ދޯހާ، ގަތަރު (ނޮވެމްބަރު 22) - ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މެކްސިކޯ އާއި ޕޮލަންޑް ވާދަކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވެ، ގްރޫޕް ސީ ފުރަތަަމަ މެޗުތަަކަށް ފަހު ފޯރިގަދަވެއްޖެ އެވެ.
މެކްސިކޯ އާއި ޕޮލަންޑު އެއްވަރުވުމުން ގްރޫޕް ސީގައި މިއަދު ހަވީރު ކުޅުނު މެޗުން ބަލިވި އާޖެންޓީނާ އަށް ހަމަޖެހުމުގެ ނޭވާއެއް ލެވޭނެ އެވެ. އެ ޓީމު ފުރަތަމަ މެޗުން ބަލިވެ، ކުރިމަތިވި ޕްރެޝަރަށް ކުޑަވަރެއްގެ ލުޔެއް އަންނާނެ އެވެ.
މި ވަގުތު ގްރޫޕް ސީގެ އެއްވަނައިގައި އޮތީ އާޖެންޓީނާ އަތުން 2-1 އިން މިއަދު ހަވީރު މޮޅުވި ސައުދީ އަރަބިއްޔާ އެވެ. ސައުދީ ޓީމު ކުޅޭ ދެ ވަނަ މެޗުގައި އެ ޓީމު ނުކުންނާނީ ޕޮލަންޑާ ދެކޮޅަށެވެ. އާޖެންޓީނާ އަށް ކުރިއަށް އޮތީ މެކްސިކޯ މެޗެވެ.
ގިނަ ފައުލުތަކެއް ފެނުނު މެޗުގެ ފުރަތަމަ ހާފު ފާހަގަވީ މެކްސިކޯގެ ހާފެއްގެ ގޮތުގަ އެވެ. ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ގިނަ އެޓޭކްތަކެއް މެކްސިކޯ އިން އުފެއްދި އެވެ. ނަމަވެސް މި ހާފުގައި އެޓީމަށް ޕޮލަންޑުގެ ގޯލުގައި ހުރި ކީޕަރު ވޮޒްޝިއޭ ޝެޒްނީ އަށް ކަންބޮޑުވާވަރުގެ ބޯޅައެއް ފޮނުވައެއް ނުލެވެނުނެވެ.
ފުރަތަމަ ހާފުގައި ލޮނުމަޑުކޮށް ފެނުނު ޕޮލަންޑުން ދެ ވަނަ ހާފަށް ނުކުތީ ބަދަލަކާ އެކުގަ އެވެ. މިޑްފިލްޑް ލައިނަށް ގެނައި ބަދަލާ އެކު އެ ޓީމުން ކުރިއަށް ޖެހި ލިބުނު ހިލޭ ޖެހުންތަކާ ކޯނަރުތަކުގައި ނުރައްކާކުރި އެވެ.

މެކްސިކޯގެ ގޯލްކީޕަރު އޮޗޯއާ: އޮޗޯއާ އަކީ ކޮންމެ ފަހަރަކު ވޯލްޑް ކަޕްގައި ތަފާތު ދައްކާ ކުޅުންތެރިއެއް.
މެޗުގެ 55 ވަނަ މިނެޓުގައި ލިބުނު ފުރުސަތެއްގައި ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި މެކްސިކޯގެ ޑިފެންޑަރު ކުރި ފަައުލަކަށް ރެފްރީވަނީ ވީއޭއާރް ބެލުމަށްފަހު ޕޮލަންޑަށް ޕެނަލްޓީ އެއް ދީފަ އެވެ. ޕޮލަންޑުގެ ކެޕްޓަން ރޮބާޓް ލެވަންޑޯސްކޯ ފޮނުވާލި ޕެނަލްޓީ މެކްސިކޯގެ ކީޕަރު ގުއިލާމޯ އޮޗޯއާ ވަނީ ދިފާއުކޮށްފަ އެވެ.
މި ޕެނަލްޓީ ދިފާއުކުރުމާއިއެކު އޮޗޯއާ ވެފައިވަނީ 1966 ވަނަ އަހަރުން ފެށިގެން މިއަދާއި ހަމައަށް، ވޯލްޑް ކަޕުގެ މެޗެއްގެ ތެރެއިން (ޕެނަލްޓީ ޝޫޓް އައުޓް ނުލައި) ޕެނަލްޓީއެއް ދިފާއުކުރި މެކްސިކޯގެ ފުރަތަމަ ގޯލު ކީޕަރަށެވެ. އަނެއްކޮޅުން ވޯލްޑް ކަޕެއްގައި ލެވަންޑޯސްކީ ފުރަތަމަ ގޯލު ޖަހަން ކުރަމުން އައި އިންތިޒާރު ދިގުލައިދިޔައީ އެވެ.
މެޗުގެ ފަހުކޮޅަށް ދިޔައިރު މެކްސިކޯ އިން ބަދަލުތަކެއް ގެނެސް ކުރިއަށް ޖެހިލައިގެން އަނެއްކާވެސް ހަމަލާތަކެއް އުފެއްދޭތޯ މަސައްކަތްކުރި އެވެ. އޭރިއާ ބޭރުން އެލެކްސް ވެގާ ފޮނުވާލި އެއް ހަމަލާ ގޯލާ އަމާޒުނުވެ ބޭރަށް ދިޔައިރު، އަނެއް ހަމަލާ ކީޕަރު ޝެޒްނީ ވަނީ ހުޝިޔާރުކަމާ އެކު ދިފާއުކޮށްފަ އެވެ. އޭގެ ފަހުން ހާވިން ލޮޒާނޯ އަށް ލިބުނު ބޯޅައިން މާ ބޮޑަށް ނުރައްކާ ކުރެވޭ ގޮތެއް ނުވި އެވެ.
މެޗުގެ ފަހު ދިހަ މިނެޓުގެ ތެރޭގައި ޕޮލަންޑަށް ލިބުނު ކޯނަރަކުން މިޑްފިލްޑަރު ގްރިގޯ ކްރިކޯވިއަކް އަށް ލިބުނު ބޯޅަ ގޯލާ އަމާޒުކުރެވޭ ގޮތެއް ނުވި އެވެ.












