ދުބާއީ (ނޮވެމްބަރު 16) - އަންނަ އާދިއްތަ ދުވަހު ގަތަރުގައި ފަށާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން އާޖެންޓީނާ އިން މިރޭ ކުޅުނު އެކުވެރިކަމުގެ މެޗެއްގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަތުން 5-0 އިން މޮޅުވެއްޖެ އެވެ.
މި މޮޅާ އެކު އާޖެންޓީނާ އިން މި ފަހަރުގެ ވޯލްޑް ކަޕްގެ ފުރަތަމަ މެޗާ ކުރިމަތިލާއިރު، އޮންނާނީ ބަލިނުވެ 36 މެޗުގެ ރެކޯޑަކާ އެކު އެވެ. އާޖެންޓީނާ އިން ބަލިނުވެ އިތުރު ދެ މެޗު ފުރިހަމަކޮށްފިނަމަ އިޓަލީގެ ރެކޯޑް މުގުރާލެވޭނެ އެވެ.
ޔޫއޭއީގެ މުހައްމަދު ބިން ޒައިދް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގެ 16 ވަނަ މިނިޓްގައި އޭރިއާތެރެއިން ހުސްކޮށް ލިބުނު ބޯޅައަކުން އާޖެންޓީނާގެ ލީޑުނެގީ ޒުވާން ފޯވާޑް ހޫލިއަން އަލްވަރޭޒް އެވެ. މެޗުގެ 24 ވަނަ މިނިޓްގައި އެންހެލް ޑި މާރިއާ ޖެހި ވޮލީ އަކުން އާޖެންޓީނާ އިން ވަނީ ލީޑުފުޅާކޮށްފަ އެވެ. މެޗުގެ 35 ވަނަ މިނިޓްގައި ޑި މާރިއާ ވަނީ އޭރިއާތެރޭގައި ތިބި ޔޫއޭއީ ޑިފެންޑަރުންގެ ތެރެއިން ދެމިގަތުމަށް ފަހު ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން އާޖެންޓީނާގެ ކެޕްޓަން، ލިއޮނަލް މެސީ ވަނީ އެ ޓީމުގެ ހަތަރު ވަނަ ގޯލު ޖަހައިފަ އެވެ. އޭރިއާތެރެއިން މެސީ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. ދެ ވަނަ ހާފުގައި އާޖެންޓީނާގެ ފަހު ލަނޑު ޖެހީ ޔަކީން ކޮރޭއާ އެވެ.
މި މެޗު ފެށުމުގެ ކުރިން އާޖެންޓީނާ ކުޅުންތެރިން ވަނީ އަނިޔާގެ ސަބަބުން މި ފަހަރުގެ ވޯލްޑް ކަޕްގައި ނުކުޅެވޭ މިޑްފީލްޑަރު ޖިއޮވާނީ ލޮ ސެލްސޯގެ ހަނދާން އާކޮށް، އޭނާއާ އެކުގައި ޓީމު އެބައޮތް ކަމަށް ރަމްޒުކޮށްދޭ ގޮތަށް ޝުއޫރުފާޅުކޮށްފަ އެވެ.
އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީ ބުނީ ކުޅުންތެރިންގެ ފިޓްނަސް އަށް ބަލާފައި މި މެޗު ގެންދިޔައީ ވީހާވެސް ބޮޑަށް ކުޅުންތެރިން މެޗު ލެވަލްގައި ދެމެހެއްޓުމުގެ ގޮތުން ކަމަށާއި އެކަމަކު، ލިބުނު މޮޅަކީ ވޯލްޑް ކަޕަށްދާއިރު، ޓީމުގެ ރޫހު ރަނގަޅުކުރަން ބޭނުންހިފިދާނެ ކަމެއް ކަމަށެވެ.
ވޯލްޑް ކަޕްގައި އާޖެންޓީނާ ހިމެނޭ ގްރޫޕްގައި ސައުދީ އަރަބިއްޔާގެ އިތުރުން ދެން އޮތީ ޕޮލެންޑާއި މެކްސިކޯ އެވެ.












