އަނިޔާއިން އަރައިގަނެ ތަފާތު ރޫހެއްގައި ފެނުނު ރޫޔާ އަހަރު ނިންމާލީ އުހުގައި

ގައުމީ ގްރޯން ޕްރީގެ އެންމެ މޮޅު އަންހެން އެތުލީޓުގެ މަގާމު ހޯދި ރޫޔާ: މިއީ ރޫޔާގެ ކެރިއަރުގައި މުހިންމު ތަޖުރިބާތަކެއް ކުރި އަހަރެއް.-- އަދަދު ގްރެފިކްސް: މުހައްމަދު އިސާމް ސާމިރު

ގައުމީ ގްރޯން ޕްރީގެ އެންމެ މޮޅު އަންހެން އެތުލީޓުގެ މަގާމު ހޯދި ރޫޔާ: މިއީ ރޫޔާގެ ކެރިއަރުގައި މުހިންމު ތަޖުރިބާތަކެއް ކުރި އަހަރެއް.-- އަދަދު ގްރެފިކްސް: މުހައްމަދު އިސާމް ސާމިރު

ރާއްޖޭގެ އެތުލެޓިކްސްގެ އުހަށް ދިއުމުގެ ބިންގާ ގިނަ އެތުލީޓުން އަޅަނީ އިންޓަ ސްކޫލް މުބާރާތުން ފަށައިގެންނެވެ. ރާއްޖޭގެ އެތުލެޓިކްސްގެ ތާރީހަށް ބެލިޔަސް އެކަން އޮތީ ސާފުކޮށް ފެންނާށެވެ. ދާދި ފަހުން ނިމިގެންދިޔަ ހަތަރު ވަނަ ގައުމީ ގްރޯން ޕްރީގެ އެއް ވަަނަ އަންހެން އެތުލީޓުގެ މަގާމު ހޯދި ރާއްޖޭގެ ސްޕްރިންޓަރު، މަރިޔަމް ރޫޔާ އަލީ، ފެށުން ވެސް އޮތީ އިންޓަ ސްކޫލާ ގުޅިފަ އެވެ.

ރޫޔާ، އެންމެ ފުރަތަމަ ރޭހަކަށް ނުކުތީ 2013 ވަނަ އަހަރު އެވެ. ޖަމާލުއްދީން ސްކޫލްގައި އޭރު ކިޔަަވަމުން އައި ރޫޔާ، އެތުލެޓިކްސް އަށް ހިތްޖެހި ދުވަން ފެށިއިރު، އުމުރަކީ އެންމެ އަށް އަހަރެވެ.

ކޮންމެ އެތުލީޓަކު ވެސް އިންޓަ ސްކޫލް ލެވަލުން ފެށިގެން ގިނަ ޓްރެއިނިންތަކެއް ހަދައި، މަޑުމަޑުން ކުރިއަށް ދިއުމުގެ މިސްރާބު ޖަހަނީ ދަސްވާ އެއްޗެއްގެ ބޭނުންވީ އެންމެ ފުރިހަމަ އަށް ހިފައިގެންނެވެ. ރޫޔާ ވެސް ކުރިއަށްދިޔައީ އެ ގޮތަށެވެ. ޓްރެކަށް ނުކުތް ފުރަތަމަ ދުވަހުން ފެށިގެން ވެސް އޭނާ ސަމާލުކަން ބެހެއްޓީ އަމިއްލަ ނަފްސު ކުރިއަރުވަން، ކޯޗުން ކިޔައިދޭ ކަންކަން ކަނުލާ އަޑުއެހުމަށެވެ.

މިދިޔަ އަހަރުގެ ގްރޯން ޕްރީގައި ކުޑަހުސެއިން އެކެޑަމީގެ ފަރާތުން ރޫޔާ ރޭހެއްގައި ދުވަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

ކުޑަހުސެއިން އެކެޑަމީގައި ތަމްރީން ވަމުން އައި ރޫޔާއާ މެދު ގިނަ ބަޔެއްގެ އުންމީދުތައް ދިޔައީ މަތިވަމުންނެވެ.

އެތުލީޓަކު، އެންމެ ބޮޑަށް އިންތިޒާރުކުރާ ދުވަހަކީ ބައިނަލްއަގުވާމީ ލެވަލްގައި ގައުމު ތަމްސީލް ކުރަން ލިބޭނެ ފުރުސަތަކަށެވެ. ރޫޔާ، 17، އަށް އެ ފުރުސަތު ފުރަތަމަ ފަހަރަށް ލިބުނީ ވެސް އެންމެ މަތީ ފަންތީގެ މުބާރާތެއްގަ އެވެ.

މިދިޔަ ޖުލައި/އޮގަސްޓް މަހު އިނގިރޭސިވިލާތުގެ ބާމިންހަމްގައި ކުރިއަށްދިޔަ ކޮމަންވެލްތު ގޭމްސް އަކީ ރޫޔާ، ގައުމީ އެތުލެޓިކްސް ޓީމުގައި ހިމެނިގެން ވާދަކުރި ފުރަަތަމަ އިންޓަނޭޝަނަލް މުބާރާތެވެ.

އެކަމަކު، އަލަތު އިންޓަނޭޝަނަލް މުބާރާތުގައި ކަންތައްތައް ދިޔައީ ރޫޔާ ބޭނުންވި ގޮތަކަށް ނޫނެވެ. ކޮމަންވެލްތު ގޭމްސްގެ ސަތޭކަ މީޓަރު ދުވުމުގެ ހީޓުގެ ފަހު 20 މީޓަރު، ދުވުމުގެ ތެރެއިން ރޫޔާގެ ފަލަމަސްގަނޑަށް އަނިޔާވެ، ހާސިލްކުރަން ބޭނުންވި ޓާގެޓަށް ވެސް ނުދެވުނީ އެވެ.

"(ކޮމަންވެލްތު ގޭމްސްގެ ހީޓުގައި ދުވިއިރު) ފަލަމަސްގަނޑަށް ލިބުނު އަނިޔާއާ ހެދި އަމިއްލަ ނަފްސަށް ކަނޑައެޅި ޓާގެޓާ ހަމައަށް ވެސް ނުދެވުނު. އޭގެ ފަހުން، މުޅިން ވެސް ދިޔައީ ރިކަވަރީ،" ބައިނަލްއަގުވާމީ ޓްރެކެއްގައި ފުރަތަމަ ކުރަންޖެހުނު ތަޖުރިބާ އަށް އިޝާރާތްކޮށް، ރޫޔާ، "އަދަދު" އަށް ބުންޏެވެ.

ކޮމަންވެލްތު ގޭމްސްގެ 100 މީޓަރު ދުވުމުގެ ހީޓުގައި ރޫޔާ އަނިޔާވެގެން އިށީނދެލައިގެން.

ކޮމަންވެލްތު ގޭމްސްގެ އަނިޔާއާ ހެދި އޮގަސްޓް މަހު ތުރުކީގައި ކުރިއަށްދިޔަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރޫޔާ އަށް ބައިވެރިނުވެވުނެވެ. އޭގެ ފަހުން، މާލޭގައި ކުރިއަށްދިޔަ، އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕާއި ގައުމީ އެތުލެޓިކްސް މުބާރާތުގައި ވެސް، ރަނގަޅަށް ފިޓްނުވުމާއި، ޓްރެއިނިން ވެސް ނުހެދޭތީ ރޫޔާ އަށް އިވެންޓްތަކުގައި ބޭނުންވާ ގޮތަށް ވާދަނުކުރެވުނެވެ.

ރޫޔާ، ޓްރެއިނިން ފެށީ މިދިޔަ މަހު ކުވޭތުގައި ބޭއްވި 18 އަހަރުން ދަށުގެ އޭޝިއާ ޔޫތު މުބާރާތާ ދިމާކޮށެވެ. އެ މުބާރާތުގައި ރޫޔާ ވަނީ ރާއްޖޭގެ އަންހެނުންގެ 100 މީޓަރު ދުވުމުން ޔޫތު ރެކޯޑް މުގުރާލައިފަ އެވެ. އެއީ ކުރިން ވެސް އޭނާ އަތުގައި އޮތް ރެކޯޑެކެވެ.

"އަންފިޓްކޮށް އޭރު ވެސް ހުރީ (އޭޝިއާގެ ޔޫތު މުބާރާތުގައި)އެކަމަކު، ފައިނަލުގައި ދުވެ، ޔޫތު ރެކޯޑް ވެސް އާ ކުރެވުނީމަ ވަރަށް ބޮޑަށް ހިތްހަމަޖެހުނު،" ހަމަޖެހުމުގެ ނޭވައެއް ލެވުނު ހިސާބަށް އިޝާރާތްކޮށް ރޫޔާ ބުންޏެވެ.

އޭޝިއާގެ ޔޫތު މުބާރާތަށް ފަހު، ރޫޔާ ދެން ކުރިމަތިލީ ގދ. ތިނަދޫގައި މިދިޔަ މަހު ބޭއްވި މަކިޓާ ޖޫނިއާ ޗެމްޕިއަންޝިޕާ އެވެ. އެ މުބާރާތުގެ 19 އަހަރުން ދަށުގެ މޮޅު އަންހެން އެތުލީޓަކީ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލްގެ ފަރާތުން ވާދަކުރި ރޫޔާ އެވެ. ރޫޔާ ވަނީ އެ މުބާރާތުގައި 100 މީޓަރާއި 200 މީޓަރު އަދި ލޯންގް ޖަމްޕުން ރަން މެޑަލް ހޯދައިފަ އެވެ.

ކޮމަންވެލްތު ގޭމްސްގައި އެ ލިބުނު އަނިޔާގައި ހޭދަކުރި އުނދަގޫ ތިން މަހެއްހާ ދުވަހަށް ފަހު، ކުވޭތުގައި ބޭއްވި ޔޫތު އޭޝިއަން ގޭމްސް އާއި ތިނަދޫގައި ކުރިއަށްދިޔަ މަކިޓާ ޖޫނިއާ ޗެމްޕިއަންޝިޕުން ރޫޔާ އަށް ލިބުނު އިތުބާރާ އެކު އޭނާ ނުކުތީ މިދިޔަ ހަފްތާ ބަންދުގައި ހުޅުމާލޭ ސިންތެޓިކް ޓްރެކުގައި އޮތް ގްރޯން ޕްރީ އަށެވެ.

ގްރޯން ޕްރީގެ މޮޅު އެތުލީޓުގެ މަގާމު ރޫޔާ އަށް ލިބުނީ މިދިޔަ އަހަރުގެ އެ މުބާރާތުގެ އެންމެ މޮޅު އެތުލީޓަކަށް ހޮވުނު ޖާއިޝާ ޖުނީޒް ފަހަތަށް ޖައްސާލައިފަ އެވެ.

ގްރޯން ޕްރީގެ ލޯންގް ޖަމްޕް އިވެންޓްގައި ރޫޔާ ފުއްމަނީ: އޭނާ ވަނީ މި އިވެންޓްގައި ގައުމީ ރެކޯޑް މުގުރާލާފައި.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ގްރޯން ޕްރީގެ އެއް ވަނަ އެތުލީޓުގެ މަގާމު ރޫޔާ ހޯދީ އަންހެނުންގެ 100 މީޓަރު ދުވުމާއި ލޯންގް ޖަމްޕުން ރަން މެޑަލް ހޯދުމުގެ އިތުރުން، ލޯންގް ޖަމްޕް އިވެންޓުން ގައުމީ ރެކޯޑް މުގުރާލާފައިވާތީ އެވެ. ރޫޔާ، ލޯންގް ޖަމްޕުން ގައުމީ ރެކޯޑް މުގުރާލީ، 5.19 މީޓަރު ދުރަށް ފުންމައިގެންނެވެ. މީގެ ކުރިން އެ ރެކޯޑް އޮތީ، 2019 ވަނަ އަހަރު، 4.99 މީޓަރު ދުރަށް ފުއްމައިގެން ރެކޯޑް ހެދި ނޫރާ އަބްދުލް ހަމީދު އަތުގަ އެވެ.

ރޫޔާ ބުނީ ގްރޯން ޕްރީގައި ހަަމައެކަނި ދެ އިވެންޓްގައި އޭނާ ވާދަކުރާތީ މޮޅު އެތުލީޓުގެ މަގާމު ލިބިދާނެކަން "ހިތަށް ވެސް ނާރާ" ކަމަށެވެ.

"އެއީ ކުރިންނެއް އެއްވެސް ވަރަކަށް ލޯންގް ޖަމްޕް ޓްރެއިނިންއެއް ނުހަދަން. އެހެންވެ، އެ އިވެންޓް (ލޯންގް ޖަމްޕް)ގައި ވާދަކޮށް ގައުމީ ރެކޯޑް ހަދައި އެންމެ މޮޅު އެތުލީޓަކަށް ހޮވުމަކީ އެއްވެސް ވަރަކަށް އުންމީދު ނުކޮށް ހުއްޓައި ލިބުނު ކާމިޔާބެއް. އެކަމަކު، މިއީ ކެރިއަރުގައި މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ،" ރޫޔާ، ބުންޏެވެ.

ގައުމީ އެތުލެޓިކްސް ޓީމުގެ ސްްޕްރިންޓް ޕޫލާ އެކު މިހާރު ޓްރެއިނިން ހަދަމުން އަންނަ ރޫޔާ ބުނީ މިހާރު އޭނާ މަސައްކަތް ކުރަމުން އަންނަނީ "ބަލިފައިތަކަށް" އިސްކަންދީގެން ކަމަށެވެ. އަދި ސްޕްރިންޓް ޕޫލާ އެކު ޓްރެއިނިން ހަދަން ފެށިތާ މިވީ މުއްދަތުގެ ތެރޭގައި ވެސް އޭނާ އަށް ގިނަ ކަންތައްތަކެއް ދަސްވެފައިވާ ކަމަށް ރޫޔާ ވަނީ ބުނެފަ އެވެ.

އިންޝާﷲ ބޭނުންވަނީ ރާއްޖެ އަށް މެޑަލް ގެނެސްދޭ ރިލޭ ޓީމުގައި ހިމެނެން: ރޫޔާ

ކޯޗުންނާ ގުޅިގެން، ރޫޔާ ރަނގަޅުކުރަން ހުރި ކަންކަމަށް ފޯކަސް ކޮށްގެން މަސައްކަތް ކުރާއިރު، އޭނާ އަށް ދެނެގަނެވިފައި އޮތީ "މޮބިލިޓީ އާއި ސްޓްރެންތު" އަކީ އެންމެ ބޮޑަށް ރަނގަޅުކުރަން ބަލަން ޖެހޭ ބައިތައް ކަމަށެވެ.

"އެކަންކަން މި ކުރަނީ މިހާރު ކޯޗުންގެ އެހީތެރިކަމާ އެކު. އުންމީދަކީ ކުރިއަށްދާއިރު، އަދިވެސް ރެކޯޑްތަކެއް އާކޮށް ރެކޯޑްތަކެއް މުގުރާލުން،" ރޫޔާ އުންމީދާ އެކު ހުރެ ބުންޏެވެ. "ވަރަށް ބޮޑަށް އުންމީދު އެބައޮތް އަންނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)އާ މެދުގައި ވެސް. އިންޝާﷲ ބޭނުންވަނީ ރާއްޖެ އަށް މެޑަލް ގެނެސްދޭ ރިލޭ ޓީމުގައި ހިމެނެން،"

ރޫޔާގެ ކުރު ކެރިއަރުގައި މިއީ އޭނާ އަށް ގިނަ ކަންތައްތަކެއް ތަޖުރިބާކުރަން ލިބުނު އަހަރެކެވެ. ބައިނަލްއަގުވާމީ ފުރަތަމަ ރޭހުން، އަނިޔާވެގެން ފައިބާން ޖެހުނު މާޔޫސްކަމުން އަރައިގަނެ، އެނބުރި އައިސް ދެ ވަނަ އަށް ދުވި ބައިނަލްއަގުވާމީ ރޭހުގައި ގައުމީ ރެކޯޑެއް އާ ކުރީ އެވެ. އޭގެ ފަހުން، ދެ މުބާރާތެއްގައި މޮޅު އެތުލީޓުގެ މަގާމު ހޯދިއިރު ވެސް ރެކޯޑް ހެދި އެވެ. އެއީ މަކިޓާ ޖޫނިއާ މުބާރާތުގެ 19 އަހަރުން ދަށުގެ އެންމެ މޮޅު އަންހެން އެތުލިޓުގެ މަގާމާއި ގްރޯން ޕްރީގެ އެންމެ މޮޅު އަންހެން އެތުލީޓުގެ ކާމިޔާބީގެ ތެރެއިންނެވެ. މިއީ ދުވުމުގެ ކެރިއަރުގައި ކާމިޔާބީގެ ހަރުފަތްތައް ގިރާކޮށް ކުރިއަށްދާން ރޫޔާ އަށް ކޮށުނު މަގެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox