އަލް ވަކްރާ، ގަތަރު (ނޮވެމްބަރު 23) - ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އެންމެ ފަހުގެ ޗެމްޕިއަން، ފްރާންސް ކުޅުނު ފުރަތަމަ މެޗުގައި އެ ޓީމުގެ ފޯވާޑް އޮލިވިއޭ ޖިރޫ ރެކޯޑަކާ ހަމަކުރިއިރު، ފަހަތުން އަރައި އޮސްޓްރޭލިއާ އަތުން 4-1 އިން މޮޅުވެއްޖެ އެވެ.
އޮސްޓްރޭލިއާ އަތުން ފްރާންސް މޮޅުވުމާ އެކު އެ ޓީމު އޮތީ ގްރޫޕް ޑީގެ އެއް ވަނައިގަ އެވެ. މި ގްރޫޕުގައި ދެން އޮތް ދެ ޓީމު ކަމަށްވާ ޑެންމާކާއި ޓިއުނީޝިއާ ވާދަކުރި މެޗު ނިމުނީ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެގެންނެވެ.
ރަޝިއާގައި 2018 ވަނަ އަހަރު ބޭއްވި ފީފާ ވޯލްޑް ކަޕްގެ ޗެމްޕިއަނުން ފްރާންސުން މިފަހަރުގެ މުބާރާތާ ކުރިމަތިލީ އަނިޔާގެ ގިނަ މައްސަލަތަކާ އެކުގަ އެވެ. އެ ގޮތުން މިދިޔަ މުބާރާތުގެ ތަށި ހޯދުމުގައި މުހިންމު ދައުރެއް އަދާކުރި އެންގޯލޯ ކާންޓޭ އާއި ޕައުލް ޕޮގްބާ އަށް އަނިޔާގެ ސަބަބުން ނުކުޅެވުނެވެ. އަނެއްކޮޅުން، މުބާރާތް ފެށެން ކުޑަތަންވެފައިވަނިކޮށް ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމް އެންމެ ފަހުން ހޯދި ކަރީމް ބެންޒެމާ އަށް އަނިޔާވެ ޓީމާ ވަކިވާން ޖެހުނެވެ. މީގެ އިތުރުން ޓީމުގެ ފުރަތަމަ އެގާރާގައި ކުޅޭނެ ކަމަށް ބެލެވުނު މިޑްފިލްޑަރ އެޑުއާޑް ކަމަވިންގާ ވެސް އަނިޔާގެ ސަބަބުން މި މެޗުގައި ނުކުޅެ އެވެ.
ބަދަލުތަކަކާ އެކު ފެނުނު ފްރާންސުން މިރޭގެ މެޗު ފެށީ ގޯސްކޮށެވެ. މެޗު ފަށައިގެން މާ ގިނަ އިރުތަކެއް ނުވެ އޮސްޓްރޭލިއާ އިން ފްރާންސް ކޮޅަށް ގޯލު ޖެހި އެވެ. މެތިއު ލެކީ އަރިމަތިން ނަގައިދިން ހުރަސް ގޯލުގެ ތެރެއަށް ވައްދާލައި އޮސްޓްރޭލިއާ އަށް ލީޑު ނަގައިދިނީ ކްރެއިގް ގުޑްވިން އެވެ.
އޮސްޓްރޭލިއާ އިން ގޯލު ޖެހި މި އެޓޭކް ހުއްޓުވަން އުޅުމުގެ ތެރޭގައި ފްރާންސްގެ ވާތްފަޅިން ފަހަތަށް ކުޅުނު ލޫކަސް ހެނާންޑޭޒް އަށް އަނިޔާވެ ފައިބަން ޖެހުނެވެ. އޭނާ ބަދަލުގައި ކުޅެން އެރީ ލޫކަސްގެ ކޮއްކޮ، ތިއޯ ހެނާންޑޭޒް އެވެ.

އޮސްޓްރޭލިއާގެ އާރޮން މޯއި (ކ) ފްރާންސްގެ ކީލިއަން އެމްބާޕޭ އަތުން ބޯޅަ ހޯދަން މަސައްކަތް ކުރަނީ.
ފްރާންސުން ނަތީޖާ ހަމަހަމަކުރީ މެޗުގެ 27 ވަނަ މިނެޓުގަ އެވެ. ތިއޯ ނަގައިދިން ހުރަހަކުން މި ގޯލު ޖަހައިދިނީ އެޑްރިއަން ރަބިއޯ އެވެ. ފްރާންސަށް ލިބުނު ކޯނަރަކުން ނެގި ބޯޅަ އޮސްޓްރޭލިއާގެ ކުޅުންތެރިން ދިފާއުކުރުމުން އޭރިއޭ ބޭރުން އަރިމަތިން އެ ބޯޅަ ލިބުނީ ތިއޯ އަށެވެ. އޭނާ ނަގައިދިން ހުރަސް ރަބިއޯ ގޯލަށް ފޮނުވާލީ މުޅިން ހުސްކޮށް ހުރެ އެވެ.
އޭގެ ފަސް މިނެޓު ފަހުން ފްރާންސުން މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނެގި އެވެ. މި ލަނޑު ޖަހައިދިނީ ޖިރޫ އެވެ. އޮސްޓްރޭލިއާގެ ޑިފެންސް ލައިނުން ހެދި ގޯހެއްގެ ފައިދާ ނަގައި ރަބިއޯ ހޯދި ބޯޅަ އޭނާ ހުސްކޮށްލާފައި ދިނީ މުޅިން ހުސްކޮށް ހުރި ޖިރޫ އަށެވެ. އޭނާ ވަނީ ފަސޭހަކަމާއިއެކު މި ގޯލު ޖަހައިފަ އެވެ. ފުރަތަމަ ހާފުގައި ފްރާންސަށް ލީޑުނަަގައިދޭން ލިބުނު ފުރުސަތު އެމްބާޕޭ އަށް ބޭނުމެއް ނުހިފުނެވެ.
ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި އޮސްޓްރޭލިއާ އިން އެއްވަރުކުރުމާ ގާތަށް ޖެހިލި އެވެ. އަރިމަތިން ގުޑްވިން ނަގައިދިން ހުރަހުން ޖެކްސަން އާވިން ބޮލުން ފޮނުވާލި ބޯޅަ ބޭރަށް ދިޔައީ އަރިމަތީ ދަނޑީގައި ޖެހިފަ އެވެ.
ދެ ވަނަ ހާފު ފަށައިގެން ގޯލެއް ޖަހަން ފުރަތަމަ ފުރުސަތު ލިބުނީ ފްރާންސްގެ ޖީރޫ އަށެވެ. ތިއޯ ނަގައިދިން ހުރަސް ޖިރޫ ފޮނުވާލުމުން ދިޔައީ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.
ގާތްގާތުގައި ފްރާންސުން ކުރަމުން ދިޔަ އެޓޭކުތައް ހުއްޓުވުމުގައި އޮސްޓްރޭލިއާ އަށް އުނދަގޫތައް ކުރިމަތިވަމުން ގޮސް ފްރާންސުން ލީޑު ފުޅާކުރި އެވެ. މި ފަހަރު ގޯލު ޖަހައިދިނީ އެމްބާޕޭ އެވެ. މިއީ އަރިމަތިން އޮސްމާނޭ ޑެމްބެލޭ ނަގައިދިން ހުރަހަކުން ބޮލުން ގޯލަށް ބޯޅަ ފޮނުވާލައިގެން އެމްބާޕޭ ޖެހި ގޯލެކެވެ.
ފްރާންސްގެ ހަތަރު ވަނަ ލަނޑު ޖިރޫ ޖެހީ 71 ވަނަ މިނެޓުގަ އެވެ. މި ފަހަރު އެމްބާޕޭ ނެގި ހުރަހަކުން ޖިރޫ މި ގޯލު ޖެހީ ބޮލުންނެވެ. މި ލަނޑާ އެކު ޖިރޫ ގައުމީ ޓީމަށް ޖެހި ގޯލުގެ އަދަދު 51 އަށް އެރިއިރު، އޭނާ ވަނީ ފްރާންސްގެ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ފޯވާޑް ތިއޮރީ އޮންރީގެ ރެކޯޑާ އަރާ ހަމަކޮށްފަ އެވެ. އޮންރީ ވެސް ގައުމީ ޓީމަށް ޖަހައިދީފައިވަނީ 51 ގޯލެވެ.
މުޅި މެޗަށް ބަލާއިރު ފްރާންސުން 21 ހަމަލާ އުފެއްދި އެވެ. އަނެއްކޮޅުން ގިނަ ގޯލްތަކެއް ޖަހައި ދެއްކި މޮޅު ކުޅުމާ އެކު މިދިޔަ ފަހަރުގެ ޗެމްޕިއަނުން މި ފަހަރުގެ ވެސް ފޭވަރިޓުންނަށް ވާނެކަމަށް ބެލެވެ އެވެ.
ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މާދަމާވެސް ހަތަރު މެޗެއް ކުޅޭނެ އެވެ. މެންދުރު ފަހު ތިނެއް ޖަހާއިރު ކުޅޭ މެޗުގައި ވާދަކުރާނީ މޮރޮކޯ އާއި ކްރޮއޭޝިއާ އެވެ. އިރުއޮއްސި ހައެއް ޖަހާއިރު ކުޅޭ މެޗުގައި ޖަރުމަނާއި ޖަޕާން ވާދަކުރާއިރު، ރޭގަނޑު ނުވައެއް ޖަހާއިރު ކުޅޭ މެޗުގައި ސްޕެއިން ނުކުންނާނީ ކޮސްޓަރިކާއާ ދެކޮޅަށެވެ. މާދަމާގެ ފަހު މެޗުގައި ދަންވަރު 12 ޖަހާއިރު ބެލްޖިއަމް ނުކުންނާނީ ކެނެޑާއާ ދެކޮޅަށެވެ.












