ޕެރިސް (ނޮވެމްބަރު 10) - ފީފާ ވޯލްޑް ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް އިން މި އަހަރުގެ ވޯލްޑް ކަޕަށް ނެގި ސްކޮޑް ރޭ އިއުލާންކުރިއިރު، އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި މި ވަގުތުހުރި މެންޗެސްޓާ ޔުނައިޓަޑްގެ ޑިފެންޑަރު ރަފައެލް ވަރާން ސްކޮޑުގައި ހިމަނައިފި އެވެ.
ވަރާން އަށް އަނިޔާވީ އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓަޑް މިދިޔަ މަހުގެ 22 ވަނަ ދުވަހު ކުޅުނު މެޗުގަ އެވެ. އޭގެ ފަހުން އޭނާހުރީ ކުޅުމާ ދުރުގަ އެވެ.
ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބުނީ ވަރާންގެ ރިކަވަރީގެ ހުރިހާ ކަމެއްވެސް ރަނގަޅަށް ކުރިއަށް ގޮސްފިނަމަ، އޮސްޓްރޭލިއާއާ ދެކޮޅަށް މި މަހުގެ 22 ވަނަ ދުވަހު ފްރާންސް ވޯލްޑް ކަޕްގައި ކުޅޭ ފުރަތަމަ މެޗަށް ވަރާން ފިޓުވާނެ ކަމަށެވެ.
ވޯލްޑް ކަޕްގެ ސްކޮޑަށް ނެގެން އޮތް 26 ކުޅުންތެރިންގެ ތެރެއިން 25 ކުޅުންތެރިންގެ ސްކޮޑެއް ޑެޝޯމްޕްސް ރޭ އިއުލާންކުރިއިރު، 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ޓީމުގައި ހިމެނޭ 11 ކުޅުންތެރިން ވަނީ ސްކޮޑުގައި ހިމަނައިފަ އެވެ. އޭގެ ތެރޭގައި ކެޕްޓަން ހޫގޯ ލޮރިސް އާއި ރިޒާވް ކީޕަރު ސްޓީވް މަންޑާނާ އާއި އޮންޓޮއިން ގްރީޒްމަން އަދި ކިލިއަން އެމްބާޕޭ ހިމެނެ އެވެ.

ފްރާންސްގެ މެޗެއްގެ ތެރެއިން ވަރާން (ކ) އެ ޓީމުގެ ކޯޗު ޑެޝޯމްޕްސްއާ ވާަހަކަ ދައްކަނީ.
މީގެ އިތުރުން، 2014 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ފަހުން ފުރަތަމަ ފަހަރަށް ރެއާލް މެޑްރިޑްގެ ފޯވަޑް ކަރީމް ބެންޒެމާ އަށް ވަނީ ވޯލްޑް ކަޕްގައި ކުޅުމުގެ ފުރުސަތު ލިބިފަ އެވެ. ފްރާންސްގެ ގައުމީ ޓީމަށް ކުރިން ކުޅުނު މެތިއު ވަލްބުއޭނާ އަށް ބްލެކްމެއިލް ކުރި މައްސަލައިގެ ސަބަބުން ބެންޒެމާ ވަނީ ފަސް އަހަރަށް ވުރެ ދިގު މުއްދަތަކަށް ގައުމީ ޓީމުން ބާކީކޮށްފަ އެވެ. އެކަމަކު އަލުން ގައުމީ ޓީމުން ޖާގަ ހޯދައި، މިދިޔަ އަހަރު އޮތް ޔޫރޯ އާއި ނޭޝަންސް ލީގުގެ ފައިނަލް ބުރުގައި ވަނީ މޮޅަށް ކުޅެފަ އެވެ.
މީގެ އިތުރުން، އޭސީ މިލާނަށް ކުޅެމުންދާ ތަޖުރިބާކާރު ފޯވަޑް އޮލިވިއޭ ޖިރޫ ވެސް ވަނީ ވޯލްޑް ކަޕްގެ ސްކޮޑުގައި ހިމަނައިފަ އެވެ. ފްރާންސްގެ ގައުމީ ޓީމަށް މިހާތަނަށް އެންމެ ގިނަ ލަނޑު ޖަހާފައިވާ ތިއެރީ އޮންރީގެ ރެކޯޑާ އެއްވަރުކުރުމަށް ޖިރޫ މިހާރު ބޭނުންވަނީ ދެ ލަނޑެވެ.
ޑެޝޯމްޕްސްގެ ރޭވުންތަކުގައި ފްރާންސްގެ މިޑްފީލްޑްގައި އެންމެ މުހިންމު ދައުރެއް އަދާކުރަމުންދާ ޗެލްސީގެ އެންގޯލޯ ކާންޓޭ އާއި ޕައުލް ޕޮގްބާ އަށް އަނިޔާގެ ސަބަބުން މި ފަހަރުގެ ވޯލްޑް ކަޕްގައި ނުކުޅެެވެއެވެ.
"މިރޭ އަހަންނާމެދު ބައެއް މީހުން ހިތްހަމަނުޖެހޭނެކަން އެނގޭ،" 25 ކުޅުންތެރިންގެ ސްކޮޑާ ގުޅޭގޮތުން ޑެޝޯމްޕްސް ބުންޏެވެ.
"25 ކުޅުންތެރިން ތިބޭނީ ވަރަށް ހިތްހަމަޖެހިފައި. އެކަމަކު، އޭގެ ތެރެއިން ކޮންމެ ކުޅުންތެރިއެއް ވެސް ބޭނުންވާނެ ފުރަތަމަ 11 ގައި ކުޅެން. އެކަަމަކު އެއީ ވާނެ ކަމެއް ނޫން. މުހިންމީ މި ނެގި ސްކޮޑްގެ ވަރުގަދަކަން."
ފްރާންސް ގްރޫޕްގައި ހިމެނެނީ އޮސްޓްރޭލިއާ އާއި ޑެންމާކް އަދި ޓިއުނީޝިއާ އެވެ.
ވޯލްޑް ކަޕަށް ނެގި ފްރާންސްގެ ސްކޮޑް:
ގޯލްކީޕަރުން: ހޫގޯ ލޮރިސް (ޓޮޓެންހަމް ހޮޓްސްޕާސް/އިންގްލެންޑް)، ސްޓީވް މަންޑަންޑާ (ރެނޭ / ފްރާންސް)، އަލްފޮންސޯ އަރެއޯލާ (ވެސްޓް ހޭމް/އިންގްލެންޑް)
ޑިފެންޑަރުން: ލޫކަސް ހެނާންޑޭޒް (ބަޔާން މިއުނިކް/ޖަރުމަން)، ތެއޯ ހެނާންޑޭޒް (އޭސީ މިލާން/އިޓަލީ)، ޕްރެސްނެލް ކިމްޕެމްބޭ (ޕީއެސްޖީ/ފްރާންސް)، އިބްރާހިމާ ކޮނާޓޭ (ލިވަޕޫލް/އިންގްލެންޑް)، ޖޫލްސް ކޫންޑޭ (ބާސެލޯނާ/ސްޕެއިން)، ބެންޖަމިން ޕަވާޑް (ބަޔާން މިއުނިކް/ޖަރުމަން)، ވިލިއަމް ސަލީބާ (އާސެނަލް/އިންގްލެންޑް)، ރަފައެލް ވަރާން (މެންޗެސްޓާ ޔުނައިޓެޑް/އިންގްލެންޑް)، ޑަޔޯޓް އުޕަމެކާނޯ (ބަޔާން މިއުނިކް/ ޖަރުމަން)
މިޑްފީލްޑަރުން: އެޑުއާޑޯ ކަމަވިންގާ (ރެއާލް މެޑްރިޑް/ސްޕެއިން)، ޔޫސޮފް ފޮފާނާ (މޮނާކޯ/ފްރާންސް)، މަޓެއޯ ގުއެންޑޫޒީ (މާސޭ ފްރާންސް)، އެޑްރިއަން ރަބިއޯ (ޔުވެންޓަސް/އިޓަލީ)، އައުރެލިން ޗުއަމެނީ (ރެއާލް މެޑްރިޑް/ ސްޕެއިން)، ޖޯޑަން ވެރެޓޫ (މާސޭ)
ފޯވާޑުން: ކަރީމް ބެންޒެމާ (ރެއާލް މެޑްރިޑް/ސްޕެއިން)، ކިންގްސްލީ ކޯމަން (ބަޔާން މިއުނިކް/ޖަރުމަން)، އޮސްމާން ޑެމްބެލޭ (ބާސެލޯނާ/ސްޕެއިން)، އޮލިވިއޭ ޖިރޫ (އޭސީ މިލާން/އިޓަލީ)، އެންޓޮއިން ގްރީޒްމަން (އެތުލެޓިކޯ މެޑްރިޑް/ސްޕެއިން)، ކީލިއަން އެމްބާޕޭ (ޕީއެސްޖީ/ފްރާންސް)، ކްރިސްޓޮފާ އެންކުންކޫ (އާރްބީ ލައިޕްޒިގް/ޖަރުމަން).












