ރާޅުން ދަސްވި ދިރިއުޅުމާ އެކު ކަބޯގެ އޮތީ ނުގުޑާނެ އަޒުމެއް

ރާޅުގަނޑު ސަރަހައްދުގައި ކަބޯ ސާފިން ބޯޑު ހިފައިގެން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ރާޅުގަނޑު ސަރަހައްދުގައި ކަބޯ ސާފިން ބޯޑު ހިފައިގެން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ރާއްޖޭގައި މޫދު ކުޅިވަރަށް ހިތްޖެހޭ ޒުވާނުން އެންމެ ފުރަތަމަ އެކަން ފަށަނީ އަމިއްލަ ހިތްހަަމަޖެހުމަށެވެ. ރަށްޓެހިންނާ އެކު ވަގުތު ހޭދަކޮށްލަން ކުރާ ކަމެއްގެ ގޮތުގަ އެވެ. އެކަމަކު، ރަށެއްގައި ވަކި ކުޅިވަރެއްގެ ސަގާފަތެއް އޮތުމަކީ، އެ ކަމަށް ޒުވާނުން އަހުލުވެރިވާ ނިސްބަތްވާ އަދަދު ގިނަވާ ސަބަބަކެވެ.

ގދ. ގައްދޫ އަށް އުފަން، ކުޅަދާނަ ސާފިން ތަރި، ނަޖާހު މުހައްމަދު (ކަބޯ) ވާހަަކަ ވެސް ފަށަން ޖެހެނީ ރަށްޓެހިންނާ ގުޅޭ ހިސާބަކުންނެވެ. ޒުވާން ޖޯޝުގައި އޭނާ، އެ ކަމަށް ހިތްޖެހިގެން ކުރިއަށްދާން ލާން ފެށި ހިތްވަރުގެ ވާހަކައިންނެވެ.

ކަނބޯ، ސާފިން އިން އުޖާލާ މުސްތަގުބަލެއް ހޯދަން ބެލިއިރު، އެ ކުރަމުން އައި އެ ހުރިހާ މަސައްކަތަކަށް ބާރު ލިބޭ ސަބަބަކީ ރާޅާ އެޅުމަށް ހާއްސަ ލޯތްބެއް އޮތް ގައްދޫގައި އެކަމުން ދިރިއުޅުމެއް ލިބިފައި އޮތް މީހުން ވެސް ތިބުމެވެ.

"އުމުރުން ނުވަ އަހަރުގައި ފެށީ ރާޅަށް ދާން. ރަށްޓެހިން ރާޅަށް ދާތަން ފެނުނީމަ ފެށީ. ފުރަތަމަ ދިޔައީ ފަރުމަތިން، ތިން އަހަރު ގާތްގަނޑަކަށް ފަރުމަތީގައި އުޅުނީ، އުމުރުން 12 އަހަރުގައި ކަނޑަށް ފައިބަން ފެށީ. ދެން، ބުނެވޭނެ، ރަސްމީކޮށް ސާފްކުރަން ފެށީ އުމުރުން 12 އަހަރުގައި،" މިދިޔަ ތިން އަހަރަށް ބަލާއިރު، ރާއްޖޭގައި އެއް ފެންވަރެއްގައި ހިފަހައްޓައި، ކުރިއެރުން ހޯދުމުގައި ނަމޫނާ ދައްކަމުން އަންނަ ސާފަރެއް ކަމަށްވާ ކަބޯ "އަދަދު" އަށް ބުންޏެވެ.

ނަޖާހު ރާޅުގަނޑު ސަރަހައްދުގައި އިށީނދެލައިގެން: އޭނާ ދެކޭގޮތުގައި ގައުމީ ސާފް ލީގެއް އޮތުމުގެ ފައިދާ ބޮޑު.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ޒަމާނުއްސުރެއް މޫދު ކުޅިވަރަށް ޝައުގުވެރިކަން ހުންނަ ކުދިންނަށް އެކަން ފަށައިގެން އަންނައިރު، މާބޮޑު އެއްބާރުލުމެއް ނުލިބެ އެވެ. އެ ކުދިންނަށް ނިސްބަތްކޮށް ބުނެ އުޅޭ އެއް ބަހަކީ އެއީ، "ވަކަރުގޭ ކުދިން" ކަމަށެވެ. ޖެހެނީ މީހުންގެ ކުރިމަތީގައި އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ކަންތައްތައް ސާބިތުކޮށްދޭށެވެ.

ކަބޯ، 25، އަށް ވެސް އެންމެ ފުރަތަމަ ދުވަސްތަކުގައި ދިމާވީ "އުނދަގުލާއި ދަތިތަކުގެ ތެރެއިން" ވެސް އެ އިރެއްގައި އެންމެ ރަނގަޅު ހައްލެއް ހޯދައި، އެ މަގުން ކުރިއަށް ދިއުމެވެ.

"ފަށައިގެން އައިއިރުގައި އަސްލު އެހާ ސަޕޯޓެއް ނެތް، އޭރު ވަރަށް އުނދަގޫ ބޯޑު ވެސް ހޯދަން. އޭރު އަހަރެމެންނަށް ވުރެން ކުރިން މީހުން ރާޅާއެޅި، ދެން އެ މީހުން އަތުން ބޯޑު ހޯދަނީ، އޭރުދެން ބޯޑު ހިފައިގެން އެރިލަން ވެސް މި ލިބެނީ ގާތްގަނޑަކަށް ބައިގަޑިއިރު. އެރިލާފައި އަރަން ޖެހޭނީ އަނެއްކާ އެެހެން މީހަކަށް ދޭން،" ފުރަތަމަ ދުވަސްވަރުގައި ހުރި ގޮންޖެހުންތައް ހަނދާންކޮށް، ކަބޯ ބުންޏެވެ.

ވާދަވެރި ރޫހެއްގައި ސާފިން އިން ކުރިއަށްދާން އަބަދުވެސް އޮތް އުންމީދާ އެއްގޮތަށް ކުރިއަށްދެވެން ކަބޯ އަށް އޮތީ މުބާރާތްތަކުގައި ވެސް ވާދަކޮށްގެންނެވެ، އެ ގޮތުން، ލ. އަތޮޅުގައި ބޭއްވި މުބާރާތެއްގައި ވާދަކޮށް، ރާއްޖޭގެ ނަން ފަވާލެވޭ ސާފަރުންނާ އެއް ހަމައެއްގައި ކަބޯ ވިދާލި އެވެ. ފުރަތަމަ ވާދަކުރި އެ މުބާރާތުގެ ސެމީ ފައިނަލަށް ގޮސް، ހަތަރެއްގައި ނިންމާލުމާ އެކު، ގައްދޫން އަނެއްކާ ވެސް ސާފިން ތަރިއެއް، ސާފިން ކޮމިއުނިޓީ އަށް ވެސް ފެނުނީ އެވެ.

"އެ ފަހަރު ހިތަށް އެރީ މީ ރަނގަޅު ކަމެކޭ، ރަނގަޅު ވަނައެއް ލިބުނީމަ. ސާފިންގެ މީހުން ވެސް ސަޕްރައިޒްވި، އެއީ އެ މީހުންނަށް ނުފެންނަ ކުއްޖެއް ކުއްލިއަކަށް ފާހަގަވީ، މުޅިން އަލަށް އެޅި މީހެއް،" ކަބޯ ބުންޏެވެ.

"އެ ހިސާބުން ކުރިއަށްދާން ސަޕޯޓް ލިބެން ފަށައިފި، ރަށުން ވެސް،"

އޭގެ ފަހުން، ކުޑަ ހުއްޓުމެއް އައި ނަމަވެސް ފަހުން، އަނެއްކާ ވެސް ނުކުތީ މާ ވަރުގަދަ ރޫހެއްގަ އެވެ. ގައުމީ ލެވަލްގެ މުބާރާތްތަކުގައި ވެސް ވާދަކޮށް ކަބޯ ދިޔައީ ތަފާތު ދައްކަމުންނެވެ. ކަބޯ އަށް ލިބެމުން އަންނަ ކުރިއެރުންތަކެއް ފެނިފައި އޭރު އޭނާ އާ ބައްދަލުވާ މީހުން ވެސް ދޭ މެސެޖަކީ "ހިތްވަރު އެލުވާނުލައި" ކުރިއަށް ދިއުމަށެވެ.

ކަބޯގެ ކެރިއަރުގައި މިހާތަނަށް ވެސް ހާއްސަ ކާމިޔާބީތަކެއް އެބައޮތެވެ. އޭގެ ތެރެއިން އެއް ކަމަކީ މިދިޔަ އަހަރުގެ ގައުމީ ސާފިން މުބާރާތް، ރަންނަމާރި ޗެލެންޖްގައި ހޯދި ކާމިޔާބެވެ. ކަބޯ ވަނީ ރަންނަމާރި ޗެލެންޖްގެ ސީނިއާ ޝޯޓް ބޯޑް ކެޓެގަރީން ތިން ވަނަ ހޯދައިފަ އެވެ. އެއީ ރާއްޖޭގެ ލެޖެންޑް، އަބްދުﷲ އަރީފް (ފުކޫ)

ކަބޯ އާއި ފުކޫ ވާދަކުރި ހީޓުގައި ދެ ބައިވެރިން ވެސް ޕޮއިންޓުގެ ގޮތުންވީ އެއްވަރެވެ. ކަބޯ އާއި ފުކޫ ވެސް ނިންމާލީ 10.60 ޕޮއިންޓް ސްކޯއަކާ އެކު އެވެ. އެކަމަކު، ކަބޯ އަށް ތިން ވަނަ ލިބުނީ ހަތް ރާޅުން ސްކޯކުރުމުންނެެވެ. ފުކޫ އަށް އެ އަދަދަށް ޕޮއިންޓް ސްކޯ ކުރެވުނީ އަށް ވަނަ ރާޅުންނެވެ.

"ފުކޫ އަކީ ބްރޭންޑެއް، ފުކޫ އަކީ ފޭމަސް (މަޝްހޫރު) މީހެއް. އޭނަ އަކީ މޮޅު ރާޅާ އެޅުންތެރިއެއް، އަސްލު ހީއެއް ވެސް އުންމީދެއް ވެސް ނުކުރަން ފުކޫ ކައިރިން މޮޅުވާނެ ކަމަށް. އެކަމަކު، ކުރި ހިތްވަރުން އެކަންވީ، ވަރަށް ހާސްވެސް ވެފައި ހުރީ ވެސް. މަށަށް ވުރެން މޮޅު މީހުން މި ތިބީ ހައްތަހާ ވެސް. އިބޫ ވިޔަސް، ފުކޫ ވިޔަސް، އައްމަޑޭ ވިޔަސް މަޑޭ ވިޔަސް، ސްމައިލީ ވެސް،" ސާފިންގައި އޭނާ ދަސްކުރަން ޖެހޭ ކަންކަން ހުރިކަން ފާހަގަކޮށް ކަބޯ ބުންޏެވެ.

މިދިޔަ އަހަރުގެ ރަންނަމާރި ޗެލެންޖްގެ ޝޯޓް ބޯޑް ކެޓަަގަރީން ތިން ވަނަ ހޯދުމަށް ފަހު ކަބޯ (ވ) ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ އެކު ފޮޓޯ އަކަށް ހުއްޓިލައިގެން.

ގައުމީ ސާފިން ލީގު: ކަބޯ އަށް ފެންވަރު ވަޒަންކޮށް ކުރިއަށްދާން ހުޅުވުނު ދޮރެއް

ރާއްޖޭގެ ސާފިން އެހެން ހަރުފަތަކަށް ގެންދަން، މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން ފެށިއިރު، އެމްއެސްއޭގެ އެންމެ ބޮޑު ވިސްނުމަކަށް ވީ ގައުމީ ސާފް ލީގު މި އަހަރު ރާއްޖޭގެ ފަސް ސަރަހައްދެއްގައި ބޭއްވުމެވެ. އެ ގޮތުން، ގދ. ގައްދޫ، މ.މުލި، ރ.ކިނޮޅަސް، ކ.ހިންމަފުށި އަދި ކ.މާލެ އަކީ މުބާރާތް ބާއްވާ ފަސް ސަރަހައްދުގެ ގޮތުގައި ކަނޑައެޅި އެވެ.

ގައުމީ ސާފް ލީގުގެ ފުރަތަމަ ހަތަރު މުބާރާތް ނިމި، މިއަދު މާލޭ ރާޅުގަނޑު ސަރަހައްދުގައި ފަށާފައިވަނީ އޭގެ އެންމެ ހާއްސަ މުބާރާތް، ރަންނަމާރި ޗެލެންޖް އެވެ.

ކަބޯ ބުނީ އޭނާ އަށް ސާފް ލީގު ފެށުން ދިޔައީ ވަރަށް ރަނގަޅަށް ކަމަށާއި އަމިއްލަ ރަށުގައި، ބޭއްވި ސާފް ލީގުގެ ފުރަތަމަ މުބާރާތް، "ކަޅެގަލެކޮޑާ 2022" އިން ވަރަށް ބޮޑު ހިތްވަރެއް ލިބުނު ކަމަށެވެ.

"އަސްލު ގައްދޫ މުބާރާތުގައި ހިއެއް ނުކުރަން ފައިނަލުގައި އެޅޭނެ ކަމަށް، އެކަމަކު، ކުރި މަސައްކަތުން ފައިނަލުގައި އަޅާފައި. އަނެއްކާ މުލި މުބާރާތުގެ ފައިނަލުގައި އެޅީ،" ގައުމީ ސާފް ލީގުގެ ފުރަތަމަ މުބާރާތްތައް ހަނދާން ކުރަމުން ކަބޯ ބުންޏެވެ.

"ދެން އައީ. ކިނޮޅަސް މުބާރާތް، އޭގެ ކުއާޓާ ފައިނަލުން ބަލިވީ. ރާޅުވެސް ވަރަށް ކުދި، އެހާ ފިޓް ވެސް ނޫން އަސްލު ބޯޑުތައް ވެސް ބަދަލުވެފައި. އަސްލު އަޅާ ބޯޑެއް ނޫން ބޯޑެއް ވީމަވެސް އުނދަގޫ. ދެން، އެޅީ (އެންމެ ފަހުން) ހިންމަފުށީގައި، މުބާރާތް ފެށެން އޮތް ދުވަހުގެ ކުރީ ދުވަހު ލިގަމެންޓަށް އަނިޔާވީ. އެ އިންޖަރީގައި ހުރެ ވެސް ވަރަށް މަސައްކަތުން ކުއާޓާ އަށް ދިޔައީ، ހޫބްސް އާ ޖެހި، ބަލިވީ،"

ކަބޯ ދެކޭ ގޮތުގައި ސާފިން ލީގެއްގެ ގޮތުގައި ބޭއްވުމުގެ ފައިދާ ބޮޑެވެ. އެއީ ސާފަރުންނަށް ކުރިއެރުން ބަލައިލާން ފަސޭހަވުމާއި އަމިއްލަ އަށް ހުރެވޭ ހިސާބަކުން ދެން އިން ލެވަލަށް ދާން ކުރަން ޖެހޭ މަސައްކަތް އެނގުމެވެ.

ގައްދޫގެ ވަރުގަދަ ސާފިން ސްޕޮޓުން، ދަސްކޮށްގެން ރާއްޖޭގެ ލެވަލާއި ބައިނަލްއަގުވާމީ ލެވަލްގައި ވެސް ކަބޯ މިހާތަނަށް ވަނީ ވާދަކޮށްފަ އެވެ. ރާއްޖޭން ބޭރުގައި ވާދަކުރީ ލަންކާގައި ބޭއްވި ރެޑްބުލް މުބާރާތެއްގައި އެކަންޏެވެ.

ކަބޯ އަދިވެސް ދެކޭ އެއް ހުވަފެނެއް އެބައޮތެެވެ. އެ އަށް މަސައްކަތް ކުރުން ހުއްޓައިނުލަން އޭނާ ހުރީ ވަރުގަދަ އަޒުމެއްގަ އެވެ.

"މީގެ އަމިއްލަ އަށް އެންމެ ދެކެން ބޭނުންވަނީ ރާއްޖޭގެ އެއް ވަނައިގެ ގޮތުގައި. ވަރަށް ބޭނުން އެއްޗެއް އެއީ، ރާޅާ އަޅަން ފެށިއިރު ވެސް ހިތުގައި އޮތް އެއްޗެއް، އެކަން ކޮށްފައޭ މިކަން ހުއްޓާނީ. އެ ހިތްވަރާ އެކީ އަދިވެސް މަސައްކަތް މި ކުރަނީ. އަދިވެސް ދެ ވަނައިގައި މި އޮތީ. އަދި އެބައޮތް އެއް ވަނަ އަށް އަރަން ވެސް މަސައްކަތް، ޗެމްޕިއަން ނަގައިފިއްޔާ ވެސް އެރޭނެ،" ކަބޯ ބުންޏެވެ.

ކަބޯ ރާޅުގަނޑުގައި ސާފްކުރަނީ: އެކި ސާފް ސްޕޮޓްތަކުގައި ރާޅާއަޅަން ޖެހޭގޮތް ތަފާތުކަން ފާހަގަކޮށް، މި ކަމުން ކުރިއަށްދާން ތިބި ކުދިންނަށް މުހިންމު މެސެޖެއް ދިން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މިއަދު ފެށި ރަންނަމާރި ޗެލެންޖަށް ނުކުންނައިރު، މިހާތަނަށް ކެރިއަރުގައި ކުރެވުނު ކަންކަމުން ކަބޯ އަށް އޮތީ އަމިއްލަ ނަފްސާ މެދު އިތުބާރެވެ. ކުޑައިރުގައި އަމިއްލަ ރަށުން ގޮންޖެހުންތަކުގެ ތެރެއިން ވެސް މި ކުޅިވަރުން އޭނާ އަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހޯދުނު ކާމިޔާބީ އަކީ ފެށުމެއްގެ ގޮތުގައި ބަލަން އޭނާ ހުރީ ވިސްނައިގެންނެވެ. އެއީ އަދި ކުރިއަށް މާ އުޖާލާ ދުވަސްތަކެއް އޮތް ކަމަށް ދެކިގެންނެވެ.

"އަސްލު، ކަބޯ މިއީ ބަލިވިޔަސް ބަލި ގަބޫލުކުރާ މީހެއް. އޭތި އިންނާނެ. ބަލިވީމަ، އެ ގަނޑީގައި ވަރަށް ދެރަވޭ. އެކަމަކު، ފަހުން ވަރަށް ހެޕީވޭ، މީހުންނަށް ވަނަތަށް ލިބޭތީ،" ކަބޯ، ޔަގީންކަމާ އެކު ބުނެލި އެވެ.

"އެއީ، ކަބޯ ހިތުގައި އޮވޭ އަދި އެބައޮތްކަން ކަބޯ މަސައްކަތް ކޮށްފިއްޔާ އެ ދުވަސް (އެއް ވަނަ) ލިބެން. އަދި ވާނެކަން އެނގޭ. އެބަތިބި ވަރަށް ރަނގަޅަށް މުބާރާތުގައި އަޅާފައި ވެސް ވަނަ ވެސް ނުލިބޭ މީހުން، ކަބޯ އަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މި ހިސާބަށް އާދެވުނީމަ ވެސް ހިތްހަމަޖެހޭ. ފުރަތަމަ މުބާރާތް ނިމުނުއިރު (ސާފިން ލީގުގެ) އެއް ވަަނައިގައި ވެސް އިން ރޭންކިން، އެކަަމަކު، އޭގެ ފަހުން އެކި ގޮތްގޮތަށް ދިމާވެ، މީނީ ދެ ވަނައިގައި، އޭގަ އެބަހިފެހެއްޓޭ. އުންމީދަކީ އެއް ވަނަ ނޫނީ ދެ ވަނައިގައި މި އަހަރު ނިންމާލުން،"

ރާޅާ އެޅުން އޮތީ ކަބޯގެ ހަޔާތުގެ ކޮންމެ ނިންމުމަކާ އަބަދުވެސް ގުޅިފަ އެވެ. ޒުވާން އުމުރުގައި ސްކޫލާއި އާއިލާގެ އެކި ކަހަލަ ޕްރެޝަރުތަކުގެ ތެރެއިން ވެސް އޭނާ އަށް އަމިއްލަ ނަފްސާ މެދު އިތުބާރު ހޯދައިދިނީ ސާފިން އިން ކުރިއަށް ދެވިދާނެ ކަމަށް އޮތް އުންމީދެވެ. ކިޔަވަން މާ ބޮޑަށް ނޫޅޭތީ، އެކި ގޮތްގޮތުން އަމާޒުވި ފާޑުކިޔުންތަކަށް، އޭނާ ނުބަލަ އެވެ. ފޯކަސް ކުރަމުން އައީ ދުވާލެއްގެ މައްޗަށް ހަތަރު ވަރަކަށް ގަޑިއިރު މޫދުގައި އޮވެ، ރަަށުން އެހީތެރިވާ ރަށްޓެހިންނާއި މީހުންގެ ލަފާތައް ހޯދައި، ގައްދޫގެ ސާފިން ސްޕޮޓްގެ ރާޅުތަކުގެ ތެރެއިން ގިނަ ކަންކަން ދަސްކުރުމަށެވެ.

"ފެށިިއިރު، ވެސް މަޖާ ކުރުމުގެ ވިސްނުމުގައެއް ނޫން، އަސްލު ވަރަށް ކުރާހިތުން ސީރިއަސްކޮށް ކުރީ، ސްކޫލުން ހަމަ ގެ އަށް ގޮސްފައިދާނީ ރާޅަށް. ގާތްގަނޑަކަށް ހަތަރު ގަޑިއިރު ތިން ގަޑިއިރު މޫދުގައި އުޅެން. ސްކޫލުގައި އިންނައިރު ކިޔެވުމަށް ވުރެ، ބޮލުގައި އިންނަނީ ރާޅަށް ދާން. މަންމަ މެން ބުނޭ ނުދާން ވެސް، ސްކޫލުން ވެސް ވަރަށް ޕްރެޝަރު އޮވޭ، ކިޔެވުމައިގެން ނުޅޭތީ، އެކަމަކު، ހިތް އެކަމަށް (ރާޅަށް) އޮތީމަ ދެވެނީ ވަގަށް ވިޔަސް،" ކަބޯ ބުންޏެވެ.

ކޮންމެ ކުޅިވަރު ކުޅުންތެރިއަކު ވެސް އަމިއްލަ ނަފްސަށް އޮންނަ ޔަގީންކަން ދަމަހައްޓަނީ އެ ކުރާ ކަމަކަށް ދޭ އަހައްމިއްޔަތު ކަމަކަށް ބަަލައިގެންނެވެ. އިތުބާރު ހޯދަނީ ތައްޔާރީތަކަށް ވިސްނައި، ރަނގަޅު ކުރަން ހުރި ކަންކަމަށް ވީ އެންމެ ބޮޑަކަށް މަސައްކަތް ކޮށްގެންނެވެ. ރާޅާ އެޅުމަކީ ވެސް އޭގެ އޭގެ އަސްލު ފެންވަރުގައި އެކަން ކުރާނަމަ، ވަރަށް ސިކުނޑި ތަނަވަސްކޮށް ބަހައްޓައިގެން ރަނގަޅަށް ސަމާލުވެ، ހުރެގެން ކުރެވޭނެ ކަމެކެވެ.

ކަބޯގެ ކެރިއަރުގެ މިހާތަނަށް އޭނާ ގަބޫލުކުރަމުން އައި އެއް ކަމަކީ، ރާޅު ދަސްނުކޮށް، ރާޅަށް އެރުމަކީ ފަހަތަށް އެޅޭ ފިޔަވަޅެއް ކަމެވެ. ރާޅަށް އެރޭއިރު، އެ ދަސްކޮށްގެން، އެ ރާޅު އެ އަންނަ ގޮތާ ގުޅޭ ހާލަތު ދެނެގަނެގެން އެކަން ކުރާނަަމަ އޭގެ މޮޅު އިތުރެވެ. އެއީ ކަބޯގެ ސާފިން ކެރިއަރުގައި މިހާތަނަށް ވެސް ކުރިއެރުމަކަށް ފަހު ކުރިއެރުމެއް ފެންނަ އެންމެ ބޮޑު ސަބަބުކަން އޭނާ އުފަލާ އެކު ފާހަގަކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox