އަމްސްޓެޑަމް (ނޮވެމްބަރު 11) -ނެ ދަލެންޑްސްގެ އުމުރުފުރާ ގައުމީ ޓީމުތަކުގައި ވިދާލާފައިވާ ޒަވީ ސިމޯންސް އަށް މި ފަަހަރުގެ ފީފާ ވޯލްޑް ކަޕްގައި ވާދަކުރާ ނެދަލެންޑްސްގެ ގައުމީ ޓީމުގެ ސްކޮޑުން ފުރުސަތު ދީފި އެވެ.
ޒަވީ ސިމޯންްސް، 19، ވަނީ ނެދަލެންޑްސްގެ ފަސް އުމުރުފުރައެއްގެ ގައުމީ ޓީމަށް މީގެ ކުރިން ކުޅެފަ އެވެ. އެކަމަކު، ސީނިއާ ޓީމުގެ ސްކޮޑުގައި ހިމެނިފައިނުވެ އެެވެ. މި ފަހުން ޒަވީ ސިމޯންސް ހުރި ފޯމަށް ބަލައި، ނެދަލެންޑްސްގެ ކޯޗު ލުއީ ވެން ހާލް ނިންމީ އޭނާ ވޯލްޑް ކަޕަށް ނެދަލެންޑްސް އިން ގެންދާ 26 ކުޅުންތެރިންގެ ސްކޮޑުގައި ހިމަނާށެވެ.
ބާސެލޯނާ ޔޫތު ޓީމު ދޫކޮށް، ޒަވީ ސިމޯންސް ފަހުން ޕީއެސްޖީ އަށް ބަދަލުވި ނަމަވެސް އެ ޓީމުން ވެސް ފުރުސަތު ނުލިބޭތީ މި ފަހަރު ސީޒަން ފެށުމުގެ ކުރިން ފަސް އަހަރުގެ ކޮންޓްރެކްޓެއްގައި ޕީއެސްވީ އެއިންދޯވަން އަށް ސޮއިކުރީ އެވެ. އެ ޓީމަށް ސީޒަނުގެ މިހާތަނަށް ކުޅުނު 21 މެޗުން ޒަވީ ސިމޯންސް ވަނީ 10 ގޯލު ޖަހައި، ހަތަރު ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.
ނެދަލެންޑްސް ސްކޮޑުން ފުރުސަތު ނުލިބުނު ކުޅުންތެރިންނަށް ބަލާއިރު، މެންޗެސްޓާ ޔުނައިޓެޑްގެ ޑޯނީ ވެން ޑަ ބީކް، ނިއުކާސަލް ޔުނައިޓެޑްގެ ސްވެން ބޮޓްމަން، އެންއީސީ ނިއެޖްމަންގެ ކީޕަރު، ޔެސްޕާ ސިލިސަން އަދި ބަޔާން މިއުނިކްގެ ރަޔާން ގްރަވެންބާޗް އެވެ.
މެދުކެނޑުމަކަށް ފަހު ނެދަލެންޑްސް ވޯލްޑް ކަޕްގައި ކުޅޭއިރު، އެ ޓީމު މި ފަހަރު ހިމެނެނީ ހޯސްޓް، ގަަަތަރާއި އެކުއެޑޯގެ އިތުރުން އެފްރިކާގެ ޗެމްޕިއަން، ސެނެގާލާ އެއް ގްރޫޕެއްގަ އެވެ.
ނެދަލެންޑްސްގެ ވޯލްޑް ކަޕް ސްކޮޑު:
ގޯލްކީޕަރުން: ޖަސްޓިން ބިލީއޯ (ފެޔަނޫޑް)، ރެމްކޯ ޕަސްވިއޭ (އަަޔަކްސް)، އަންޑްރެސް ނޮޕާޓް (ހީރެންވީން)
ޑިފެންޑަރުން: ނޭތަން އަކޭ (މެންޗެސްޓާ ސިޓީ)، ވާޖިލް ވެން ޑައިކް (ލިވަޕޫލް)، މަތައިސް ޑި ލިޓް (ބަޔާން މިއުނިކް)، ޔޫރިއަން ޓިމްބާ (އަޔަކްސް)، ސްޓެފަން ޑި ވްރައި (އިންޓަ މިލާން)، ޑޭލީ ބްލިންޑް (އަޔަކްސް)، ޑެންޒެލް ޑަމްފްރީސް (އިންޓަ މިލާން)، ޓައިރަލް މަލާސިއާ (މެންޗެސްޓާ ޔުނައިޓެޑް)، ޖެރެމީ ފްރިމްޕޮން (ބަޔާ ލެވަކޫސަން)
މިޑްފީލްޑަރުން: ސްޓީވެން ބާގްހައުސް (އަޔަކްސް)، ފްރެންކީ ޑި ޔޯން (ބާސެލޯނާ)، ޓެން ކޫޕްމެއިނާސް (އެޓަލަންޓާ)، މާޓީން ޑެ ރޫން (އެޓަލަންޓާ)، ޑޭވީ ކްލާސެން (އަޔަކްސް)، ކެނެތު ޓޭލާ (އަޔަކްސް)، ޒަވީ ސިމޯންސް (ޕީއެސްވީ އެއިންދޯވަން)
ފޯވާޑުން: ސްޓީވެން ބާގްވެއިން (އަޔަކްސް)، މެމްފިސް ޑިޕާއި (ބާސެލޯނާ)، ކޯޑީ ގަކްޕޯ (ޕީއެސްވީ އެއިންދޯވަން)، ވިންސެންޓް ޖެންސަން (ރޯޔަލް އެންޓްވާޕް)، ލޫކް ޑި ޔޯން (ޕީއެސްވީ އެއިންދޯވަން)، ވައުޓް ވެގްހޯސްޓް (ބެސިކްޓާސް)، ނޮއޯ ލޭންގް (ކްލަބް ބްރޫޖް)












