ޖެހިޖެހިގެން ތިން ފައިނަލުން ބަލި، ނިބާލް އެނބުރި އައީ މާ ތަފާތުކޮށް

ގައުމީ މުބާރާތުގެ މެޗެއްގެ ތެރެއިން ނިބާލް: ޖެހިޖެހިގެން ތިން ފައިނަލުން ބަލިވުމަށް ފަހު މި ފަހަރު ނިބާލް ވަނީ ގައުމީ ޗެމްޕިއަންކަން ހޯދާފައި.

ގައުމީ މުބާރާތުގެ މެޗެއްގެ ތެރެއިން ނިބާލް: ޖެހިޖެހިގެން ތިން ފައިނަލުން ބަލިވުމަށް ފަހު މި ފަހަރު ނިބާލް ވަނީ ގައުމީ ޗެމްޕިއަންކަން ހޯދާފައި.

ރާއްޖޭގެ ގައުމީ ބެޑްމިންޓަން ޓީމުގެ އުއްމީދީ ކުޅުންތެރިޔާ ނިބާލް އަހުމަދުގެ ވާހަކަ ފަށަން ޖެހެނީ މީގެ ހަތް ވަރަކަށް އަހަރު ކުރިން ގައުމީ ފެންވަރުގެ ބޮޑު މުބާރާތަކަށް ނުކުމެ ދެއްކި ހިތްވަރުގެ ސަބަބުންނެވެ. އުމުރުން އެންމެ 14 އަހަރުގައި ގައުމީ މުބާރާތުގެ ދެ ވަނަ ޑިވިޝަންގައި ވާދަކޮށް ތަަޖުރިބާކާރު ކުޅުންތެރިން އަތުން މޮޅުވެ ގޮސް ފައިނަލުގައި ދެއްކި މޮޅު ކުޅުމާއިއެކު ގިނަ ބަޔަކު އޭނާއާ މެދު ގިނަ އުއްމީދުތަކެއް ކުރި އެވެ.

ފުރަތަމަ ގައުމީ ލެވަލްގައި ވާދަކުރި، އެ ފަހަރު ފައިނަލުން ބަލިވިޔަސް ނިބާލްގެ ހުނަރަށް "ތައުރީފު ނުކުރާ" މީހެއް ނެތެވެ.

މިއީ އޭގެ ހަތް ވަރަކަށް އަހަރު ފަހެވެ. އޭގެ ފަހުން ގައުމީ މުބާރާތުގައި ހަތަރު ފަހަރު ވާދަކޮށް ހަތަރު ފައިނަލުގައި ކުޅެ މިހާރު އެހެރީ ގައުމީ ތަށި ހޯދައި، މި ކުޅިވަރުގެ އެންމެ އުހުގަ އެވެ. އަޑިގުޑަންތަކާއި ހިތި ތަޖުރިބާތައް ވެސް ގިނަ މި ދަތުރުގެ ކާމިޔާބު މަންޒިލަށް ނިބާލް އަށް ދެވުނީ ވަރުގަދަ އަޒުމަކާ އެކު ކުރި ބުރަ މަސައްކަތުންނެވެ.

Advertisement

ނިބާލް ގައުމީ މުބާރާތުގެ ފުރަތަމަ ޑިވިޝަންގައި ވާދަކުރި ފުރަތަމަ ތިން އަހަރުވެސް ފައިނަލުގައި ވާދަކުރި އެވެ. އެއީ 2018، 2019 އަދި 2021 ގަ އެވެ. ކުޅުމާއި ސްކޯ އަށް ބަލާއިރުވެސް އޭނާ ކުރިއެރުން ދެއްކި އެވެ. އެ ގޮތުން، 2018 ގެ ފައިނަލުގައި ނުވަ ފަހަރު ގައުމީ ތަށި ހޯދާފައިވާ މުހައްމަދު އަޖުފާން ރަޝީދު އަތުން ނިބާލް ބަލިވީ 21-12، 21-04 އިންނެވެ. އޭގެ އެއް އަހަރު ފަހުން، 2019 ގައި ވެސް އަޖުފާން އޭނާ ބަލިވީ ވާދަވެރި ކުޅުމަކަށް ފަހު 21-16، 19-21 އަދި 21-17 އިންނެވެ.

މިދިޔަ އަހަރު ފައިނަލުގައި، ނިބާލް އަށް މޮޅުވުމުގެ ފުރުސަތު ބޮޑުކޮށް އޮއްވައި ފަހު ވަގުތު ބަލިވީ އެވެ. ފުރަތަމަ ސެޓު ފަސޭހަ ކަމާ އެކު 21-11 އިން ކާމިޔާބުކުރި އެވެ. ދެ ވަނަ ސެޓު ކާމިޔާބުކުރަން ފުރުސަތުވެސް ލިބުނެވެ. ނަމަވެސް އަހުމަދު ތޯއިފު މުހައްމަދު ވަނީ ނިބާލް އަތުން 21-23 އިން މި ސެޓު ހޯދައި، ފަހު ސެޓު ވެސް 21-18 އިން ކާމިޔާބުކޮށް މެޗުން މޮޅުވެފަ އެވެ.

މިދިޔަ އަހަރުގެ އެ ފައިނަލަށް ފަހު ނިބާލް ބުނީ ތިން ފައިނަލުން ވެސް ބަލިވުމަށް ވުރެ ބޮޑަށް އޭނާގެ އަމާޒު ހުރީ ތަޖުރިބާއިން ފިލާވަޅު ހޯދައިގެން ދެން އަންނަ އަހަރަކު ގައުމީ ތަށި ހޯދުމުގެ އަޒުމުގައި ކަމަށެވެ.

އޭނާގެ އަޒުމް ވަރުގަދަކަން ދާދިފަހުން ނިމުނު ގައުމީ މުބާރާތުން ފެނިގެންދިޔައީ އެވެ. ހިތްވަރާ އެކު ކުރި މަސައްކަތުގެ ފޮނި މީރުކަން އޭނާ އަށް ލިބިއްޖެ އެވެ.

މި ފަހަރުގެ ގައުމީ މުބާރާތުގައި ނިބާލް ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މި އަހަރުގެ މުބާރާތުގެ ކުއާޓާ ފައިނަލުގައި ނިބާލް ނުކުތީ މި ވަގުތު ފުރަތަމަ ޑިވިޝަންގައި ކުޅޭ އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ ނަޝިއު ޝަރަފުއްދީންއާ ދެކޮޅަށެވެ. މި މެޗު އޭނާ ކާމިޔާބުކުރީ 22-20، 21-12 އިންނެވެ.

ސެމީ ފައިނަލުގައި ނިބާލްގެ ފަރާތުން ފެނުނީ އާދަޔާޚިލާފު ހިތްވަރެކެވެ. ގައުމީ ފެންވަރުގެ މުބާރާތެއްގައި އަޖުފާން އަތުން ބަލިވަމުން އައި ސިލްސިލާއަށް ނިމުން ނިބާލް މި މެޗުން ގެނަ އެވެ. އެ ގޮތުން، 21-16 އިން އަޖުފާން، ފުރަތަމަ ސެޓު ހޯދާފައި ވަނިކޮށް، ފަހަތުން އަރައި ދެ ސެޓު ކާމިޔާބުކޮށް ނިބާލް ފައިނަލުން ޖާގަ ހޯދި އެވެ.

ފައިނަލުގައި ނިބާލް ނުކުތީ ރާއްޖޭގައި މި ވަގުތު ހުރި އެންމެ ހުނަރުވެރި އެއް ކުޅުންތެރިޔާ ކަމަށްވާ ހުސައިން ޒަޔާން ޝަހީދު ޒަކީއާ ދެކޮޅަށެވެ. ޒަޔާން އަކީ 2017 ވަނަ އަހަރުގެ ގައުމީ ޗެމްޕިއަނެވެ. މި މެޗު އޭނާ ކާމިޔާބުކުރީ ތަފާތު މޮޅު ކުޅުމެއް ދައްކައި ސީދާ ދެ ސެޓުންނެވެ. ޗެމްޕިއަނެއްގެ ހަގީގީ ފެންވަރު ދައްކާލައި އޭނާ ހޯދީ ފުރިހަމަ މޮޅެކެވެ.

ޒަޔާން އަތުން ނިބާލް މޮޅުވީ، 21-16، 21-14 އިންނެވެ.

"އަސްލު ކުރިން ތިން ފައިނަލުގައި ބަލިވެފައި އިނަސް އޭތި ނެތް ބޮލުގަ އެއް. ވިސްނީ އާ މުބާރާތެކޭ އާ މެޗެކޭ. ބެސްޓު ދައްކައި މޮޅުވާން ހަމަ އަމާޒަކަށް އިނީ" ގައުމީ މުބާރާތުގެ މި ފަހަރުގެ ކާމިޔާބީ އަށް ފަހު، ނިބާލް، "އަދަދު" އަށް ބުންޏެވެ.

ހަގީގަތުގައި ވެސް ނިބާލްގެ މި ކާމިޔާބީ އަކީ އޭނާ އަށް ލިބުނު ބޮޑު ހިތްވަރެކެވެ. ކެރިއަރުގެ އެންމެ މުހިންމު ހިސާބުގައި ރަނގަޅު މިސްރާބަށް އަމާޒުކޮށް ކުރާ މަސައްކަތަށް ލިބުނު ބޮޑު ހިތްހަމަޖެހުމެކެވެ. ހިތި ތަޖުރިބާތަކުގެ މަތިން އެއްކޮށް ހަނދާން ނައްތާލައި، ކާމިޔާބީތަކާ އެކު ކެރިއަރުގެ ދުވެލި ބާރުކޮށްލަން ލިބުނު އިތުރު ބާރެކެވެ.

"2022 އަސްލު ވަރަށް ރަނގަޅަށް މިދިޔައީ. ތަމްރީން ފުރުސަތުތައް ވެސް ލިބި، ގައުމީ ތަށިވެސް ލިބުނީ މި. ދެން އަމާޒަކީ އަންނަ އަހަރު އޮތް ބޮޑު ދެ ގޭމްސް (އޭޝިއަން ގޭމްސް އާއި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް). އެ ދެ މުބާރާތުން ރަނގަޅު ވަނަ އެއް ހޯދަން މިހާރު އަމާޒު ކަނޑައަޅައިގެން ކުރިއަށް މި ދަނީ،" އުންމީދުގައި ހުރި ނިބާލް ބުންޏެވެ.

ފައިނަލް މެޗުގެ ތެރެއިން ނިބާލް އުފާާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ނިބާލްގެ ކެރިއަރުގެ އެންމެ ހާއްސަ އަހަރަށް މި އަހަރު ނުވަންވީ އެއްވެސް ސަބަބެއް ނެތެވެ. އެއީ 2024ގެ އޮލިމްޕިކްސް އަށް ކޮލިފައިވުމުގެ ގޮތުން ޒުވާން ކުޅުންތެރިންނަށް އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) އިން އިން ދޭ ސްކޮލާޝިޕް ނިބާލް އަށް ލިބުނީ މި އަހަރެވެ. މި ސްކޮލާޝިޕްގެ ދަށުން އޭނާ އަންނަނީ ދުބާއީގައި ތަމްރީން ހަދަމުންނެވެ. މި ތަމްރީން ފުރުސަތަކީ މަތީ ސާނަވީ ކިޔެވުން ނިންމާލުމަށް ފަހު ބެޑްމިންޓަނުން ކުރިއަށްދާން ނިންމައިގެން ހުރި ނިބާލް އާއި އޭނާގެ މައިންބަފައިންނަށް ލިބުނު ބޮޑު ހިތްހަމަޖެހުމެކެވެ.

ހޯދަމުން އަންނަ ކުރިއެރުމާއި ނެރެމުން އަންނަ ނަތީޖާތަކަށް ބަލާއިރު ނިބާލް އަކީ ގައުމީ ބެޑްމިންޓަން ޓީމުގެ ކުރިމަގެވެ. އެންމެ ފަހުން، 2019 ގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ބެޑްމިންޓަން ޓީމުން ހޯދި ލޯ މެޑަލްގައި އޭނާގެ ހިއްސާވެސް ބޮޑެވެ. ޓީމުގެ އެހެން ހުރިހާ ކުޅުންތެރިން ދެއްކި ހިތްވަރާއި، މުހިންމު ދަނޑިވަޅުގައި އޭނާ ހޯދި މޮޅާ އެކު އެ ފަހަރު ލިބުނީ ލޯ މެޑައްޔެކެވެ. ނަމަވެސް ފިރިހެން ޓީމުން ރަން މެޑަލް ހޯދަން ކުރާ ދަތުރުގައި ނިބާލް އަކީ މުހިންމު މެމްބަރަކަށް ވާނެކަން އޭނަ އެ އަންނަނީ ސާބިތު ކޮށްދެމުންނެވެ.

މީގެ އަހަރުތަކެއްކުރިން މާ ބޮޑު އޮފުކަމެއް ނެތް "ޖަވާހިރެއް"ގެ ގޮތުގައި ހުރި ނިބާލް މިހާރު އެ ފެންނަނީ އޮމާންކޮށް އޮފުވެފައި އޮތް ވިދުންގަދަ އަލިމަހެއްގެ ގޮތުގަ އެވެ. ކޮންމެ މުބާރާތަކުން އޭނާ އެދަނީ ދިވެހިންނަށް އެތައް އުއްމީދަކާ އިތުބާރެއް ހޯދައިދެމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox