ޕެރިސް (ނޮވެމްބަރު 14) - ވޯލްޑް ކަޕްގެ ބްރޭކްގެ ކުރިން ފްރާންސް ލީގުގައި ރޭ ކުޅުނު ފަހު މެޗުތަކުގައި، ޕީއެސްޖީން އޯޒެއާ އަތުން ފަސޭހަކަމާ އެކު 5-0 އިން މޮޅުވެއްޖެ އެވެ.
ރޭގެ މެޗުގައި ޕީޢެސްޖީ އަށް ލަނޑުތައް ޖަހައިދިނީ ކީލިއަން އެމްބާޕޭ، ކާލޮސް ސޮލެއާ، އަޝްރަފު ހަކީީމީ، ރެނާޓޯ ސަންޗޭޒް އަދި ހޫގޯ އެކިޓީކޭ އެވެ.
މެޗު ފަށައިގެން 11 ވަނަ މިިނިޓްގައި އޭރިއާތެރެއިން، ފުލްބެކް، ނޫނޯ މެންޑޭޒް ދިން ބޯޅަ އެމްބާޕޭ ވަނީ ފަސޭހަކަމާ އެކު ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ. އޯޒެއާ އަށް ފުރަތަމަ ހާފުގައި އެއްވަރުކޮށްދޭން އެމްބާއޭ ނިއާން ޖެހި ބޯޅަ ޕީއެސްޖީ ކީޕަރު ޖިއަންލުއީޖީ ޑޮންނަރުންމާ ވަނީ މަތަކޮށްފަ އެވެ.
ޕީއެސްޖީން އަނެއް ހަތަރު ލަނޑު ޖެހީ ދެ ވަނަ ހާފުގަ އެވެ. އެ ޓީމުގެ ދެ ވަނަ ގޯލު ޖެހީ މެންޑޭޒް ނެގި ހުރަހަކުން ސޮލެއާ ބޮލުންނެވެ. އޭގެ އިރުކޮޅެއް ފަހުން ކައުންޓަ އެޓޭކުގައި ސޮލެއާ ދިން ބޯޅައެއް ހިފައިގެން އޭރިއާތެރެއަށް ވަދެ ހަކީމީ ވަނީ ތިރިތިރިން ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ. ޕީއެސްޖީގެ ހަތަރު ވަނަ ގޯލަކީ ރެނާޓޯ އޭރިއާތެރެއިން ގޯލުގެ ދަނޑީގައި ޖައްސާފައި ޖެހި ލަނޑެެކެވެ. އެކިޓީކޭ، ޕީއެސްޖީގެ ފަހު ލަނޑު ޖެހީ ވެސް އޭރިއާތެރެއިންނެވެ.
މި މެޗުން މޮޅުވެ، ޕީއެސްޖީ ތާވަލްގެ އެއް ވަނައިގައި އޮތީ 41 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި 36 ޕޮއިންޓާ އެކު އޮތީ ލޯންސް އެވެ.
ވޯލްޑް ކަޕް ކުރިއަށް އޮތް ނަމަވެސް، ރޭގެ މެޗަށް ވެސް ޕީއެސްޖީގެ ކޯޗު ކްރިސްޓޮފް ގަލްޓިއޭ ނެރުނީ ވަރުގަދަ ޓީމެކެވެ. އެމްބާޕޭގެ އިތުރުން ލިއޮނަލް މެސީ އާއި ނޭމާ ވެސް ރޭގެ މެޗުގައި ކުޅުނެވެ.
"އެއްވެސް ކުޅުންތެރިއަކު (ރެސްޓެއް) ބޭނުންވެގެން އަހަންނާ ހަމައަކަށް ނާދޭ. އަހަރަން ގަބޫލްކުރީ އިންޖަރީއެއް ވެދާނެތީ ބިރުން ނޫޅެ އަހަރަމަންގެ ކުޅުންތެރިން ރަނގަޅު ކުޅުމެއް ދައްކާނެކަން،" ގަލްޓިއޭ ބުންޏެވެ. "ޥޯލްޑް ކަޕް މިހާ ގާތްވެފައިވަނިކޮށް ކުޅުންތެރިއަކަށް އިންޖަރީއެއްވުމަކީ ވަރަށް ބޮޑު ދެރައެއް. އެހެންވެ ބައެއް ކުޅުންތެރިން އަހަރެން ފަހުން ބޭލީ."
ވޯލްޑް ކަޕަށް ފަހު ފްރެންޗް ލީގު ފަށާނީ އަންނަ މަހުގެ 27 ވަނަ ދުވަހު އެވެ.












