އަޑެލެއިޑް، އޮސްޓްރޭލިއާ (ނޮވެމްބަރު 10) - ސެމީ ފައިނަލުގައި 10 ވިކެޓުން ލަދުވެތި ގޮތަކަށް އިންޑިއާ ކަޓުވާލުމަށް ފަހު، އިންގްލެންޑް ޓީ20 ކްރިކެޓް ވޯލްޑް ކަޕްގެ ފައިނަލުން މިއަދު ޖާގަ ހޯދިއިފި އެވެ.
ފައިނަލުގައި އާދިއްތަ ދުވަހު އިންގްލެންޑުން ކުޅޭނީ ޕާކިސްތާނާ ދެކޮޅަށެވެ. ޕާކިސްތާނުން 1992 ވަނަ އަހަރު ލިމިޓެޑް 50 އޯވަރުގެ ކްރިކެޓް ވޯލްޑް ކަޕްގެ ތަށި އުފުލާލީ، އޮސްޓްރޭލިއާގެ މެލްބާން ކްރިކެޓް ގްރައުންޑްގައި ކުޅުނު ފައިނަލުގައި އިންގްލެންޑް ބަލިކޮށްފަ އެެވެ. މި ފަހަރު ވެސް އެ ޓީމުގެ އަމާޒު ހުރީ އެ ކާމިޔާބީ ތަކުރާރު ކުރުމަށެވެ.
ޕާކިސްތާނުން 2009 ވަނަ އަހަރަށް ފަހު ކުޅޭ ފުރަތަމަ ފައިނަލު ކަމަށްވާ މި ފަހަރުގެ ޓީ20 ވޯލްޑް ކަޕްގެ ފައިނަލަށް ދަތުރުުކުރީ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ނިއު ޒީލެންޑް އަތުން މޮޅުވެގެންނެވެ. އަނެއްކޮޅުން، މިއީ 2010 ވަނަ އަހަރު ޗެމްޕިއަންކަން ހޯދި އިންގްލެންޑުން، 2016 ވަނަ އަހަރުގެ ފަހުން ޓީ20 ވޯލްޑް ކަޕްގެ ފައިނަލުގައި ކުޅޭ ފުރަތަމަ ފަހަރެވެ.
އަޑެެލެއިޑް އޯވަލްގައި މިއަދު ކުޅުނު މެޗުގައި ޓޮސް ދިމާވީ އިންގްލެންޑަށެވެ. އެ ޓީމުން ނިންމީ ހޮވާށެވެ. އިންޑިއާ އިން ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި ހަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 168 ލަނޑެވެ. އިންޑިއާ އަށް މި މެޗުގައި އެންމެ ރަނގަޅު ކުޅުމެއް ދެއްކީ، މި ފަހަރުގެ މުބާރާތުގެ އެހެން މެޗުތަކުގައި ބެޓިންގައި އެހާ ބޮޑު ތަފާތެއް ނުދެއްކުނު ހާޑިކް ޕާންޑްޔާ އެވެ. އޭނާ 33 ބޯޅައިން 63 ލަނޑު އެއްކުރި އެވެ.

އިންގްލެންޑްގެ ޖޯޑަން މެޗުގެ ތެރެއިން އިންޑިއާގެ ވިރާތަށް ބަލަހައްޓައިގެން.
އިންޑިއާގެ ތަރި، ވިރާތު ކޯލީ 50 ލަނޑު އެއްކުރި ފަހުން ނުބައިވިއިރު، މި މެޗުގައި އިންޑިއާ ޕްރެޝަރަށް ދިޔައީ އާންމު ގޮތެއްގައި އެންމެ ރަނގަޅު ސްކޯރިން އެއްގައި ނިންމާލާ އެއް ކުޅުންތެރިޔާ، ސޫރްޔަކުމާރް ޔާދަވް އެވްރެޖަށް ވުރެ ވެސް ދަށްވުމެވެ. ސޫރްޔާ އަށް ހެދުނީ އެންމެ 14 ލަނޑެވެ. ކެޕްޓަން ރޯހިތު ޝަރްމާ މި މެޗުގައި ނުބައިވީ 27 ލަނޑު ހެދިތަނުންނެވެ.
އިންގްލެންޑްގެ ކްރިސް ޖޯޑަން ވަނީ ތިން ވިކެޓް ނަގައިފަ އެވެ. އެއީ ރޯހިތު އާއި ވިރާތު އަދި ހާޑިކްގެ ވިކެޓެވެ.
އިންގްލެންޑުން ކުޅެން އަރައި، ކުޅުންތެރިއަކު ނުބައިނުވެ، ނިންމައިލީ ކެޕްޓަން ޖޯޝް ބަޓްލާ އާއި އަލެކްސް ހޭލްސްގެ ޕާޓްނާޝިޕުންނެވެ. އިންޑިއާ ކައިރިން އިންގްލެންޑުން ނަތީޖާ އަނބުރާލީ 16 އޯވަރުގެ ތެރޭގައި 170 ލަނޑު ހަދައިގެންނެވެ. ބަޓްލާ 80 ލަނޑު ހެދިއިރު، ހޭލްސް ވަނީ 86 ލަނޑު ހަދައިފަ އެވެ.
މިއީ ފަހުގެ ތާރީހުގައި ޓީ20 ފޯމެޓްގައި އިންޑިއާ ގައުމީ ޓީމު، 10 ވިކެޓުން ބަލިވި ފުރަތަމަ ފަހަރެވެ. އަދި މިއީ ޓީ20 ވޯލްޑް ކަޕެއްގެ ނޮކައުޓް މެޗެއްގައި ވެސް އިންޑިއާ އަށް ކުރިމަތިވި ދަށް ނަތީޖާ އެކެވެ.
އިންޑިއާގެ ކެޕްޓަން ރޯހިތު ބުނީ މި މެޗުގައި އެ ޓީމުން ރޭވި ގޮތަށް އެއްވެސް ކަމެއް ނުދިޔައިރު، ޓީމުން އެއް މިސާރަބެއްގައި މަސައްކަތް ކުރުމުގައި ގޮންޖެހުންތަކެއް ދިމާވި ކަމަށެވެ. އަދި އިންޑިއާ ޓީމުގެ ދަށް ދުވަހަކާ ދިމާވީ އިންގްލެންޑް ވަރަށް ފޯމުގައި އޮތް ވަގުތަކާ ކަމަށާއި އޭގެ ނަތީޖާ ފެނުނީ ސްކޯ ބޯޑުން ކަމަށް ރޯހިތު ވަނީ ބުނެފަ އެެވެ.












