ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްވަތު ހަބީބާ ގުޅޭ ގޮތުން އާންމުންގެ މީހަކު ހުށަހެޅި ސުލޫކީ މައްސަލައެއްގެ ތަހުގީގު ފެށުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
އެ ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައިވާ ގޮތުން އެއީ، ކްރިމިނަލް ކޯޓުގައި ސޮފްވަތު ބައްލަވަމުން ގެންދަވާ މައްސަލައެއްގައި ހުލާސާ ބަޔާން ހުށަހެޅި ފަހުން ގާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި، މައްސަލައިގެ ހުކުމް ކުރުމުގެ މަޖިލިސް ބާއްވާފައި ނުވާ މައްސަލައެކެވެ.
އެ މައްސަލަ ބެލުމަށް ޓަކައި ޖޭއެސްސީގައި ތަހުގީގު ކޮމިޓީއެއް ވެސް ވަނީ އެކުލަވާލައިފަ އެވެ. އެއީ ޖޭއެސްސީން މައްސަލައެއް ބެލުމަށް ނިންމުމަށް ފަހު، އާންމުކޮށް އަމަލުކުރާ އުސޫލެވެ.
ޖިނާއީ އިޖުރާއަތްތަކުގެ ގާނޫނުގައި އޮންނަ ގޮތުން، ޝަރީއަތުގެ ހިނގި ކަންކަމުގެ މައްޗަށް މައްސަލައެއްގައި ހިމެނޭ ކޮންމެ ހަސްމެއްގެ ފަރާތުން ހުލާސާ ބަޔާނެއް ހުށަހެޅުމަށް ފަހު، 30 ދުވަހުގެ ތެރޭގައި މައްސަލައެއްގެ ހުކުމް އިއްވާން ޖެހެ އެވެ.
އެކަމަކު އެކި ސަބަބުތަކަށް ޓަކައި، އެއަށް ވުރެ މާ ފަހުން ވެސް ހުކުމް ކުރުމުގެ މަޖިލިސް ބޭއްވިފައިވެ އެވެ.














