އަންނަ އަންގާރަ ދުވަހު ގަތަރުގައި ފަށާ ފީފާ ވޯލްޑް ކަޕާއި ދިމާކޮށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓުން 100 ޕްރޮޖެކްޓަރު ބެހުމަށް ނިންމައިފި އެވެ.
އެ މިނިސްޓްރީއިން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ ޕްރޮޖެކްޓަރުތައް ދޫކުރުމަށް ހަމަޖެހިފައިވަނީ މަދަނީ ޖަމްއިއްޔާތަކާއި ޖަމާއަތްތަކަށް ކަމަށެވެ.
ޕްރޮޖެކްޓަރަށް އެދުމުގެ ފުރުސަތު މި މަހުގެ 16 ވަނަ ދުވަހުގެ 2:00 އާ ހަމައަށް ވަނީ ހުޅުވާލެވިފަ އެވެ. އެކަމަށް އެދޭ ޖަމްއިއްޔާތަކުން އެ ފަރާތުގެ ރަސްމީ ލެޓާހެޑުގައި ސިޓީއެއް ހުށަހަޅަން ޖެހޭނެ އެވެ.
ފީފާ ވޯލްޑް ކަޕް އަދި ޔޫއެފާ ޔޫރޯ ފަދަ ބޮޑެތި ފުޓްބޯޅަ މުބާރާތްތަކާއި ގުޅިގެން ޔޫތު މިނިސްޓްރީއިން މީގެ ކުރިންވެސް އެކި ފަހަރުމަތިން ވަނީ ޕްރޮޖެކްޓަރު ދޫކޮށްފަ އެވެ.
އެގޮތުން، 2020 ވަނަ އަހަރު ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތާއި ދިމާކޮށް އެ މިނިސްޓްރީއިން ޕްރޮޖެކްޓަރު ދޫކުރި އެއްވެސް ޖަމްއިއްޔާއަކަށް މިފަހަރު ޕްރޮޖެކްޓަރ ދޫނުކުރާނެ ކަމަށް ވެސް ބުނެފައިވެ އެވެ.













