މެޑްރިޑް (ނޮވެމްބަރު 19) - ވޯލްޑް ކަޕްގެ ތައްޔާރީތަކުގެ ތެރެއިން ސްޕެއިނަށް ކުޅޭ ވެލެންސިއާގެ ކެޕްޓަން، ހޯސޭ ގާޔާ އަށް އަނިޔާވެ، އޭނާގެ ބަދަލުގައި ބާސެލޯނާގެ ޒުވާން ފުލްބެކް، އަލެހަންދްރޯ ބާލްޑޭ ޓީމުގައި ހިމަނައިފި އެވެ.
މިދިޔަ ބުދަ ދުވަހު ކުރިއަށްގެންދިޔަ ސްޕެއިންގެ ފަރިތަކުރުންތަކުގެ ތެރެއިން ގާޔާގެ ކުޑަހުޅަށް ލިބުނު އަނިޔާގެ ސަބަބުން އޭނާ އެއްކޮށް ފިޓްވާން 10 ވަރަކަށް ދުވަސްނަގާނެ ކަމަށް ސްޕެއިންގެ މެޑިކަލް ޓީމުން ވަނީ ކޯޗު، ލުއިސް އެންރީކޭ އަށް ލަފާދީފަ އެވެ.
ދިހަ ދުވަހަށް ގާޔާ ކުޅުމާ ދުރަށް ގޮސްފިނަމަ، މާދަމާ ފަށާ ފީފާ ވޯލްޑް ކަޕްގައި ސްޕެއިން ކުޅޭ ގްރޫޕް ސްޓޭޖުގެ ފުރަތަމަ ދެ މެޗު، އޭނާ އަށް ގެއްލޭނެ އެވެ. އެއީ ކޮސްޓަ ރިކާ އާއި ޖަރުމަނު މެޗެވެ. އެ ދެ މެޗު ގާޔާ އަށް ގެއްލޭނެކަން އެނގުމުން، އެންރީކޭ ނިންމީ ގާޔާގެ ބަދަލުގައި ބާލްޑޭ ނެގުމަށެވެ.

ސްޕެނިޝް ލީގުގެ މެޗެއްގެ ތެރެއިން ވެލެންސިއާގެ ގާޔާ (ކ) ކައިރިން ބާސެލޯނާގެ ބާލްޑޭ ބޯޅަ ހިފައިގެންދަނީ.
ސްޕެއިން ޓިމަށް ނެގި ބާލްޑޭ، 19، މީގެ ކުރިން ސީނިއާ ޓީމަށް އެއްވެސް މެޗެއް ކުޅެފައިނުވެ އެވެ. އޭނާ ސްޕެއިނަށް ކުޅެފައިވަނީ 21 އަހަރުން ދަށުގެ ޓީމާއި އޭގެ ދަށް އުމުރުފުރާތަކުގެ ޓީމުތަކަށެވެ.
ބާސެލޯނާ ޓީމުން ބާލްޑޭ އަށް ފުރުސަތު ދިނީ މިދިޔަ އަހަރު ރޮނާލްޑް ކޫމަން އެވެ. އޭގެ ފަހުން، ޒަވީ ހެނާންޑޭޒް ބާސެލޯނާއާ ހަވާލުވިއިރު، އޭނާ ވެސް ގިނަ މެޗުތަކުގައި ބާލްޑޭ އަށް ފުރުސަތު ދެނީ އެއް ފެންވަރެއްގައި އޭނާ ދައްކާ ރަނގަޅު ކުޅުމުގެ ސަބަބުންނެވެ. މި ސީޒަނުގެ މިހާތަނަށް 16 މެޗެއްގައި ބާލްޑޭ ވަނީ ކުޅެފަ އެވެ.
ސްޕެއިން ޓީމުގެ ސްކޮޑުގައި މި ވަގުތު ވާތު ބެކްގެ މަގާމަށް ބޭނުންކުރެވޭ ގޮތަށް ތިބީ ތިން ކުޅުންތެރިންނެވެ. އެއީ ޖޯޑީ އަލްބާ އާއި ބާލްޑޭގެ އިތުރުން އައިމެެރިކް ލަޕޯޓް އެވެ. ސްޕެއިނުން އެންމެ ފަހުން ޖޯޑަން އަތުން 3-1 އިން މޮޅުވި މެޗުގައި ލަޕޯޓް ވަނީ ގަޑިއިރެއްހާއިރު، އެ މަގާމަށް ކުޅެފަ އެވެ.












