެ ފަހުން ޖަރުމަނުން ލީޑެއް ނަގާފައިވަނިކޮށް އެ ޓީމު ވޯލްޑް ކަޕްގައި ބަލިވި ފުރަތަމަ މެޗެވެ.
ޖަރުމަނާއި ޖަޕާން މެޗުގެ ފުރަތަމަ ހާފު އެއްކޮށް ކަހަލަ ގޮތަކަށް ކޮންޓްރޯލް ކޮށްގެން ކުޅުނީ ޖަރުމަނުންނެވެ. ގިނަ ފުރުސަތުތައް ތަނަވަސްކުރި އިރު، މެދުތެރޭގެ ކޮންޓްރޯލް ހޯދައި ގިނަ ޕާސްތަކެއް ކޮށް ހަމާތައް އުފެއްދި އެވެ.
ނަަމަވެސް މެޗުގެ އެންމެ ފުރަތަމަ ނުރައްކާތެރި ހަމަލާ އުފެއްދީ ޖަޕާނުންނެވެ. ކައުންޓާ އެޓޭކެއްގައި ބޯޅަ ހިފައިން ކުރިއަށް ޖެހިލާފައި ޖުންޔާ އީޓޯ ނަގައިދިން ހުރަސް ފޯވާޑް ޑައިޒެން މައީޑާ ގޯލަށް ފޮނުވާލި ނަމަވެސް އޭރު އޭނާ ހުރީ އޮފްސައިޑު މަގާމެއްގަ އެވެ. އެހެންކަމުން ރެފްރީވަނީ ވީއޭއާރު ބެލުމަށްފަހު އެއީ އޮފްސައިޑު ގޯލެއްގެ ގޮތުގަ އެވެ.
ދެން ފެެނުނީ ޖަރުމަނުން ފުލުފުލުގައި ހަމަލާތައް އުފެއްދިތަނެވެ. މިގޮތުން ލިބުނު ކޯނަރަކުން ޔޯޝުއާ ކިމިޗް ނަގައިދިން ހުރަހަކުން ޑިފެންޑަރު އެންޓޯނިއޯ ރޫޑިއާ ބޮލުން ފޮނުވާލި ބޯޅަ ދިޔައީ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.
އޭގެ ތިން މިނެޓު ފަހުން ކިމިޗް އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމާލާ ޖަޕާންގެ ކީޕަރު ސުއީޗީ ގޮންޑާ ދިފާއުކުރިއިރު، އޭރިއާ ބޭރުން އިލްކާއި ގުންޑޮގާން ފޮނުވާލި ހަމާލާ ދިޔައީ ސީދާ ކީޕަރު އަތަށެވެ.
މެޗުގެ 29 ވަނަ މިނެޓުގައި ގޯލެއް ޖަހަން ޖަރުމަނަށް އިތުރު ފުރުސަތެއް ލިބުނެވެ. އަރިމަތިން ޑޭވިޑް ރައުމް ނަގައިދިން ހުރަސް ކީޕަރު ގޮންޑާ އަތުގައި ޖެހިފައި ނުކުތް ވަގުތު ލިބުނީ ގުންޑޮގާން އަށެވެ. އޭނާ ފޮނުވާލި ބާރު ހަމަލާ ޖަޕާނުގެ ކެޕްޓަން މާޔާ ޔޮޝީޑާ ބްލޮކް ކުރި އެވެ.
ޖަރުމަނުން މެޗުގެ ފުރަތަމަ ގޯލް ޖެހީ އެޓީމަށް މެޗުގެ 32 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ އަކުންނެވެ. މިއީ އަރިމަތިން ކުޅުނު ޑިފެންޑަރު ރައުމް ބޯޅައަށް ކުރިއަށް އެރި ވަގުތު ކީޕަރު ގޮންޑާ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ. މި ޕެނަލްޓީ ކާމިޔާބުކޮށް ޖަރުމަނަށް ލީޑު ނަގައިދިނީ ގުންޑޮގާން އެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ޖަރުމަނަށް ލީޑު ފުޅާކުރަން އިތުރު ދެ ފުރުސަތު ލިބުނެވެ. އޭރިއާ ތެރެއިން ޖަމާލް މުސިއާލާ ފޮނުވާލި ބޯޅަ ހުރަސް ދަނޑިމަތިން ބޭރަށް ދިޔައިރު، އޭރިއާ ބޭރުން ކިމިޗް ފޮނުވާލި ބޯޅަ ވެސް ދިޔައީ ދަނޑިމަތިން ބޭރަށެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ނަތީޖާ ހަމަހަމަކުރަން ރަނުގެ ފުރުސަތެއް ލިބުނެވެ. ޑިފެންޑަރު ޔޫޓޯ ނަގަޓޯމޯ ނަގައިދިން ހުރަސް ފޯވާޑް މައީޑާ ހުސްކޮށް ހުރެ ބޮލުން ފޮނުވާލުމުން ދިޔައީ އަރިމަތީ ދަނޑި ކައިދިން ބޭރަށެވެ.
ފުރަތަމަ ހާފެކޭ އެއްގޮތަށް ދެވަނަ ހާފުގައިވެސް ޖަރުމަނުން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ހަމަލާ އުފެއްދި އެވެ. މިގޮތުން އެޓީމުން އެންމެ ފުރަތަމަ ނުރައްކާތެރި ހަމަލާ ފޮނުވާލީ މުސިއާލާ އެވެ. މެޗުގެ 50 ވަނަ މިނެޓުގައި އޭރިއާ ތެރެއިން މުސިއާލާ އަށް ލިބުނު ބޯޅަ ކޮންޓްރޯލް ކުރުމަށްފަހު ކައިރީގައި ހުރި ތިން ކުޅުންތެރިން ކައިރިން ނައްޓާފައި އޭނާ ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ.
މެޗުގެ 59 ވަނަ މިނެޓުގައިވެސް ޖަރުމަނުން ނަތީޖާ ހަމަހަމަ ކުރުމާ ގާތަށް ޖެހިލި އެވެ. މިފަހަރު ގުންޑޮގާން އޭރިއާ ރޮނގުމަތީގައި ހުރެ ފޮނުވާލި ބާރު ހަމަލާ ބޭރަށް ދިޔައީ އަރިމަތީ ދަނޑީގައި ޖެހިފަ އެވެ.
ޖަޕާނުން މި ހާފުގައި ފޮނުވާލި ފުރަތަމަ ހަމަލާ އަކީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޓަކޫމީ އަސާނޯ ފޮނުވާލި ބޯޅަ އެކެވެ. ޖަރުމަންގެ އޭރިއާ ކަނާ ދިމާލު ބޭރުގައި ހުރެފައި އަސާނޯ ފޮނުވާލި ބޯޅަ ދިޔައީ ގޯލާ އަމާޒު ނުވެ ދަނޑި މަތިން ބޭރަށެވެ. އޭގެ ފަހުން އޭރިއާ ތެރެއިން ލިބުނު ބޯޅަ ބޭރަށް ދިޔައީ ކުރިމަތީގައި ހުރި ޑިފެންޑަރު ރުޑިގާ ފައިގައި ޖެހިފަ އެވެ.
މެޗުގެ 70 ވަނަ މިނެޓުގައި ޖަރުމަނުން ފުލުފުލުގައި ތިން ހަމަލާ އެއް ފޮނުވާލި އެވެ. މުސިއާލާ ކުރިއަށް ދިން ބޯޅަ ކޮންޓްރޯލްކުރުމަށްފަހު ސާޖް ނާބްރީ ދިނީ ޖޯނަސް ހޮފްމަން އަށެވެ. އޭނާ ފޮނުވާލި ބޯޅަ ކީޕަރު ގޮންޑާ ދިފާއުކުރި އެވެ. އޭގެ ފަހުން ރައުމް ނެގި ހުރަހަކުން ނާބްރީ ބޮލުން ފޮނުވާލި ބޯޅަ ގޯލުގެ ކަނަށް ވަންނަށް ދަނިކޮށް ގޮންޑާ ދިފާއުކުރި އެވެ. ގޮންޑާ އަތުގައި ޖެހިފައި ނުކުތް ބޯޅަ ދެވަނަ ފަހަރަށް ނާބްރީ ފޮނުވާލުމުންވެސް ގޮންޑާ އެ ބޯޅަ ސޭވްކޮށް ކޯނަރަކަށް ބޭރުކޮށްލި އެވެ.
ޖަޕާނުގެ އަސާނޯ އަށް މެޗުގެ 73 ވަނަ މިނެޓުގައި ގޯލެއް ޖަހަން ރަނގަޅު ފުރުސަތެއް ލިބުނެވެ. އޭރިއާ ތެރޭގައި ހުރެފައި އޭނާ ފޮނުވާލި ބޯޅަ ޖަރުމަންގެ ކީޕަރު މެނުއެލް ނޯޔާ ދިފާއުކުރި އެވެ. އެ ބޯޅަ ދެވަނަ ފަހަރަށް ލިބުނީ ހިކޯރީ ސަކާއީ އަށެވެ. ހުސްކޮށްހުރެ އޭނާ ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ.
ޖަޕާނުން ނަތީޖާ ހަމަހަމަކުރީ މެޗުގެ 75 ވަނަ މިނެޓުގަ އެވެ. މި ލަނޑު ޖެހުމުގައި ފެނުނީ ބެންޗުން އެރި ކުޅުންތެރިންގެ ކޮމްބިނޭޝަނެވެ. ބެންޗުން ކުޅެން އެރިތާ މިނެޓެއް ނުވަނީސް ޓަކޫމީ މިނަމީނޯ އަށް ލިބުނު ބޯޅަ އޭނާ ހުރަސްކޮށްލުމުން ކީޕަރު ނޯޔާގެ އަތުގައި ޖެހިފައި ލިބުނީ ހުސްކޮށް ހުރި ރިޓްސޫ ޑުއާން އަށެވެ. އޭނާ ވަނީ އެއް ފަހަރުން ހުސްކޮށް އޮތް ގޯލަށް ބޯޅަ ވައްދާލާފަ އެވެ.
ޖަޕާނުން ޚަލީފާ އިންޓަނޭޝަނަލް ސްޜޭޑިއަމަށް ވަދެ ތިބި ޖަރުމަން ސަޕޯޓަރުން ސިއްސުވާލީ މެޗުގެ 84 ވަނަ މިނެޓުގަ އެވެ. ފަހަތުން ސަކާއީ ކުރިއަށް ދިން ބޯޅަ އަސާނޯ ހުސްކޮށް ހުރެ ކޮންޓްރޯލްކޮށްލުމަށްފަހު އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ހަމަލާ ގޯލަށް ވަނީ ކީޕަރު ނޯޔާގެ ބަލަހައްޓަމުން ދިޔައ ގޯލުގެ ކައިރި ކަނަށެވެ.
މެޗުގެ އިތުރު ވަގުތުގައި ނަތީޖާ ހަމަހަމަކުރަން ޖަރުމަނަށް ދެ ފުރުސަތެއް ލިބުނެވެ. އޭރިއާ ތެރެއަށް ނަގައިދިން ހުރަސް ޖަޕާންގެ ޑިފެންޑަރެއްގެ ބޮލުގައި ޖެހިފައި ލިބުނީ ހުސްކޮށް ހުރި ގޮރެޓްސްކާ އަށެވެ. އޭނާ ފޮނުވާލި ބޯޅަ ދިޔައީ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ. އޭގެ ފަހުން ހިލޭ ޖެހުމަކުން ކިމިޗް ނަގައިދިން ހުރަސް ދުރު ކަނުގައި ހުރި ނިކޮލަސް ސޫލާ އަށް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ބޯޅަ ކައިރީގައި ހުރި ޑިފެންޑަރު ވަނީ ބްލޮކްކޮށްފަ އެވެ.
މިފަހަރުގެ މުބާރާތުގައި ޖަރުމަން އަތުން ޖަޕާން މޮޅުވުމަކީ މިއަހަރުގެ މުބާރާތުގެ ސަޕްރައިޒިން ދެވަނަ ނަތީޖާ އެވެ. މީގެ ކުރިން ސައުދީ އަރަބިއްޔާ އިންވަނީ ފަހަތުން އަރާ އާޖެންޓީނާ އަތުން 2-1 އިން މޮޅުވެފަ އެވެ.












