ލަންޑަން (ނޮވެމްބަރު 17) - މި ފަހަރުގެ ވޯލްޑް ކަޕްގައި ވާދަކުރާ އިނގިރޭސި ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑަށް ބްރެންޓްފޯޑްގެ ފޯވާޑް އައިވަން ޓޯނީ ނުނެގީ އޭނާއާ ގުޅޭ މައްސަލައެއް އިނގިރޭސި އެފްއޭ އިން ބަލަމުން އަންނާތީކަން ހާމަވެއްޖެ އެވެ.
ޓޯނީ، 26، އާ ގުޅޭ ބެޓިން މައްސަލައެއް އިނގިރޭސި އެފްއޭ އިން ބަލަމުން އަންނަކަން ރޭ އެ އެސޯސިއޭޝަނުން ވަނީ ނެރުނު ބަޔާނެއްގައި ހާމަކޮށްފަ އެވެ. ބެޓް ކުރުމަށް ހަދާފައި އޮންނަ އުސޫލުތަކާ ހިލާފަށް ޓޯނީ ކަންކަން ކޮށްފައިވާ، ގިނަ މައްސަލަތަކެއް ފެންމަތިވެފައިވާއިރު، އެކަންކަން ހިނގާފައިވަނީ 23 ފެބްރުއަރީ 2017 އިން ފެށިގެން މިދިޔަ އަހަރުގެ ޖެނުއަރީ 23 ވަނަ ދުވަހާ ހަމައަށެވެ.
ޖަވާބުދާރީވާން ޓޯނީ އަށް އިނގިރޭސި އެފްއޭ އިން ދީފައިވާ މުއްދަތު އޮތީ މި މަހުގެ 24 ވަނަ ދުވަހާ ހަމައަށެވެ.

މިދިޔަ ސެޕްޓެމްބަރު މަހު އިންގްލެންޑް ގައުމީ ޓީމުން ނޭޝަންސް ލީގުގައި ކުޅުނު މެޗެއްގެ ވޯމްއަޕްގެ ތެރެއިން ޓޯނީ.
މި ފަަހަރު، އިނގިރޭސި ޕްރިމިއާ ލީގުގައި މިހާތަނަށް 10 ގޯލު ޖަހާފައިވާ، ޓޯނީ އަށް އިންގްލެންޑްގެ ވޯލްޑް ކަޕް ސްކޮޑުން ފުރުސަތު ނުދިން މައްސަލައިގައި އިންގްލެންޑްގެ ކޯޗު ގަރެތު ސައުތުގޭޓަށް ވެސް ފާޑުކިޔުން އަމާޒުވި އެވެ.
ސައުތުގޭޓް ވަނީ އިންގްލެންޑްގެ ސްކޮޑުގައި ނެތް ކުޅުންތެރިންގެ ވާހަކަ ދައްކަން ބޭނުންނުވާ ކަމަށާއި އަނިޔާ އާއި އެހެނިހެން ކަންތައްތަކާ ހެދި ޓީމަށް ނުނެގި ކުޅުންތެރިން ހިމެނޭ ކަމަށެވެ.
މައްސަލަ ބަލަމުން އަންނާތީ ޓޯނީ ވަނީ މި ކަމާ ބެހޭގޮތުން މީޑިއާގައި ވާހަކަ ދައްކަން ބޭނުންނުވާ ކަމަށާއި އިނގިރޭސި އެފްއޭ އިން ކުރާ ތަހުގީގަށް އެއްބާރުލުންދޭން ބޭނުންވާ ކަމަށް ބުނެފަ އެވެ.
ޖެމެއިކާ ދަރިކޮޅަށް ނިސްބަތްވާ ޓޯނީ އަށް އެ ގައުމަށް ކުޅެން ފުރުސަތު ލިބުނެވެ. އެކަމަކު، މިދިޔަ އަހަރުގެ މާޗް މަހު ޖެމެއިކާ ފުޓްބޯޅަ ފެޑެރޭޝަނުން ޓޯނީ އެ ގައުމަށް ކުޅެން ދިން އޮފާ ދޫކޮށްލަން އޭނާ ނިންމީ އިންގްލެންޑަށް ކުޅެން ބޭނުންވާތީ އެވެ. ޓޯނީ އަށް އިންގްލެންޑް ޓީމުން ފުރުސަތު ލިބުނީ މިދިޔަ ސެޕްޓެމްބަރު މަހު އިންގްލެންޑުން ޔުއެފާ ނޭޝަންސް ލީގުގައި ކުޅެން ޖެހުނު މެޗުތަކަށެވެ. ސްކޮޑުގައި ހިމެނުނު ނަމަވެސް އެ ފަހަރު ޓޯނީ އަށް މެޗެއްގައި ކުޅެލުމުގެ ފުރުސަތު ނުލިބެ އެވެ.












