މާލޭ ރާޅުގަނޑު ސަރަަހައްދުގައި މިހާރު ކުރިއަށްދާ ގައުމީ ސާފިން ލީގުގެ ފަހު މުބާރާތް، "ރަންނަމާރި ޗެލެންޖް"ގެ ޓީމު އިވެންޓް ކަމަށްވާ "މަރުހަބާ ކަޕް"ގެ ޗެމްޕިއަންކަން، ގދ. ގައްދޫ ބަލިކުރުމަށް ފަހު ރ. ރަސްމާދޫ އިން ހޯދައިފި އެވެ.
ޖުމްލަ ހަ ރަށަކުން ވާދަކުރި ޓީމު އިވެންޓްގެ ޗެމްޕިއަންކަން، ރަސްމާދޫ އިން ހޯދީ އިއްޔެ ހަވީރު ކުރިއަށްދިޔަ ފައިނަލް ހީޓުގައި ގައްދޫ އަތުން ކުރިހޯދައިގެންނެވެ. ރަސްމާދޫ ޓީމުން 21.17 ޕޮއިންޓް ސްކޯ ކުރިއިރު، ގައްދޫ ޓީމަށް ހޯދުނީ 17.23 ޕޮއިންޓެވެ.
ރަސްމާދޫ ޓީމަށް އެންމެ ބޮޑު ތަފާތެއް ގެނެސްދިނީ 8.17 ޕޮއިންޓް ހޯދި ހުސެއިން އަރީފް (އިބޫ) އެވެ. އެ ޓީމުގެ އަބްދުﷲ އަރީފް (ފުކޫ) ވަނީ 7.83 ޕޮއިންޓް ސްކޯ ކޮށްފަ އެވެ. އަދި އިބްރާހިމް އަރީފް، 3.30 ޕޮއިންޓް ހޯދިއިރު، ދެން އެ ޓީމުގައި ހިމެނޭ މުހައްމަދު އާރިފް (ރިފޭ) ވަނީ 1.87 ޕޮއިންޓް ހޯދައިފަ އެވެ.

މި ފަހަރުގެ ރަންނަމާރި ޗެލެންޖްގެ ތެރެއިން އިބޫ: އޭނާ އަންނަނީ ކޮންމެ ހީޓެއްގައި ވެސް ތަޖުރިބާގެ ބޭނުންކޮށް، ތަފާތު ދައްކަމުން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ގައްދޫ އަށް ބަލާއިރު، އެންމެ ރަނގަޅު ސްކޯއެއް ކުރީ ހޫދު އަހުމަދު (ހޫބްޒް) އެވެ. އޭނާ ވަނީ 4.93 ޕޮއިންޓް ސްކޯކޮށްފަ އެވެ. ދެން އެ ޓީމުގައި ހިމެނޭ އިސްމާއިލް ރަޝީދު (ސްމައިލީ) 4.17 ޕޮއިންޓް ހޯދިއިރު، ނަޖާހު މުހައްމަދު (ކަބޯ) އަށް ލިބިފައިވަނީ 4.00 ޕޮއިންޓެވެ. ދެން، އެ ޓީމުގައި ހިމެނޭ ޖައިލަމް ނިޒާރު (ޖައި) އަށް ހޯދުނީ 4.13 ޕޮއިންޓެވެ.
މުބާރާތުގެ ތިން ވަނަ ހޯދީ މާލެ އެވެ. މިދިޔަ އަހަރު ޗެމްޕިއަންކަން ލިބުނު މާލެ ކެޓީ ގައްދޫ އަތުން ބަލިވެގެންނެވެ. މާލޭ ޓީމުގައި ހިމެނެނީ މުހައްމަދު ފަޔާޒް، މުހައްމަދު އިރުޝާދު، އަހުމަދު އަރްޒަން އަދި ޔޫސުފް ކަޔާން އެވެ.
މިދިިޔަ އަހަރު ގައުމީ ސާފިން މުބާރާތު (ރަންނަމާރި ޗެލެންޖް)ގައި 14 ރަށަކަށް ނިސްބަތްވާ ޓީމުތަކަކުން ވާދަކުރި އެވެ. އެއީ އެއް ސާފަރަކަށް ވުރެ ގިނައިން އެއް ރަށަކުން ބައިވެރިވާނަމަ އެއީ ޓީމެއް ގޮތަށް ގުނަން އެމްއެސްއޭ ނިންމާފައިވުމުން، ރަށްރަށުން ބައިވެރިވި ޓީމުތަކުގެ އަދަދެވެ. އެކަމަކު، މި ފަހަރު ރަސްމީކޮށް ޓީމު އިވެންޓް ރަނގަޅު އުސޫލެއްގެ ތެރެއިން ފަށަން، އެމްއެސްއޭ އިން ނިންމީ "މަރުހަބާ ކަޕް" ގެ ނަމުންނެވެ.
މަރުހަބާ ކަޕަކީ ގައުމީ ސާފިން ލީގުގެ ފަހު މުބާރާތް ކަމަށްވާ ރަންނަމާރި ޗެލެންޖުގެ ޓީމު އިވެންޓުގައި މިފަހަރު އާ ފޯމެޓަކަށް ކުރިއަށްގެންދަން ނިންމި ބައެކެވެ. މިގޮތުން ހަތަރު ސާފަރުން ހިމެނޭ ގޮތަށް ރަށްރަށަށް ނިސްބަތްވާ ޓީމްތަކުން ވަނީ ވާދަކޮށްފަ އެވެ. ކޮންމެ ހީޓަކުން ވެސް މޮޅުވަނީ އެ ޓީމެއްގެ ހަތަރު ސާފަރުން ވެސް އެންމެ މަތިން ހޯދާ ރާޅުތަކުގެ ސްކޯތަކަށް ބެލުމަށް ފަހު ޖުމްލަ ސްކޯ އަކުންނެވެ.












