މާލޭގައި ހިންގާ ގަރާޖްތަކާއި، ވޯކްޝޮޕްތައް އަދި ކެމިކަލް ގުދަންތައް މާލޭ އިންޑަސްޓްރިއަލް ޒޯނަށް ބަދަލުކުރުމަށް މާލޭ ސިޓީ ކައުންސިލުން ގޮވާލައިފި އެވެ.
މާލޭ ސިޓީ ކައުންސިލުން މިހެން ގޮވާލާފައި މި ވަނީ ރޭ މާލޭގެ ގަރާޖެއްގައި ހިނގައިދިޔަ ހިތާމަވެރި ހާދިސާއާ ގުޅިގެން މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ދަންނަވައި ނެރުނު ނޫސް ބަޔާނެއްގަ އެވެ.
އެ ކައުންސިލުން ނެރުނު ބަޔާނުގައި ބުނީ މާލެ ސަރަހައްދުގައި ހިތާމަވެރި ހާދިސާތައް މަދުކުރުމަށާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާ ގުޅުންހުރި މުއައްސަސާތަކާއެކު މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެގޮތުން މާލެ ސިޓީގައި ހިންގަމުންދާ ގަރާޖްތަކާއި، ކެމިކަލް ގުދަންތައް މާލޭ އިންޑަސްޓްރިއަލް ޒޯނަށް ބަދަލުކުރުމުގެ ގޮތުން މާލޭ ސިޓީ ރައްޔިތުންގެ ލަފަޔާއި މަޝްވަރާ ހޯދުމަށް ފަހު މާލެ ސިޓީ ލޭންޑް ޔޫސް ޕްލޭން މިހާރު ވަނީ ތައްޔާރު ކުރެވިފައިވާ ކަމަށާއި، މާލެ ސަރަހައްދުގައި ހުރި އެފަދަ ތަންތަން މާލޭ އިންޑަސްޓްރިއަލް ޒޯނަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.
މާލެ ސަަރަހައްދުގައި ހުރި އެފަދަ ތަންތަން ބަދަލުކުރުމަށް ކަނޑާއަޅާ ތަނެއްގެ ގޮތުގައި ހަމަޖައްސައި ދެއްވައި، މިހާރުން މިހާރަށްވެސް އިންޑަަސްޓްރިއަލް ވިލެޖްގައި ބޭނުން ނުކޮށް އޮތް ސަރަހައްދަށް ބަދަލުކުރުމަށް ސިޓީ ކައުންސިލުން ވަނީ ގޮވާލާފަ އެވެ.













