އަލް ރައްޔާން، ގަތަރު (ނޮވެމްބަރު 22) - ގަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ޑީގައި ޓިއުނީޝިއާ އިން ޑެންމާކު އަތުން ޕޮއިންޓެއް ހޯދައިފި އެވެ.
އަލް ރައްޔާންގެ އެޑިއުކޭޝަން ސިޓީ ސްޓޭޑިއަމްގައި ކުޅުނު މެޗު ގޯލެއް ނުޖެހި 0-0 އިން އެއްވަރުވިއިރު، މިއީ މި އަހަރުގެ ވޯލްޑް ކަޕްގައި ލަނޑެއް ނުޖެހި އެއްވަރުވި ފުރަތަމަ މެޗެވެ. ގްރޫޕް ޑީގައި ހިމެނެނީ ޓިއުނީޝިއާ، ޑެންމާކުގެ އިތުރުން އެންމެ ފަހުގެ ޗެމްޕިއަން ފްރާންސާއި އޮސްޓްރޭލިއާ އެވެ.
މިރޭގެ މެޗުގެ ފުރަތަމަ ހާފު ފެނުނީ ވަރަށް ހަމަހަމަކޮށެވެ. އަވަސް އަދި ފިޒިކަލީ ވަރުގަދަ ކުޅުމެއް ފެނުނު މި ހާފުގައި މާ ގިނަ ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލެވިފަ އެއް ނުވެ އެވެ. އެންމެ ހުސް ފުރުސަތެއް ލިބުނީ ޓިއުނީޝިއާގެ އިސާމް ޖެބާލީ އަށެވެ. އޭރިއާ ތެރެއަށް ހުސްކޮށް ވަދެ ކީޕަރު ބޯމަތިން ގޯލުގެ ތެރެއަށް ފޮނުވާލަން މަސައްކަތްކުރި ހަމަލާ ކީޕަރު ކެސްޕާ ޝްމައިކަލްވަނީ ދިފާއުކޮށްފަ އެވެ.
މި ހާފުގައި ޓިއުނީޝިއާ އިން އޮފްސައިޑް ގޯލެއް ވެސް ޖެހި އެވެ. މި ދެ ހަމަލާ ފިޔަވައި އެޓީމުން މި ހާފުގައި ފޮނުވާލި އެއްވެސް ބޯޅައެއް ގޯލާ އަމާޒެއް ނުވި އެވެ.
ޑެންމާކަށް ބަލާއިރު އެޓީމުގެ ފޯވާޑުންގެ ތެރެއިން ޖޯކިމް އެންޑަސަން އާއި ޖޯކިމް މައިލާ ފޮނުވާލި ބޯޅައިންވެސް ނުރައްކާ ކުރެވޭ ގޮތެއް ނުވި އެވެ.
ދެވަނަ ހާފުގައި ގޯލެއް ޖަހަން އެންމެ ހުސް ފުރުސަތެއް ލިބުނީ ޑެންމާކަށެވެ. އެ ޓީމަށް ލިބުނު ކޯނަރަކުން ކްރިސްޓިއަން އެރިކްސަން ނަގައިދިން ބޯޅަ ކްރިސްޓެންސެން ބޮލުން ފޮނުވާލުމުން ލިބުނީ ހުސްކޮށް ހުރި އަންދްރޭސް ކޯނީލިއަސް އަށެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ކޯނީލިއަސް އަށް ހުސް ގޯލެއްގެ ތެރެއަށް ފޮނުވާލަން ލިބުނު ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.
މި ފުރުސަތުގެ އިތުރުން ޑެންމާކުގެ މިޑްފިލްޑަރު އެރިކްސަން އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއެއް ޓިއުނީޝިއާގެ ކީޕަރު އައިމަން ޑާމަން ދިފާއުކުރި އެވެ. އެރިކްސަން ވާތު ފައިން ފޮނުވާލި ބޯޅަ ކީޕަރު ޑާމަން ދިފާއުކުރީ ގޯލުގެ ކަނަށް ބޯޅަ ވަންނަން ދަނިކޮށެވެ.
ގްރޫޕް ޑީގެ ދެ ވަނަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ފްރާންސުން ނުކުންނާނީ އޮސްޓްރޭލިއާއާ ކޮޅަށެެވެ. މި މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 12 ޖަހާއިރު އެވެ.












