ސްޕެއިނުގެ ކޯޗަކަށް ހުރި ލުއިސް އެންރީކޭ، 52، އަކީ އޭނާގެ ކެރިއަރުގައި ކުޅުންތެރިއެއްގެ ގޮތުގަޔާއި ކޯޗެއްގެ ހައިިސިއްޔަތުން ފެނުނުއިރު ވެސް ތަފާތު ނިންމުންތަކެއް ނިންމި މީހެެކެވެ. އެ ގޮތުން، ނުވަ ދިހައިގެ ކުރީކޮޅުގައި ރެއާލް މެޑްރިޑަށް ފަސް އަހަރު ކުޅެދިނުމަށް ފަހު، އެންރީކޭ، 1996 ވަނަ އަހަރު ރެއާލަށް ފާޑުކިޔައި، ބާސެލޯނާ އަށް ހިލޭ ޓްރާންސްފާއެއްގައި ބަދަލުވުމަކީ އެންރީކޭގެ ކެރިއަރުގެ ހާއްސަ އުސްއައްޔެެކެވެ. އެކަމާ ގުޅުވައިގެން، އެންރީކޭގެ ފުޓްބޯޅަ ހަޔާތުގައި އަދިވެސް އޮތީ "ނަފްރަތު" ގެ ލައްގަނޑެއް ޖެހިފަ އެވެ. އެ ނިންމުމާ ގުޅުވައިގެން އެކި ފަހަރު މަތިން އެކި ގޮތަށް ވާހަކަތައް ދެކެވެ އެވެ.
ބާސެލޯނާގެ ބީ ޓީމުން 2008 ވަނަ އަހަރު ކޯޗިން ކެރިއަރު ފެށި އެންރީކޭ، ތިން އަހަރު ފަހުން، ފެނުނީ ހެޑް ކޯޗެއްގެ ގޮތުގައި ރޯމާ ބެންޗުންނެވެ. އޭގެ ފަހުން، ސްޕެއިންގެ ސެލްޓަ ވިގޯއާ ހަވާލުވި އެންރީކޭގެ ކޯޗިން ކެރިއަރު ރަނގަޅަށް ހިނގަން ފެށީ 2014 ވަނަ އަހަރު ބާސެލޯނާ އަށް ބަދަލުވި ހިސާބުންނެވެ. ބާސެލޯނާއާ އެކު ޖުމްލަ ނުވަ ތަށި ހޯދި އެންރީކޭ، ސްޕެއިން ޓީމާ ހަވާލުވީ 2018 ވަނަ އަހަރު ރަޝިއާގައި ކުރިއަށް ދިޔަ ވޯލްޑް ކަޕަށް ފަހު އެވެ.

މޮރޭނޯ (ކ) އާއި އެންރީކޭ ރޯމާގައި އެކުގައި މަސައްކަތް ކުރިއިރު، ޓްރެއިނިންއެއްގެ ތެރެއިން: މޮރޭނޯ އާއި އެންރީކޭގެ ގުޅުން ނިމުނީ ސްޕެއިންގެ ކޯޗުކަމަށް އެންރީކޭ އަލުން އަންނަން ނިންމި ހިސާބުން
ސްޕެއިނާ ހަވާލުވެ، އެންރީކޭ އަށް ފުރިހަމަކޮށް އަހަރެއްހާ ދުވަހު ވެސް މަސައްކަތް ނުކުރެވެނިސް ޖެހުނީ މަގާމުން ކުއްލި ގޮތަކަށް އިސްތިއުފާ ދޭށެވެ. އެ ގޮތުން 2019 ވަަަނަ އަހަރުގެ މާޗް މަހު އާއިލީ ކަމެއްގައި އެންރީކޭ، ސްޕެއިން ޓީމާ ދުރަށް ޖެހިލުމަށް ފަހު، ފަހުން އެ އަހަރުގެ ޖޫން މަހު ޓީމާ ވަކިވި އެވެ. އެންރީކޭގެ ބަަދަލުގައި ސްޕެއިންގެ ކޯޗުކަމާ ހަވާލުވީ އޭނާގެ އެސިސްޓަންޓް އަދި ޒަމާންވީ އެކުވެރިޔާ، ރޮބާޓް މޮރޭނޯ އެވެ.
މޮރޭނޯ އަށް ސްޕެއިނުން ވަގުތީ އެއްބަސްވުމެއް ދިނުމަށް ފަހު، އެ މުއްދަތުގައި އޭނާގެ މަަސައްކަތް ރަނގަޅުވުމުން ފަހުން ނިންމީ 2020 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް މޮރޭނޯ ބަހައްޓާށެވެ. އެކަމަކު، 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެންރީކޭ އަލުން ސްޕެއިން ޓީމާ ހަވާލުވިއިރު، އޭނާގެ އެކުވެރިޔާ، މޮރޭނޯއާ އެކު "ބޮޑު ކޯޅުންގަނޑެއް" ދިޔަ އެވެ.
އެންރީކޭ ތުހުމަތު ކުރީ މޮރޭނޯ، "އޮޅުވާލައިގެން" ސްޕެއިންގެ ކޯޗުގެ މަގާމުގައި ހުންނަން މަސައްކަތް ކުރި ކަމަށެވެ. އެއީ ވެސް ސްޕެއިން ފުޓްބޯޅަ ސަޕޯޓަރުން އެންރީކޭއާ މެދު ހިތްހަމަނުޖެހުނު ސަބަބެކެވެ. އެއީ ވެސް އެންރީކޭގެ ކެރިއަރުގައި "ނަފްރަތާ" ގުޅުވާފައި އޮތް ނިންމުމެއްގެ ޗެޕްޓަރެކެވެ.
ސްޕެއިނާ އެކު އެންރީކޭ މިހާތަނަށް ކުރި މަސައްކަތުން ވަނީ ޒުވާން ޓީމެއް ގޮވައިގެން މިިދިޔަ އަަހަރުގެ ޔޫރޯ ސެމީ ފައިނަލަށް ދިއުމާއި ނޭޝަންސް ލީގުގެ ފައިނަލް ކުޅުުމުގެ އިތުރުން އަންނަ އަހަރުގެ ނޭޝަންސް ލީގުގެ ސެމީ ފައިނަލުން ފުރުސަތު ހޯދައިފަ އެވެ.

އެންރީކޭ މިދިޔަ އަހަރުގެ ޔޫރޯގެ މެޗެއްގެ ތެރެއިން: އޭނާ އަންނަނީ ސްޕެއިން ގައުމީ ޓީމުން ގިނަ ޒުވާން ކުޅުންތެރިންތަކަކަށް ފުރުސަތު ދެމުން.
މިދިޔަ އަހަރުގެ ޔޫރޯ ސްކޮޑުގައި އެންރީކޭ ނިންމީ ރެއާލް މެޑްރިޑްގެ އެއްވެސް ކުޅުންތެރިއަކު ނުހިމެނުމަށެވެ. މިއީ ޒަމާނުއްސުރެ އެންރީކޭ ހިތުގައި ރެއާލާ މެދު އޮތް "ނަފްރަތާ" ހެދި އައި ނިންމުމެއް ކަމަށް ރެއާލްގެ ސަޕޯޓަރުން ތުހުމަތު ކުރެ އެވެ.
އެކަމަކު، އެންރީކޭގެ ޖަވާބަކީ ކޯޗެއް ޓީމު ނަގަނީ "މޮޅުވާން" ކަމަށާއި އޭނާ ވެސް އެކަން ކުރަނީ އެ ވިސްނުމުގައި ކަމަށެވެ.
މި ފަހަރުގެ ވޯލްޑް ކަޕްގައި ވެސް ސްޕެއިން ސްކޮޑުން ފާހަގަކޮށްލެވޭ މަޝްހޫަރު ކުޅުންތެރިންތަކަކަށް ފުރުސަތު ނެތެވެ. އެ ކުޅުންތެރިންގެ ތެރޭގައި ޕީއެސްޖީ އަށް ކުޅެމުން އަންނަ ސާޖިއޯ ރާމޯސް، ލިވަޕޫލްގެ ތިއާގޯ އަލްކަންޓާރާ، މެންޗެސްޓާ ޔުނައިޓެޑްގެ ޑޭވިޑް ޑެެހެއާ، ވިޔަރެއާލްގެ ޖެރާޑް މޮރޭނޯ އަދި އެތުލެޓިކް ބިލްބާއޯގެ އިނީގޯ މާޓިނޭޒް ހިމެނެ އެވެ.
ރާމޯސް، ސްޕެއިންގެ ވޯލްޑް ކަޕް ސްކޮޑުގައި ނުހިމެނު ކަމަކީ ގިނަ ސަޕޯޓަރުންގެ އިތުރުން ފުޓްބޯޅަ ތަޖުރިބާކާރުން ވެސް ފާޑުކީ ނިންމުމެކެވެ. ރާމޯސް ފަދަ، ސްޕެއިނަށް އެންމެ އިތުބާރާ އެކު ފަހަތް ބަލަހައްޓައިދެވޭނެ ކުޅުންތެރިއަކު ބަހައްޓާފައި އެންރީކޭ ވޯލްޑް ކަޕަށް ދިޔަ ނިންމުމަކީ ވެސް "ނަފްރަތާ" ގުޅިގައި އޮތް ކަމެއްތޯ ގިނަ ބަޔެއްގެ ހިތުގައި ސުވާލު އުފެދުނެވެ.
ޒާތީ ކަމެއް ނެތް، އަބަދުވެސް ވިސްނަނީ ކުރިއަށް
އެންރީކޭގެ ކެރިއަރުގައި އޭނާ ނިންމި ކޮންމެ ނިންމުމެއްގެ ފަހަތުގައި ވެސް މުހިންމު ސަބަބުތަކެއް އޮންނަ ކަމަށާއި އެއީ އެންމެނަށް އެނގޭނެ ކަމެއް ނޫން ކަމަށް ތަކުރާރުކޮށް ނޫސްވެރިންގެ ބައްދަލުވުންތަކުގައި އޭނާ ބުނެ އެވެ.
މި ފަހަރުގެ ވޯލްޑް ކަޕަށް ސްޕެއިިން ނެގި ސްކޮޑުގައި "ލީޑަރުން" މަދު ކަމަށް ދެކެވޭ ވާހަކައާ ބެހޭގޮތުން އެންރީކޭ ދިނީ ރަނގަޅު ޖަވާބެކެވެ.
"ގައުމީ ޓީމެއްގެ ލީޑަރަކަށް ވާން ޖެހޭނީ ކޯޗު. އެހެންވީމަ ސްޕެއިނުގެ ލީޑަރަކީ އަހަރެން،" އެންރީކޭ ބުންޏެވެ. "ވަކި ކުޅުންތެރިންތަކެއް ނެތީ އަަހަރެން ގެންގުޅޭ އުސޫލު، ޒާތީ ކަމަކަށް ހަދައިގެން ކަމަށް ވެސް ވާހަކަ ދެކެވޭ. އެކަމަކު، އެ ކަންތައް އޮތީ އެހެނެއް ނޫން. އަހަންނަކީ ބަދަލުވަމުންދާ ކަންތައްތަކުގެ ތެރެއިން ކުރިއަށް ވިސްނާ މީހެއް،"
ފުޓްބޯޅައިގައި އެންރީކޭގެ ބައެއް ނިންމުންތަކަށް ފާޑުކީ ނަމަވެސް އޭނާގެ ފިލޯސަފީ އާއި އުސޫލުތަކަށް މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ތައުރީފު ކޮށްފައިވެ އެވެ. އެންރީކޭ އަކީ އާ ކަންތައްތައް ތަޖުރިބާކޮށްގެން ކާމިޔާބީއާ ހަމައަށް ދާން ބޭނުންވާ ކޯޗެއްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރެ އެވެ. އޭގެ ތެރެއިން އެއް ކަމަކީ މި ފަހަރުގެ ވޯލްޑް ކަޕާ ދިމާކޮށް، ސްޕެއިންގެ ޓްރެއިނިންގައި ބޭނުންކުރި އާ ޓެކްނޮލޮޖީ އެވެ.
އެ ގޮތުން ދާދި ފަހުން، ޔުއެފާ ނޭޝަންސް ލީގުގެ ފަހު މެޗުތަކަށް ސްޕެއިން ޓީމުން ކުރިއަށްގެންދިޔަ ޓްރެއިނިންގައި، އެންރީކޭ، ވަނީ ރޭޑިއޯ ޖީޕީއެސް ސިސްޓަމެއް މެދުވެރިކޮށް، ކަންތައްތަކެއް ތަޖުރިބާ ކޮށްފަ އެވެ. އެއީ ކުޅުންތެރިންގެ ވެސްޓްގެ އެތެރޭގައި ހަރުކޮށްފައިވާ ޗިޕެއް މެދުވެރިކޮށް، އެންރީކޭ، ދޭ ކޮމާންޑްތަކަށް ކުޅުންތެރިން ހަރަކާތް ކުރާ ގޮތަށް ޓްރެއިނިން ގެންދިޔަ އެވެ.
ސްޕެއިން ފުޓްބޯޅަ ފެޑެރޭޝަންގެ މީޑިއާ ޗެނަލަށް އެންރީކޭ ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ، މިއީ ޓެކްޓިކްސް އާއި ޓީމުގެ މެދުގައި ދެކެވެން ޖެހޭ ވާހަކަތައް އަވަހަށް ދެނެގަނެ، ޓީމްވޯކް ރަނގަޅުކުރަން މުހިންމު ޓެކްނޮލޮޖީއެއް ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން އެންރީކޭ ވާހަކަ ދައްކަނީ.
މީގެ އިތުރުން ސްޕެއިންގެ ޓްރެއިނިން ކުރިއަށްދާއިރު، ބޮޑު ސްކްރީނެއްގައި ޓްރެއިނިންގެ ވީޑިއޯ ވަގުތުން ފެންނަން ހުންނަ ގޮތަށް ވެސް އެންރީކޭ ހެދި އެވެ. އެއީ ވީޑީއޯ އެނަލައިސިސްއެއް ހަދަން ބޭނުންވެއްޖެނަމަ ވަގުތުން ކުޅުން ހުއްޓާފައި، ކުޅުންތެރިންނަށް ކިޔައިދެވޭ ގޮތަށެވެ.
އެންރީކޭ މި ވަނީ ސްޕެއިނާ އެކު އޭނާ ޖުމްލަ އެކު ހޭދަކުރި، ތިން ވަރަކަށް އަހަރު ތެރޭގައި ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. ތަށްޓެއްގެ ސިފައިގައި ކާމިޔާބު ރަމްޒުކޮށްދޭން ދައްކާނެ އެއްޗެއް އަދި ލިބިފައިނުވި ނަމަވެސް އެންރީކޭގެ އިރުޝާދުގެ ދަށުން ސްޕެއިން ފުޓްބޯޅަ ދަނީ ކުރިއަށް ކަން މުބާރާތްތަކުގެ ނަތީޖާތަކުން ފެންނަން އެބައޮތެވެ.
ސްޕެއިންގައި އެންރީކޭގެ ރެކޯޑަށް ބަލާއިރު، 40 މެޗުގެ ތެރެއިން 23 މެޗުން ވަނީ މޮޅުވެފަ އެވެ. ހަތް މެޗުން ބަލިވިއިރު، 10 މެޗު ނިމުނީ އެއްވަރުވެެގެންނެވެ. އެހެން ނަމަވެސް އެންރީކޭ އަށް ސްޕެއިންގެ ކޯޗުގެ މަގާމުގައި މުސްތަގުބަލެއް އޮތީ މި ފަހަރުގެ ވޯލްޑް ކަޕްގައި ނެރޭ ނަތީޖާތަކެއްގެ މައްޗަށެވެ. އެއީ، އެންރީކޭ މި ވަގުތު ސްޕެއިންގެ ކޮންޓްރެކްޓްގައި ހުރީ ވޯލްޑް ކަޕްގެ ނިޔަލަށް ކަމަށްވާތީ އެވެ.
އެހެންކަމުން، މި ފަހަރުގެ ވޯލްޑް ކަޕްގައި ސްޕެއިން ކުޅޭ ފުރަތަމަ މެޗުގައި މިރޭ ކޮސްޓަ ރިކާއާ ދެކޮޅަށް ނުކުންނައިރު، މުބާރާތް މޮޅަކުން ފަށައި، ހިންދެމިލަން ސްޕެެއިނުން ބޭނުންވާނެ އެވެ. ސްޕެއިނާއި ކޮސްޓަ ރިކާ މެޗު ފަށާނީ ރާއްޖެ ގަޑިން 21:00 ގަ އެވެ.












