ދޯހާ (ނޮވެމްބަރު 13) - ވޯލްޑް ކަޕްގެ މެޗުތައް ބެލުމަށް އިޒްރޭލާއި ފަލަސްތީނުގެ ސަޕޯޓަރުންނަށް ގަތަރަަށް ދަތުރުކުރެވޭ ހާއްސަ ފްލައިޓަކެއް ހަމަޖައްސައި، އެ ފްލައިޓްތަކަށް ގަތަރަށް ޖެއްސުމުގެ ހުއްދަ ދިނުމަށް ގަތަރުގެ ސަރުކާރުން އެއްބަސްވެފައިވާ ކަމަށް ފީފާ އިން ބުނެފިއެވެ.
ގަތަރާއި އިޒްރޭލާ ދެމެދު ސިޔާސީ ގުޅުން ނެތް ނަމަވެސް، ވޯލްޑް ކަޕްގެ މެޗުތަށް ބެލުމުގެ ފުރުސަތު އިޒްރޭލާއި ފަލަސްތީނުގެ ސަޕޯޓަރުންނަށް ދިނުމުގެ ގޮތުން، "ވަގުތީ ގޮތުން" އިޒްރޭލުގެ ފްލައިޓްތަކަށް ގަތަރަށް ޖެއްސުމުގެ ހުއްދަ ގަތަރުން ދީފައިވާ ކަމަށް ފީފާ އިން ވަނީ ބުނެފަ އެވެ.
އެހެން ނަމަވެސް، މި ފްލައިޓްތަކުގައި ދަތުރުކުރުމުގެ ފުރުސަތު ފަލަސްތީނުގެ ރައްޔިތުންނަށް އޮތް ގޮތެއް ސާފެއްނުވެ އެވެ. އާންމު ގޮތެއްގައި އިޒްރޭލުގެ މައި އެއާޕޯޓް ބެން ގުރިއަން އެއާޕޯޓަށް ފަލަސްތީނަށް ނިސްބަތްވާ ފަރާތްތަކަށް ވަނުމަކީ ފަސޭހަކަމެއް ނޫނެވެ.
ފީފާ އިން ބުނީ އިޒްރޭލުގެ ފްލައިޓްތަކުގައި ފަލަސްތީނުގެ ސަޕޯޓަރުންނަށް ވޯލްޑް ކަޕަށް ދަތުރުކުރެވޭނީ އިޒްރޭލުގެ ސަލާމަތަކާއި އުސޫލުތަކާއި ގަވައިދުތަަކަށް ފެތިގެން ކަމަށެވެ.
ފީފާ އިން ބުނީ ފަލަސްތީނުގެ ރައްޔިތުންނަށް މެޗުތައް ބެލުމަށް އޮތް އިންތިޒާމުތަކުގެ މައުލޫމާތު ފަހުން ދޭނެ ކަމަށެވެ.
ވޯލްޑް ކަޕަށް ސަޕޯޓަރުން ގެންދާ ފްލައިޓްތަކުގައި ދަތުރުކުރެވޭނީ މެޗު ޓިކެޓާއި ގަތަރު ސަޕޯޓަރުންނަށް ދޫކުރާ "ހައްޔާ ކާޑު" ފާސް ހޯދާފައިވާ ފަރާތް ތަކަކަށެވެ.
އިޒްރޭލާއި ފަލަސްތީނަށް ނިސްބަތްވާ 10،000 މީހުން ގަތަރުގައި ބާއްވާ ވޯލްޑް ކަޕްގެ ޓިކެޓުތަކާއި ސަޕޯޓަރުންގެ ފާސް ހޯދާފައިވާ ކަމަށް ދެ ގައުމުގެ ސަރުކާރުގެ އޮފިޝަލުންގެ މައުލޫމާތުދެ އެވެ.
ފީފާ ވޯލްޑް ކަޕްގެ ހޯސްޓުން އަމަލުކުރަންޖެހޭ އުސޫލުތަކުގެ ދަށުން، އެއްވެސް ގައުމެއްގެ ސަޕޯޓަރުންނަށް ވޯލްޑް ކަޕް ބެލުމަށް ދަތުކުރުކުރުން މަނައެއް ނުކުރެވޭނެ އެވެ. ގަތަރުން ވެސް އިޒްރޭލުގެ ފްލައިޓްތަކަށް ވަގުތީ ގޮތުން ހުއްދަ ދިނީ މި ސަބަބާހެދި އެވެ. އަދި މި ފްލައިޓްތަކުގައި ފަލަސްތީނުގެ ސަޕޯޓަރުންނަށް ވެސް މެޗުތަކަށް ދަތުރުކުރުމުގެ ފުރުސަތު ލިބެންޖެހޭނެ ކަމަށް ގަތަރުން ޑިމާންޑްކުރި ކަމަށެވެ.
އަދި، ދާރުއްސަލާމްގައި އިތުރު ހަމަނުޖެހުންތަކެއް އުފެދިއްޖެނަމަ، އިޒްރޭލުގެ ފްލައިޓްތަކަށް ދީފައިވާ ހުއްދަ ހިފަހައްޓާނެކަމުގެ އިންޒާރު ގަތަރުން ދީފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ގަތަރުން ބުނީ ވޯލްޑް ކަޕްގެ ހޯސްޓްގެ ހައިސިއްޔަތުން އިޒްރޭލުގެ ފްލައިޓްތަކަށް ހުއްދަ ދިން ނަމަވެސް، އިޒްރޭލާ ދެމެދު އޮތް ސިޔާސަތަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ.
"މިއީ ވޯލްޑް ކަޕްގެ ހޯސްޓްގެ ގޮތުން ފީފާ އަށް ވެފައިވާ ކޮމިޓްމަންޓެއްގެ ސަބަބުން ކުރާ ކަމެއް. ސިޔާސަތު ބަދަލުވުމެއް ނޫން،" ގަތަރުގެ ސަރުކާރުގެ އޮފިޝަލެއް ބުންޏެވެ.
"މި އެއްބަސްވުމުގެ ދަށުން ފަލަސްތީނުގެ ރައްޔިތުންނަށް އަރަބި ގައުމެއްގައި ބާއްވާ ފުރަތަމަ ވޯލްޑް ކަޕްގެ މެޗުތަކަށް ޒިޔާރަތްކުރުމުގެ ފުރުސަތު ލިބިގެންދާނެ."
ގަތަރު ވޯލްޑް ކަޕްގެ ފާސްތައް ހޯދުމަށް އިޒްރޭލް މީހުން ވެސް ބޭނުންކުރަން ޖެހެނީ ފަލަސްތީނުގެ ނަމުގައި އިންނަ ލޮކޭޝަން ޕޯޓަލެއް މެދުވެރިކޮށެވެ.












