ދޯހާ (ނޮވެމްބަރު 21) - ފީފާ ވޯލްޑް ކަޕްގައި ކުޅުމުގެ ފުރުސަތު ސެނެގާލްގެ ތަރި، ސަޑިއޯ މާނޭ އަަށް ގެއްލުނު ނަމަވެސް، މުބާރާތުގެ ފުރަތަމަ މެޗުގައި މިރޭ ނެދަލޭންޑްސްއާ ދެކޮޅަށް ނުކުންނައިރު މާނޭ ނެތްތަން ފޫބައްދަން ޒުވާން ކުޅުންތެރިންނަށް އިތުބާރު ކުރާނެ ކަމަށް ސެނެގާލްގެ ކޯޗު އަލިއޫ ސީސޭ ބުނެފި އެވެ.
ސެނެގާލްގެ ގައުމީ ޓީމަށް 92 މެޗުން 33 ލަނޑު ޖަހާފައިވާ މާނޭ ،30، އަށް އަނިޔާވީ ވޯލްޑް ކަޕް ފެށެން ގާތްވެފައި ވަނިކޮށެވެ.
ވޯލްޑް ކަޕްގައި މާނޭ ހިމެނުނު ނަމަވެސް، ސެނެގާލް އިން އުންމީދުކުރި ގޮތާ ހިލާފަށް މާނޭ، އޮޮޕަރޭޝަނެއް ކުރަން ޖެހޭކަން ޔަގީންވުމުން، އޭނާ އަށް ވޯލްޑް ކަޕްގައި ކުޅުމުގެ ފުރުސަތު ގެއްލުނެވެ.
ވޯލްޑް ކަޕްގެ ގުރޫޕް އޭގައި މިރޭ ނެދަލޭންޑްސްއާ ދެކޮޅަށް ނުކުންނައިރު، މާނޭ ނެތުމަކީ ވަރަށް ބޮޑު ދެރައެއް ކަމަށް ސީސޭ ބުންޏެވެ. އެކަމަކު، ޒުވާން ކުޅުންތެރިންނާ އެކު، ސެނެގާލް އަށް މާނޭ ނެތްތަން ފޫބެއްދޭނެ ކަމަށެވެ.
"މާނޭ ނެތުމަކީ ސެނެގާލް އަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއްކަން ޔަގީން. މާނޭ އަކީ ވަރަށް މުހިންމު ކުޅުންތެރިއެއް މި ޓީމަށް،" ދެކުނު ކޮރެއާ އާއި ޖަޕާންގައި ހޯސްޓްކުރި، 2002 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ސެނެގާލް ޓީމުގެ ކެޕްޓަންކަންކުރި ސީސޭ ބުންޏެވެ.
"އެކަމަކު، މި ޓީމުގައި އެބަތިބި ތަޖުރިބާކާރު ކުޅުންތެރިންތަކަކާއެކު ވަރަށް ޒުވާން ކުޅުންތެރިންތަކެއް. މިއީ އެ ކުޅުންތެރިން ފެންވަރު ދައްކަންވީ ވަގުތު. މީގެ ކުރިން ވެސް މާނޭ ނުލައި މެޗުތައް ކުޅެފައިވާނީ."
ސީސޭ ބުނީ ސެނެގާލްގެ ޓީމުގައި "ވަރަށް ހުނަރުވެރި" ޒުވާން ކުޅުންތެރިންތަކެއް ހިމެނޭ ކަމަށެވެ.
އެފްރިކާގެ ޗެމްޕިއަންގެ ގޮތުގައި މި ފަހަރުގެ ވޯލްޑް ކަޕާ ކުރިމަތިލެވުމަކީ ވެސް ސީސޭ އަށް އުފަލެކެވެ. އަދި ސެނެގާލް ޓީމުގައި ޔޫރަޕްގެ މަތީ ފަންތީގެ ލީގުތަކުގައި މިހާރު ކުރިއަށްދާ ސީޒަނުގައި ވެސް މޮޅަށް ކުޅެމުން އައި ކުޅުންތެރިން ތިބުމުން ސީސޭ އަށް ވަނީ އިތުބާރު ބޮޑުވެފަ އެވެ.
ސެނެގާލް އާއި ނެދަލޭންޑްސް ބައްދަލުކުރާ މެޗު ފަށާނީ މިރޭ 21:0-ގަ އެވެ.












