ފީފާ ވޯލްޑް ކަޕަކީ ފުޓްބޯޅައިގެ އެންމެ ބޮޑު މުބާރާތެވެ. ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު، ފުޓްބޯޅައިގެ ދުނިޔެ އަށް ބޮޑު އީދެކެވެ. ވޯލްޑް ކަޕްގެ މެޗަކަށް ދިއުމަކީ ފުޓްބޯޅަ އަށް ލޯބިކުރާ ކޮންމެ ސަޕޯޓަރެއްގެ ވެސް ހުވަފެނެކެވެ. މި މަހު ގަތަރުގައި ފަށާ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕަކީ ތާރީހީ މުބާރާތެކެވެ. މިއީ 400 މިލިއަން މީހުންގެ އާބާދީއެއް ހިއްސާކުރާ އަރަބި ދުނިޔޭގެ ގައުމެއްގައި ދުނިޔޭގެ އެންމެ ބޮޑު، އަދި އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތް ބާއްވާ ފުރަތަމަ ފަހަރެވެ.
ގަތަރުގައި ވޯލްޑް ކަޕް ބޭއްވުމަކީ އެ ގައުމާ އަވައްޓެރި، އަދި މެދުއިރުމައްޗާއި އަރަބި ދުނިޔޭގެ އެހެން ގައުމުތަކުގެ ސަޕޯޓަރުންނަށް ވެސް ވޯލްޑް ކަޕްގައި ބައިވެރިވުމަށް ލިބުނު ރަނުގެ ފުރުސަތެކެވެ. އެހެން ނަމަވެސް، ދަތުރު ފަތުރުކުރުމުގެ ހަރަދުތަކާއި ގަތަރުގެ އެކޮމަޑޭޝަނާއި އެހެނިހެން ހަރަދުތައް އަދި އިޤްތިސާދީ ހީނަރުކަމާ ގުޅިގެން، މެދުއިރުމަތި އަދި އަރަބި އެހެން ގައުމުތަކުގެ ގިނަ ސަޕޯޓަރުންނަށް ވޯލްޑް ކަޕަށް ދިއުމަކީ "ދެކޮޅުޖެހޭނެ" ކަމެއް ނޫނެވެ.
މިކަމާ ގުޅޭގޮތުން، އޭއެފްޕީ އިން ވަނީ މެދުއިރުމަތި އަދި އަރަބި ގައުމުތަކުގެ ފުޓްބޯޅަ ސަޕޯޓަރުން ބައިވެރިކޮށްގެން ސާވޭއެއް ހިންގައިފަ އެވެ. ގިނަ ބައިވެރިންގެ ވާހަކަތަކުން އެނގޭ ކަމަކީ، ގަތަރުގެ ވޯލްޑް ކަޕަށް އެ ގައުމަށް ދިއުމަކީ އާދައިގެ މީހަކަށް ވާނެކަމެއް ނޫން ކަމަށެވެ.
"ދަތުރު ފަތުރާއި އެކޮމަޑޭޝަންގެ ހަރަދުތައް ހުރީ އަތު އަތް ފޯރާވަރަށްވުރެ މާ މަތީގައި،" ޓިއުނީޝިއާގެ ގައުމީ ޓީމުގެ ސަޕޯޓަރުންގެ ފޭސްބުކް ޕޭޖެއް ހިންގަމުންދާ މަކްރަމް އާބެދް ބުންޏެވެ.
ގަތަރުގެ އަވައްޓެރި ސައުދީ އަރަބިއްޔާ އަކީ ތެލުގެ މުއްސަނދިކަން ލިބިފައިވާ ގައުމެކެވެ. އެކަމަކު, އެ ގައުމުގެ އާދައިގެ ރައްޔިތަކަށް ވެސް ވޯލްޑް ކަޕްގެ މެޗެއް ބަލަން ކުރަންޖެހޭނީ ބޮޑު ހޭދައެކެވެ.

މޮރޮކޯގެ ސަޕޯޓަރުންތަކެއް ދޯހާގައި ބޭއްވި އުފާފާޅުކުރުމެއްގެ ތެރެއިން.
"ގުރޫޕް ސްޓޭޖުގެ ތިން މެޗު ބަލަން ވެސް ޖެހޭނީ ލޯނެއް ނަގަން،" އޭއެފްޕީއާ ވާހަކަދައްކަމުން ސައުދީ އަށް ނިސްބަތްވާ ދަރިވަރަކު ބުންޏެވެ.
އެކަމަކު، މުއްސަނދިން ގިނަ ސައުދީން މި ފަހަރުގެ ވޯލްޑް ކަޕްގެ މެޗުތައް ބެލުމަށް ދާ ސަޕޯޓަރުންގެ ވެސް ވަކި މަދެއް ނޫނެވެ. ތަފާސް ހިސާބުތަކުން މި ކަން އޮތީ ފެންނާށެވެ.
އެކަމަކު, ފީފާގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ވޯލްޑް ކަޕްގެ އެންމެ ގިނަ ޓިކެޓު ގަތް 10 ގައުމުގެ ތެރޭގައި ސައުދީ އާއި ޔުނައިޓަޑް އަރަބް އެމިރޭޓްސް ހިމެނެ އެވެ. މި ލިސްޓުގެ އެއް ވަނައިގައި އޮތީ ގަތަރެވެ. ގަތަރަށް ނިސްބަތްވާ ތިން މިލިޔަނެއްހާ ސަޕޯޓަރުން ވަނީ ޓިކެޓު ގަނެފަ އެވެ.
ގަތަރު ވޯލްޑް ކަޕްގެ އިން ހިއްސާކުރި މަޢުލޫމާތަށް ބަލާއިރު، ވޯލްޑް ކަޕްގެ މެޗުތަށް ބެލުމަށް އެންމެ ގިނަ އެކޮމަޑޭޝަން ބުކިން ވެސް ހައްދާފައިވަނީ ސައުދީ އަރަބިއްޔާ އަށް ނިސްބަތްވާ ސަޕޯޓަރުންނެވެ.
ވޯލްޑް ކަޕާ ދިމާކޮށް ގަތަރަށް ދާ ސަޕޯޓަރުންނަށް ބައެއް އެއާލައިންތަކުން ވަނީ އެގުހެޔޮ ފެއާތަކެއް ތައާރަފްކޮށްފަ އެވެ. އޭގެ ތެރެއިން އެއް ގައުމަކީ މޮރޮކޯ އެވެ. އެކަމަކު, ސަބްސިޑައިޒް ފްލައިޓަކުން ވެސް، ޓިކެޓުގެ އަގު އުޅެނީ 700 ޑޮލަރަށް ވުރެން މަތީގައެވެ.
ގަތަރުގެ އަގުތައް ބޮޑުވުމުގެ ޝަކުވާތައް ސޯޝަލް މީޑިއާގައި ވަނީ ގިނަވެފަ އެވެ. ގިނަ ބައެއްގެ ނަޒަރުގައި ވޯލްޑް ކަޕަކީ ހުރިހާ ފެންވަރެއްގެ މީހުންނަށް ވެސް ބައިވެރިވެވޭ ގޮތަށް އޮންނަ ފުޓްބޯޅައިގެ އީދަކަށްވާއިރު، ގަތަރަކީ އާންމުކޮށް ވޯލްޑް ކަޕެއްގައި އޮންނަ މާހައުލު ބިނާކުރެވޭނެ ގައުމެއް ނޫނެވެ.
ވޯލްޑް ކަޕާ ދިމާކޮށް، ގަތަރުގެ އަވައްޓެރި ގައުމުތަކުގެ ސަޕޯޓަރުންނަށް މެޗަށް ހާއްސަކޮށް ދެވޭ ފްލައިޓްތަކެއް ވެސް ފަށައިފަ އެވެ. މެޗުތަކަށް ހާއްސަކޮށްގެން ދުވާލެއްގެ މައްޗަށް 160 ފްލައިޓް ދަތުރުތައް ވަނީ ޝެޑިއުލްކޮށްފަ އެވެ. އެއީ މެޗަށް ގަތަރަށް ގޮސް، ހަމަ އެ ދުވަހު އެނބުރި އެ މީހެއްގެ ގައުމަކަށް ދެވޭ ގޮތަށް އިންތިޒާމްކުރެވިފައިވާ ފްލައިޓްތަކެކެވެ. މި ފްލައިޓްތަކުގެ ބޭނުން ހިފައި، ގަތަރުގެ އަވައްޓެރި ގައުމުތަކުގައި މަސައްކަތްކުރާ އަރަބިންނަށް ވޯލްޑް ކަޕްގެ މެޗުތައް ބެލުމުގެ ފުރުސަތު ލިބޭނެ އެވެ.
މެދުއިރުމައްޗާއި އެފްރިކާ އަށް ނިސްބަތްވާ އަރަބި ގައުމުތަކުގައި ފުޓްބޯޅައިގެ ފޯރިގަދަ އެވެ. އެހެންކަމުން، އަރަބި ސަރަހައްދެއްގައި ވޯލްޑް ކަޕެއް ބާއްވާއިރު، ވޯލްޑް ކަޕްގެ މެޗެއް ބަލާލުމަށް ލިބޭ ފުރުސަތުގެ ބޭނުން ހިފަން ގިނަ ސަޕޯޓަރުން މަސައްކަތްކުރާނެ އެވެ. ހާލަތު ކޮންމެ ގޮތަކަށް އޮތަސް، މިއީ މަދުން ނޫނީ ނުލިބޭނެ ފުރުސަތެކެވެ.












