މިދިޔަ އަހަރުގެ ގައުމީ ސާފިން މުބާރާތް، ރަންނަމާރި ޗެލެންޖްގައި އަންހެން އޯޕަން ޑިވިޝަން، ޝޯޓް ބޯޑް ކެޓަގަރީން ޗެމްޕިއަންކަން ހޯދައި، ތާރީހީ ކާމިޔާބީ ހޯދި، އާޔާ ނަސީމް މި ފަހަރު ވެސް އެ ކާމިޔާބީ ދިފާއުކޮށްފި އެވެ.
މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން ގައުމީ ސާފް ލީގުގައި އަންހެން އިވެންޓް އޮތް ހުރިހާ މުބާރާތެއްގައި އެއް ވަނަ ހޯދީ އާޔާ އެވެ. އެންމެ ފުރަތަމަ މިދިޔަ އަހަރުގެ ގައުމީ ސާފިން މުބާރާތް ގައި އާޔާ ވަނީ ފައިނަލުގައި ޝާޒިޔާ ސައީދު (ޝާޒު) ބަލިކޮށްފަ އެވެ.
އެ އަށް ފަހު މި އަހަރު އެމްއެސްއޭ އިން އާ ވިސްނުންތަކަކާ އެކު އަންހެން ކެޓަގަރީ ފަށައި، ސާފް ލީގުގެ ފުރަތަމަ އިވެންޓް ކަމުގައިވާ، ގދ. ގައްދޫގައި ބޭއްވުނު "ކަޅެގަލެކޮޑާ" ގައި އާޔާ ވަނީ އެއް ވަނަ ހޯދައިފަ އެވެ.
އެ އިވެންޓްގައި، އާޔާ ޗެމްޕިއަންކަން ހޯދީ އެ އިވެންޓްގައި ރަނގަޅު ވާދައެއްކުރި ރިޝްތާ ޝުޖާއު އާއި އާމިނަތު ޝައިޝާއާ ވާދަކޮށްގެންނެވެ. އަދި މިދިޔަ އޮކްޓޫބަރު މަހު ކ.ހިންމަފުށީގައި ބޭއްވި "ގާމާދޫކޮޅު" މުބާރާތުގައި އާޔާ ވަނީ ރިޝްތާ ބަލިކޮށްފަ އެވެ.

މި ފަހަރުގެ ރަންނަމާރި ޗެލެންޖްގައި އާޔާ ރާޅާ އަޅަނީ: އޭނާ އަކީ ރާއްޖޭގެ ސާފިންގެ އަންހެނުންގެ އެއް ވަނަކަން ވަނީ މި ފަހަރުގެ މުބާރާތުގައި ވެސް ސާބިތުކޮށްދީފައި.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
މިއަދު ކުރިއަށްދިޔަ މި ފަހަރުގެ ރަންނަމާރި ޗެލެންޖްގެ އަންހެނުންގެ ޝޯޓް ބޯޑް އިވެންޓްގެ އެއް ވަނަ އާޔާ ހޯދީ ފައިނަލްގައި ނަހާ ނަސްރުﷲ އާއި ރިޝްތާ ބަލިކޮށްފަ އެވެ. އާޔާ ވަނީ ޖުމްލަ އެކު، 8.00 ޕޮއިންޓް ސްކޯކޮށްފަ އެވެ. ދެ ވަނަ ހޯދި ނަހާ އަށް ސްކޯ ކުރެވުނީ 6.50 ޕޮއިންޓެވެ. އަދި ރިޝްތާގެ ސްކޯ އަކީ 2،0 ޕޮއިންޓެވެ.
އުމުރުން އެންމެ 15 އަަހަރުގައި ރާޅަށް ދާން ފެށި އާޔާ އަކީ މި ވަގުތު ރާއްޖޭގެ ސާފިންގެ ޗެމްޕިއަނެވެ. ރާއްޖޭގެ މުބާރާތްތަކުގައި އޭނާ ފަހަތަށް ޖައްސާލެވޭނެ ސާފަރަކު ނެތްއިރު، ލިބޭ ފުރުސަތުތަކުގައި އޭނާ އަންނަނީ ބައިނަލްއަގުވާމީ މުބާރާތްތަކުގައި ރާއްޖެ އަށް ވެސް ރީތި ނަން ހޯދައިދެމުންނެވެ. އެ ގޮތުން އޭނާ ވަނީ މި އަހަރު ކުރީކޮޅުގައި ސްރީ ލަންކާގައި ކުރިއަށް ދިޔަ "ރެޑްބުލް ރައިޑް މައި ވޭވް" ސާފިން މުބާރާތުގެ ސެމީ ފައިނަލުގައި ވާދަކޮށްފަ އެވެ.
މި މަހު 10 ވަނަ ދުވަހު ރާޅުގަނޑު ސަރަހައްދުގައި ފެށި ގައުމީ ސާފިން މުބާރާތުގައި ފޯރިގަދަކޮށް އިވެންޓްތައް ކުރިއަށްދާއިރު، މި ފަހަރުގެ މުބާރާތުގައި މުޅިން އަލަށް މަރުހަބާ ކަޕްގެ ނަމުގައި ޓީމް އިވެންޓް ވެސް ކުރިއަށްދެ އެވެ.












