ޒަގްރެބް (ނޮވެމްބަރު 10) - ފީފާ ވޯލްޑް ކަޕަށް ކްރޮއޭޝިއާ އިން ނެގި ސްކޮޑް ރޭ އިއުލާންކުރިއިރު އެ ޓީމުގެ ކެޕްޓަން ލޫކަ މޮޑްރިޗް ސްކޮޑުގައި ހިމަނައިފި އެވެ.
މިއީ ވޯލްޑް ކަޕްގައި މޮޑްރިޗް ކުޅޭ ހަތަރު ވަނަ ފަހަރު އެވެ.
ދެހާސް އަށާރަ ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ފައިނަލް އިން ކްރޮއޭޝިއާ ޖާގަ ހޯދިއިރު، އެ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ މޮޑްރިޗް ،37، އެވެ. މޮޑްރިޗް ވަނީ 2018 ވަނަަ އަހަރުގެ ވޯލްޑް ކަޕްގެ އިތުރުން، 2006 އަދި 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ކުޅެފައެވެ.
މި އަހަރުގެ ވޯލްޑް ކަޕަށް ފަހު ގައުމީ ޓީމަށް ކުޅުން ހުއްޓާލާނެ ކަމަށް މޮޑްރިޗް ވަނީ ކުރިން ބުނެފަ އެވެ.
ކްރޮއޭޝިއާގެ ސްކޮޑްގައި ޓޮޓެންހަމްގެ އީވާން ޕެރިސިޗް އަދި ޗެލްސީގެ މަޓެއޯ ކޮވަޗިޗް ވެސް ޖާގަ ހޯދިއެވެ.
މި އަހަރުގެ ވޯލްޑް ކަޕްގައި ކްރޮއޭޝިއާ އޮތީ ގުރޫޕް އީގައެވެ. މި ގުރޫޕްގައި ދެން އޮތީ ބެލްޖިއަމް، ކެނެޑާ އަދި މޮރޮކޯއެވެ. މި އަހަރުގެ ވޯލްޑް ކަޕްގައި ކްރޮއޭޝިއާ ކުޅޭ ފުރަތަމަ މެޗުގައި މި މަހުގެ 23 ވަނަ ދުވަހު ނުކުންނާނީ މޮރޮކޯއާ ދެކޮޅަށެވެ.
ކްރޮއޭޝިއާގެ ކޯޗު ޒްލަޓްކޯ ޑަލިޗް ބުނީ ތަޖުރިބާކާރު ކުޅުންތެރިންތަކަކާ އެކު، ޒުވާން ކުޅުންތެރިންތަކެއް ހިމެނޭ ސްކޮޑާ މެދު ބޮޑު އުންމީދުތަކެއް ކުރެވޭ ކަމަށެވެ.
"ކުޅުންތެރިންނަށް އިތުބާރުކުރަން. ޒުވާން ކުޅުންތެރިންނަށް ތަޖުރިބާކާރު ކުޅުންތެރިންގެ ފުށުން ކުރިއެރުންތައް ލިބޭނެ. ވަރަށް އުންމީދު ބޮޑު މި ޓީމާމެދު،" ޑަލިޗް ބުންޏެވެ.
މި ފަހަރުގެ ވޯލްޑް ކަޕްގައި ކްރޮއޭޝިއާ ހިމެނެނީ ބެލްޖިއަމް އާއި ކެނަޑާ އަދި މޮރޮކޯއާ އެކު ގްރޫޕް އެފްގަ އެވެ.












