ލިޒްބަން، ޕޯޗުގަލް (ނޮވެމްބަރު 11) - މި މަހު 20 ވަނަ ދުވަހު ގަތަރުގައި ފަށާ ފީފާ ވޯލްޑް ކަޕަށް ޕޯޗުގަލް އިން ނެގި ސްކޮޑުގައި ޕީއެސްޖީގެ މިޑްފީލްޑަރު ރެނާޓޯ ސަންޗޭސް އަށް ފުރުސަތު ނެތް ސަބަބެއް އޮޅުން ފިލުވުމަށް ކުރި ސުވާލަށް ޖަވާބެއް ދޭން ޕޯޗުގަލް ކޯޗު ފެނާންޑޯ ސަންޓޯސް ދެކޮޅު ހަދައިފި އެވެ.
ޕޯޗުގަލް އިން 2016 ވަނަ އަހަރު ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރި މުބާރާުތުގައި މޮޅަށް ކުޅުނު ރެނާޓޯ އެންމެ ފަހުން ބޭއްވި، ޔޫރޯގެ ސްކޮޑުގައި ވެސް ހިމެނުނެވެ. މި އަހަރު ޕީއެސްޖީ އަށް ރެނާޓޯ ބަދަލުވި އެންމެ ބޮޑު ސަބަބަކީ ވެސް ވޯލްޑް ކަޕް ސްކޮޑުން ފުރުސަތު ހޯދުމެވެ. އެކަމަކު، ޕޯޗުގަލް އިން 26 ކުޅުންތެރިންގެ ވޯލްޑް ކަޕް ސްކޮޑު އިއުލާނުކުރިއިރު، ރެނާޓޯ އެއް ނެތެވެ.
ރެނާޓޯގެ ބަދަލުގައި އެ މަގާމަށް ޓީމުން ފުރުސަތު ދީފައިވަނީ ވުލްވްސް އަށް މި ފަހަރުގެ ޓްރާންސްފާގައި ބަދަލުވި މަތެއުސް ނޫނޭޒް އެވެ. ރެނާޓޯ އަށް ފުރުސަތު ނެތް ސަބަބެއް އޮޅުން ފިލުވަން މީޑިއާ އިން ކުރި ސުވާލަށް ސަންޓޯސް ބުނީ ނެތް ކުޅުންތެރިންގެ ވާހަަކަ ދެއްކެން ނެތް ކަމަށެވެ.
"އަހަންނަށް މި ވަގުތު މުހިންމީ ވޯލްޑް ކަޕަށް ދާނެ ކުޅުންތެރިން. މި ސްކޮޑުގައި ހިމެނޭ 26 ކުޅުންތެރިންގެ ވާހަކަތައް،" 2014 ވަަނަ އަހަރުން ފެށިގެން ޕޯޗުގަލް އަށް އިރުޝާދުދެމުން އަންނަ ސަންޓޯސް ބުންޏެވެ.
މި ފަހަރުގެ ވޯލްޑް ކަޕްގައި ވެސް ޕޯޗުގަލް ލީޑުކުރާނީ 37 އަހަރުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.
އަނިޔާގެ ސަބަބުން ޕޯޗުގީސް ފޯވާޑް، ޑިއޯގޯ ޖޮޓާ އަށް މި ފަހަރުގެ ވޯލްޑް ކަޕްގައި ނުކުޅެވޭނެ އެވެ. އެކަމަކު، ބެންފީކާގެ 19 އަހަރުގެ ޑިފެންޑަރު، އެންޓޯނިއޯ ސިލްވާ އަނިޔާގައި ހުއްޓައި އޭނާ ވަނީ ސްކޮޑަށް ނަގައިފަ އެވެ. އޭނާ އަދި ސީނިއާ ޓީމަށް މެޗެއް ނުކުޅެ އެވެ. މީގެ އިތުރުން 39 އަހަރުގެ ޑިފެންޑަރު، ޕެޕޭ ވެސް ސްކޮޑުގައި ހިމެނިއިރު، އޭނާ އަށް ވެސް ފިޓްނަސްގެ މައްސަލަ ވަނީ ކުރިމަތިވެފަ އެވެ.
"އަހަރެން މެޑިކަލް ޓީމު އަތުން ހޯދި މައުލޫމާތަށް ބަލާއިރު، އަނިޔާގައި ހުރި ކުޅުންތެރިއަކު ނެތް ލިސްޓުގައެއް،" ސަންޓޯސް ބުންޏެވެ.
ސީޒަނެއްގެ މެދުތެރެެއިން ވޯލްޑް ކަޕް ކުޅުން ރަނގަޅުތޯ ކުރި ސުވާލުގެ ޖަވާބުގައި ސަންޓޯސް ބުނީ މިއީ ހުރިހާ ނަޒަރަކުން ބަލާއިރު، ވޯލްޑް ކަޕެއް ކުޅެން އެންމެ ރަނގަޅު ވަގުތެއް ނޫން ކަމަށާއި އެކަމަކު، ހަމަޖެހިފައި އޮތް ކަމަކަށް ދެކޮޅު ހެދެން ނޯންނާނެ ކަމަށެވެ.
ވޯލްޑް ކަޕްގައި ޕޯޗުގަލް ހިމެނެނީ އުރުގުއޭ އާއި ދެކުނު ކޮރެއާ އަދި ގާނާއާ އެކު ގްރޫޕް އެޗްގަ އެވެ.
ޕޯޗުގަލްގެ ވޯލްޑް ކަޕް ސްކޮޑު:
ކީޕަރުން: ރުއީ ޕެޓްރީޝިއޯ (ރޯމާ)، ހޯސޭ ސާ (ވުލްވްސް)، ޑިއޯގޯ ކޮސްޓާ (ޕޯޓޯ)
ޑިފެންޑަރުން: ޑިއޯގޯ ޑަލޯ (މެންޗެސްޓާ ޔުނައިޓެޑް)، ޔާއޯ ކަންސޭލޯ (މެންޗެސްޓާ ސިޓީ)، ޑަނީލޯ ޕެރޭރާ (ޕީއެސްޖީ)، ޕެޕޭ (ޕޯޓޯ)، ރުބެން ޑިއާސް (މެންޗެސްޓާ ސިޓީ)، އެންޓޯނިއޯ ސިލްވާ (ބެންފީކާ)، ނޫނޯ މެންޑޭޒް (ޕީއެސްޖީ)، ރަފައެލް ގަރޭރޯ (ބޮރޫޝިއާ ޑޯޓްމަންޑް)
މިޑްފީލްޑަރުން: ރުބެން ނެވޭސް (ވުލްވްސް)، މަތެއުސް ނޫނޭޒް (ވުލްވްސް)، ޔާއޯ ޕަލީނިއާ (ފުލަމް)، ވިލިއަމް ކަވާލިއޯ (ރެއާލް ބެޓިސް)، ބްރޫނޯ ފެނާންޑޭސް (މެންޗެސްޓާ ޔުނައިޓެޑް)، ބެނާޑޯ ސިލްވާ (މެންޗެސްޓާ ސިޓީ)، ޔާއޯ މާރިއޯ (ބެންފީކާ)، ވިޓީނިއާ (ޕީއެސްޖީ)، އޮޓާވިއޯ (ޕޯޓޯ)
ފޯވާޑުން: ކްރިސްޓިއާނޯ ރޮނާލްޑޯ (މެންޗެސްޓާ ޔުނައިޓެޑް)، ރަފައެލް ލެއާއޯ (އޭސީ މިލާން)، އަންދްރޭ ސިލްވާ (އާރްބީ ލައިޕްޒިގް)، ޔާއޯ ފެލިކްސް (އެތުލެޓިކޯ މެޑްރިޑް)، ރިކާޑޯ ހޯޓާ (ބްރާގާ)، ގޮންކާލޯ ރާމޯސް (ބެންފީކާ)












