ފްރާންސް އިން 1998 ވަނަ އަހަރު ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދިއިރު، ޓީމުގެ ކެޕްޓަނަކީ، މިހާރު އެ ޓީމުގެ ކޯޗު، ޑިޑިއޭ ޑެޝޯމްޕްސް އެވެ. ޑެޝޯމްޕްސް އަކީ ކުޅުންތެރިއެއްގެ ގޮތުގަޔާއި ކޯޗެއްގެ ގޮތުގައި ވޯލްޑް ކަޕް ކާމިޔާބުކުރި ތިން ވަނަ ފަރާތެވެ.
ފްރާންސް އިން 1998 ވަނަ އަހަރުގެ ވޯލްޑް ކަޕް ތަށި އުފުލާލި ނަމަވެސް 2002 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ކެޓީ އެވެ. އެއީ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދާ ޔޫރަޕްގެ ޓީމުތަކުގެ ބަދުނަސީބު ރެކޯޑެއްގެ ސިލްސިލާއެއް ފެށުނު ހިސާބެވެ.
އޭގެ ފަހުން، 2006 ވަނަ އަހަރު ޖަރުމަނުގައި ބޭއްވި ވޯލްޑް ކަޕްގެ ތަށި ހޯދި އިޓަލީ ވަނީ 2010 ވަނަ އަހަރު ދެކުނު އެފްރިކާގައި ބޭއްވި ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ކަޓައިފަ އެވެ. ދެކުނު އެފްރިކާގައި 2010 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ތަށި ހޯދި ސްޕެއިން ވަނީ 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުން ކަޓައިފަ އެވެ.
އަދި ބްރެޒިލްގައި ބޭއްވި ވޯލްޑް ކަޕްގެ ތަށި އުފުލާލި ޖަރުމަނު ވަނީ އެންމެ ފަހުން، 2018 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ކަޓައިފަ އެވެ.

2002 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ފްރާންސާއި ސެނެގާލް ކުޅުނު މެޗުގެ ތެރެއިން: ސެނެގާލް ވަނީ މި މެޗުން ފްރާންސް ބަލިކޮށްފައި.
ރަޝިއާގައި 2018 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ތަށި ފްރާންސަށް ހޯދައިދިން ކޯޗު، ޑެޝޯމްޕްސް އަށް މި ފަހަރު ބޮޑު ދެ ޗެލެންޖެއް އެބައޮތެވެ. އެއް ކަމަކީ ޔޫރަޕްގެ ގައުމުތަކުން އެންމެ ފަހުގެ ޗެމްޕިއަނުންގެ ގޮތުގައި ވޯލްޑް ކަޕަށް ކުރިމަތިލައި، މި އޮތް ދަށް ރެކޯޑުން އަރައިގަނެ، ގްރޫޕް ސްޓޭޖު ފަހަނައަޅައި ދިއުމެވެ. އަނެއް ކަމަކީ، އަނިޔާގެ ސަބަބުން ޓީމަށް ދިމާވެފައިވާ ހާލަތުން އުންމީދެއް ހޯދައި، ކުރިއަށް ދިއުމެވެ.
މި ފަހަރުގެ ވޯލްޑް ކަޕަށް މަަހަކަށް ވެފައި ވަނިކޮށް ފްރާންސްގެ ވޯލްޑް ކަޕް ޓީމުގައި، ޗެލްސީގެ މިޑްފީލްޑަރު އެންގޯލޯ ކާންޓޭ ނުހިމެނޭނެކަން ޔަގީންވީ އަނިޔާގެ މައްސަަލައާ ހެދި އެވެ. އޭރު އޮތްގޮތުން، ޔުވެންޓަސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ އަށް މި ފަހަރުގެ ވޯލްޑް ކަޕް ފަށަން ވާއިރަށް ފިޓްވެވޭނެ ކަމުގެ އުންމީދު އޮތެވެ. އެކަމަކު، ވޯލްޑް ކަޕް ފެށެން ދެ ހަފްތާއަށް ވެފައިވަނިކޮށް، ޕޮގްބާ އަށް ދިމާވި އާ އަނިޔާގެ މައްސަލައާ ހެދި ވޯލްޑް ކަޕްގެ ފުރުސަތު ގެއްލުނީ އެވެ. ފްރާންސަށް 2018 ވަނަ އަހަރު ތަށި ހޯދައިދިން ޓީމުގެ ފުރަތަމަ އެގާރައިގައި ކުޅުނު ދެ މިޑްފީލްޑަރު މި ފަަހަރު ނުފެންނާނެކަން ޔަގީންވީ އެވެ.
އޭގެ ފަހުން، ފްރާންސްގެ ދެ ވަނަ ކީޕަރު، އޭސީ މިލާންގެ މައިކް މައިންގްނޯން އަށް ވެސް ނުކުޅެވޭނެކަން ޔަގީންވިއިރު، ޕީއެސްޖީގެ ޑިފެންޑަރު ޕްރެސްނެލް ކިމްޕެމްބޭ އަށް ވެސް މުބާރާތް ގެއްލުނީ އެވެ.
ވޯލްޑް ކަޕް ސްކޮޑުގައި ހިމެނި ފަހުން، ފްރާންސްގެ ޓީމުން އަނިޔާއާ ހެދި ބާކީކުރަން ޖެހުނީ ރަނގަޅު ފޯމެއްގައި ހުރި ދެ އެޓޭކަރުންނެވެ. އެއީ އާރްބީ ލައިޕްޒިގުގައި މިދިޔަ ދެ ސީޒަނުގައި ވެސް ތަފާތު ދައްކަމުން އައި ވިންގް، ކްރިސްޓޮފާ އެންކުންކޫ އާއި ދާދި ފަހުން ބެލޮންޑިއޯ އެވޯޑް ހޯދި، ރެއާލް މެޑްރިޑްގެ ފޯވާޑް، ކަރީމް ބެންޒެމާ އެވެ.
ޗެމްޕިއަނުންގެ ބަދުނަސީބުގެ ދަށް ރެކޯޑަށް ނިމުމެއް ގެންނަން ފްރާންސް އިން ކުރާ މަސައްކަތަށް އޮތް ކަންބޮޑުވުމަކީ އަނިޔާގެ ސަބަބުން ޓީމަށް ދިމާވެފައިވާ ހާލަތެވެ. އެ ހާލަތުގެ ޕްރެޝަރުން އަރައިގަތުމަކީ ފްރާންސަށް ތަށި ދިފާއުކުރަން އޮތް ޗެލެންޖެވެ. ވޯލްޑް ކަޕެއްގެ ތަށި ދިފާއުކުރެވުނު ހަމައެކަނި ދެ ގައުމަކީ ބްރެޒިލާއި އިޓަލީ އެވެ.

ފްރާންސްގެ ކޯޗު ޑެޝޯމްޕްސް ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ވާހަކަ ދައްކަނީ.
ފްރާންސަށް ޕްރެޝަރެއް ނެތް: ޑެޝޯމްޕްސް
އެންމެ ފަހުގެ ޗެމްޕިއަނުންގެ ގޮތުގައި ނުކުންނާތީ އާއި އަނިޔާގެ މައްސަލަތަކާ ހެދި ފްރާންސް އޮތީ ޕްރެޝަރުގައި ކަމަށް ފުޓްބޯޅަ ދިރާސާކުރާ ގިނަ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. އެކަމަކު، އެ ކަމަށް އެއްބަސްނުވާނެ ކަމަށް ޑެޝޯމްޕްސް ވަނީ ބުނެފަ އެވެ.
"ތި ބުނާ ކަންތައްތައް އޮވެގެން ވަކި ހާއްސަ ޕްރެޝަރެއް އޮތް ކަމަށް ނުދެކެން. އަހަރެމެން މި ތިބީ މި ވަގުތު އޮތް ސްކޮޑާ މެދު ވެސް އިތުބާރާ އެކު. އަހަރެމެން ހާސްވެގެން ތެޅިފޮޅިގަނެގެން އުޅޭ ވަރެއް ނުވޭ. އަހަރެމެންނަށް ހަމަޖެހިލައިގެން ކުޅެވިދާނެކަން އެނގޭ،" ޑެޝޯމްޕްސް ބުންޏެވެ.
ފްރާންސް އިން މި ފަހަރުގެ ވޯލްޑް ކަޕް ސްކޮޑު އިއުލާނުކޮށްފައި އެންކުންކޫގެ ބަދަލުގައި ޖަރުމަނުގެ އައިންޓްރަކްޓް ފްރޭންކްފާޓަށް ކުޅެމުންދާ ފޯވަޑް ރަންޑަލް ކޯލޯ މުއާނީ ވަނީ ހިމަނައިފަ އެވެ. އެކަމަކު، ބެންޒެމާގެ އަނިޔާގެ ބަދަލުގައި ފްރާންސް އިން ނިންމީ އިތުރު ކުޅުންތެރިއަކު ނުނަގާށެވެ.
މި ފަހަރުގެ މުބާރާތުގައި ފްރާންސަށް ދިމާވާނެ އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރަނީ ތަޖުރިބާ މަދު މިޑްފީލްޑަރުންތަކެއް ލައިގެން ކުޅެން ޖެހުމެވެ. ފްރާންސް ޓީމުން 2018 ވަަނަ އަހަރު ތަށި ހޯދިިއިރު، ޓީމުގައި ލީޑަރުން ގިނައިން ތިބުމަކީ ޑެޝޯމްޕްްސް އަށް އެ ފަަހަރު އޮތް އެޑްވާންޓޭޖެއް ކަމަށް އޭނާ ވެސް ވަނީ ބުނެފަ އެވެ.
ޓީމުގައި މި ފަހަރު ތިބި ލީޑަރުންގެ އަދަދު މަދުތޯ އެހުމުން ޑެޝޯމްޕްސް ދިނީ ތަފާތު ޖަވާބެކެވެ.
"ލީޑަރުން މަދުހެން ތި މީހުންނަށް (ނޫސްވެރިންނަށް) ހީވޭތަ؟ ފުޓްބޯޅަ ޓީމެއްގައި އަބަދުވެސް ތިބޭނެ ސީނިއާ ކުޅުންތެރިން، ކުރިން ތިބި ސީނިއާ ކުޅުންތެރިން ދިއުމަކީ، ދެން ތިބި ސީނިއާ ކުޅުންތެރިން ލީޑަޝިޕް ދައްކަން ޖެހޭ ވަގުތު، ލީޑަޝިޕަކީ ހަމައެކަނި އެހެން އޮންނަ ބަސްތަކެއް ނޫން،" ޑެޝޯމްޕްސް ބުންޏެވެ.
ޑެޝޯމްޕްސް ބުނީ ފްރާންސް އިން ޗެމްޕިއަންކަން ހޯދި ޓީމުގައި އެމްބާޕޭ އަކީ ޒުވާން ކުޅުންތެރިއެއް ކަމަށާއި މި ފަހަރުގެ މުބާރާތުގައި ޓީމު އެޓޭކް ލީޑުކުރުމުގައި ލީޑަޝިޕް ދައްކަން ޖެހޭނެ ކުޅުންތެރިއަކީ އެއީ ކަމަށެވެ.
މި ފަހަރުގެ ވޯލްޑް ކަޕަކީ ފްރާންސާ އެކު ޑެޝޯމްޕްސްގެ ފަހު މުބާާރާތަށް ވުމުގެ ފުރުސަތު ބޮޑެވެ. ވޯލްޑް ކަޕަށް ފަހު ފްރާންސްގެ ކޯޗުކަމާ ހަވާލުވާނީ ކުރީގެ ކުޅުންތެރިޔާ، ޒިނެދިން ޒިދާން ކަމަށް ފްރާންސްގެ ނޫސްތަކުން އަންނަނީ ރިޕޯޓްކުރަމުންނެވެ.
މިދިޔަ އަހަރު ރަޝިއާގައި ބޭއްވި ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ވެސް ފްރާންސް ފެށީ އޮސްޓްރޭލިއާ އަތުން 2-1 އިން މޮޅެއް ހޯދައިގެންނެވެ. މި ފަހަރުގެ ވޯލްޑް ކަޕްގައި ވެސް ފްރާންސް ފުރަތަމަ މެޗުގައި ކުޅޭނީ އޮސްޓްރޭލިއާއާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ މިރޭ 00:00 ޖަހާއިރު އެވެ.












