ޕެރިސް (ނޮވެމްބަރު 16) - އަނިޔާގެ ސަަބަބުން ވޯލްޑް ކަޕްގައި ކުޅުމުގެ ފުރުސަތު ގެއްލިފައިވާ ފޯވާޑް ކްރިސްޓޮފާ އެންކުންކޫގެ ބަދަލުގައި ފްރާންސްގެ ސްކޮޑަށް ޖަރުމަނުގެ އައިންޓްރަކްޓް ފްރޭންކްފާޓަށް ކުޅެމުންދާ ފޯވަޑް ރަންޑަލް ކޯލޯ މުއާނީ އަށް ފުރުސަތު ދީފި އެވެ.
ޖަރުމަންގެ އާރްބީ ލައިޕްޒިގުގައި ރަނގަޅު ފޯމެއްގައި ކުޅެމުންދިޔަ އެންކުންކޫ ،25، އަށް އަނިޔާވީ އިއްޔެ އޮތް ފްރާންސްގެ ޓީމުގެ ފަރިތަކުރުންތަކުގަ އެވެ.
ފްރޭންކްފާޓްގައި ރަނގަޅު ކުޅުމެއް ދައްކަމުންދާ ކޯލޯ މުއާނީ ވަނީ އެ ޓީމަށް މި ސީޒަންގައި ކުޅުނު 23 މެޗުން އަށް ލަނޑު ޖަހައިފަ އެވެ. ގައުމީ ޓީމަށް މީގެ ކުރިން ކޯލޯ މުއާނީ ކުޅެފައިވަނީ މި އަހަރުގެ ސެޕްޓެމްބަރު މަހު ޔުއެފާ ނޭޝަންސް ލީގުގައި އޮސްޓްރިއާ އާއި ޑެންމާކާ ދެކޮޅަށް ފްރާންސް ކުޅުނު މެޗުތަކުގަ އެވެ.
މި އަހަރުގެ ވޯލްޑް ކަޕްގައި އަނިޔާގެ ސަބަބުން ފްރާންސްގެ މުހިންމު ކުޅުންތެރިންތަކަކަށް ނުކުޅެވެ އެވެ. އޭގެ ތެރޭގައި ޕައުލް ޕޮގްބާ އާއި އެންގޯލޯ ކާންޓޭ ހިމެނެ އެވެ. އަދި ޑިފެންޑަރު ޕްރެސްނެލް ކިމްޕެމްބޭ އަށް ވެސް ވަނީ ވޯލްޑް ކަޕްގެ ފުރުސަތު ގެއްލިފަ އެވެ.
މީގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑްގެ ޑިފެންޑަރު ރަފައެލް ވަރާނަށް ވެސް ވަނީ ވޯލްޑް ކަޕް ގާތްވެފައިވަނިކޮށް އަނިޔާގެ މައްސަލައެއް ކުރިމަތިވެފަ އެވެ. އެކަމަކު، ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ވަނީ ވަރާން ސްކޮޑުގައި ހިމަނައިފަ އެވެ.












